ވޮލީބޯޅައިގެތެރެއަށް ސިޔާސީ ނުފޫޒު ނުވެއްދުމަށާއި، އެފްއައިވީބީއިން އަންގާފައިވާ އެންގުންތަކާއި އެއްގޮތަށް މަސައްކަތް ކުރުމަށް ސެންޓަރަލް ޒޯންގެ ޖެނެރަލް ސެކެޓްރީ ކްލިޗްބެކް ސަރްބަގީޝެވް ރާއްޖެއަށް އިލްތިމާސް ކުރައްވައިފިއެވެ.
ބަންގްލަދޭޝްގައި މިއަދު ފަށާ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ޓެކްނިކަލް މީޓިންގައި ރާއްޖޭގެ ފަރާތުން ހުށައެޅި ބައެއް ސުވާލުތަކަށް ޖަވާބުދެއްވަމުން ސެންޓްރަލް ޒޯންގެ ޖެނެރަލް ސެކެޓްރީ ކްލިޗް ވިދާޅުވީ، ދިވެހި ވޮލީބޯޅައަށް ދިމާވެފައިވާ ހާލަތު އޭވީސީއަށާއި އެފްއައިވީބީއަށް އެނގޭކަމަށާއި، އެމައްސަލަތަށް މިހާރު ބަލަމުންދަނީ އެފްއައިވީބީއިންކަމަށެވެ. އަދި ވޮލީބޯޅައިގެ ތެރެއަށް ސިޔާސީ އެއްވެސް ނުފޫޒެއް ވަނުމަކީ އޭގެ ސަބަބުން ކުޅުންތެރިންނަށްވެސް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެއްކަމަށް ކްލިޗް ވިދާޅުވިއެވެ.
ކްލިޗް ވިދާޅުވީ ރާއްޖޭގެ ވޮލީބޯޅައިގެ މައްސަލާގައި އެފްއައިވީބީއިން އަންގާފައިވާ އެންގުންތަކަށް އިހުތިރާމް ކުރުން ބުއްދިވެރި ކަމަށާއި، ވޮލީބޯޅައަށް ސިޔާސީ ނުފޫޒު ވަންނަނަމަ އޭގެ ސަބަބުން ބައިނަލްއަޤްވާމީ މައިދާނުގައިވެސް ދިވެހި ވޮލީއަށް ނަތީޖާ ނެރުމުގައި އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެކަމަށެވެ.
ކްލިޗް ވިދާޅުވީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެ ބައިވެރިކުރުމާގުޅޭގޮތުން އެފްއައިވީބީ އާއި އޭވީސީގެ ނިންމުން ވަރަށް ސާފުކޮށް އަންގާފައިވާނެ ކަމަށާ، އެގޮތުން މުބާރާތުގައި ރާއްޖޭގެ ޤައުމީ ޓީމާ ގުޅުންހުރި ކަންކަމުގައި ހަމައެކަނި އިންތިޚާބީ ރައީސް މުޙައްމަދު ލަތީފްގެ ސޮއެ ބަލައިގަތުމަށް އޭވީސީއިންވެސް ބަންގްލަދޭޝްގެ އެސޯސިއޭޝަނަށް އަންގާފައިވާނެކަމަށެވެ.
"ދިވެހި ވޮލީބޯޅައިގެ ހާލަތު އެނގޭ، ވޮލީބޯޅައިގެ ތެރެއަށް ސިޔާސީ ނުފޫޒު ވަނުމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން، އެކަން ހުއްޓާލަންވެއްޖެ، އެކަމުގެ ނޭދެވޭ އަސަރު ކުރާނީ ހަމަ ކުޅުންތެރިންނަށާއި ދިވެހި ވޮލީބޯޅައަށް، މިކަމުގަ އެފްއައިވީބީ އާއި އޭވީސީގެ ނިންމުން ވަރަށް ސާފު، އިންތިޚާބީ ރަޢީސް ލަތީފްގެ ސޮއެ އެކަނި ބަލައިގަންނަން އަންގާފަ އޮތީ، އަނެއްކޮޅުން މައްސަލަ އަކީ އެފްއައިވީބީއިން މިހާރު ބަލަމުންދާ މައްސަަލައެއް، އެހެންވީމަ އެފްއައިވީބީގެ ނިންމުންތަކަށް އިހުތިރާމްކުރޭ،" ކްލިޗް ވިދާޅުވިއެވެ.
ރާއްޖެއިން އެންމެ ފުރަތަމަ މުބާރާތުގައި ބައިވެރިވަށް އޭރުގެ ނޯމަލައިޒޭޝަން ކޮމިޓީން ބަންގްލަދޭޝްގެ އެސޯސިއޭޝަންއަށް ޓީމު ލިސްޓު ފޮނުވުމުން އޭވީސީއިން ވަނީ މުބާރާތުގައި ރާއްޖެއާއި ގުޅުންހުރި ކަންކަމުގައި އިންތިޚާބީ ރައީސް ލަތީފްގެ ސޮއެ ބަލައިގަތުމަށް އަންގާފައެވެ. އެހެންކަމުން ބަންގްލަދޭޝްގެ އެސޯސިއޭޝަނުން ވަނީ އަލުން ޓީމް ލިސްޓު އަނބުރާ ރާއްޖެ ފޮނުވާލާފައެވެ.
ރާއްޖެ މުބާރާތުގައި ބައިވެރިކުރުވީ ފަހުން އިންތިޚާބީ ރައީސް ލަތީފްގެ ސޮއާއެކު ޓީމް ލިސްޓު ފޮނުވުމުންނެވެ.