ޚަބަރު

ރާއްޖޭގެ ބާސްކެޓްއަަށް އެހީވެދެން ތައްޔާރު - ދުސަން


ދިވެހި ބާސްކެޓް ކުޅުންތެރިންނާއި އެއްކޮށް މަސައްކަތް ކޮށްލުމަކީ ލިބިގެންދިޔަ އުފަލެއްކަމަށާއި ބާސްކެޓް ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ހުރިކަމަށް ތްރީ އޮން ތްރީ ބާސްކެޓްގެ ދުނިޔޭގެ ޗެމްޕިއަން ދުސަން ޑޮމޮވިޗް ބުނެފިއެވެ.

ކުޅުދުށްފުށީގައި ކުރިޔަށްދާ ބާދުޝާހު ޑަބްލިއުއެސްއޭ ބީޗް ގޭމްސްގައި ބައިވެރިވުމަށް ތްރީ ދުސަން ވަނީ އިއްޔެ ކުޅުދުށްފުޓަށް ޒިޔާރަތްކޮށްފައެވެ. އޭނާ ރާއްޖެއަށް ކުރަމުންދާ މި ދަތުރަކީ ރެޑްބުލުގެ އެހީގައި ރާއްޖޭގައި ތްރީ އޮން ތްރީ ބާސްކެޓް ޓްރެއިނިން ތަކެއް ހިންގުމަށެވެ.

ކުޅުދުށްފުޓަށް ދުސަން ކުރި ޒިޔާރަތުގެ ތެރެއިން ޕީއެސްއެމް ސްޕޯޓްސް އަށްް ދިން އެކްސްކޫލިސިވް އިންޓަރވިއުއްގައި ވާހަކަދައްކަމުން ދުސަން ބުނީ އޭނާ ރާއްޖޭގައި ކުރިޔަށް ގެންދާ ޓްރެއިނިންތަކުގައި ބާސްކެޓްެގެ ހުނަރުތަކާއި ބާސްކެޓްގައި ބޭނުންކުރާ މުހިއްމު އުކުޅުތައް ބުނެދޭނެކަމަށެވެ. އަދި މި ޓްރެއިނިންތަކުގެ ތެރެއިން ރާއްޖޭގައި ތިބި ބާސްކެޓަށް ޝައުގުވެރިވާ ކުޅުންތެރިންނާއި ބައްދަލުވުމަކީ ލިބިގެންދާ ބޮޑު އުފަލެއްކަމަށާއި ބާސްކެޓް ކުރިއަރުވަން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ވެސް ދުސަން ބުނެއެވެ. 

“ ކޮންމެ ކުޅިވަރަކުންވެސް ކުރިއަރާނީ އެކަމެއް ވަރަށް ގަޔާވެގެން ކުރީމަ. އަބަދުވެސް ވިސްނަންވާނީ އެއް ދުވަހަށް ވުރެއް ބުރަކޮށް އެނެއް ދުވަހު މަސައްކަތް ކުރުމަށް. ކޮންމެ ދުވަހަކީވެސް ފިލާވަޅެއް ދަސްވާނެ ދުވަހެއް. ކިތަންމެ މޮޅު ފިލާވަޅެއް ދަސްކުރިކަމުގައި ވީނަމަވެސް، އަދި ކިތަންމެ މޮޅު ހުނަރެއް ދަސްކުރި ނަމަވެސް އެކަން ހާސިލް ކުރެވޭނީ އެކަމަށް އޮންނަ ލޯތްބެއްގެ ސަބަބުން. ކުޅިވަރަށް ލޯބި އޮންނަނަމަ، ކޮންމެ ކަމެއްވެސް ހާސިލް ކުރަން ވަރަށް ފަސޭހަވާނެ.” ދުސަން ބުންޏެވެ.

ދުސަން ވަނީ ވަކި އިސްކޮޅަކާއި ވަކި ބަރުދަނެއް ހުންނަ މީހުންނަށް ނޫނީ ބާސްކެޓް ނުކުޅެވޭނެކަމަށް ދެކޭ ދެކުން ދޫކޮށްލުމަށް ބާސްކެޓް ކުޅުންތެރިންނަށް ގޮވާލާފައެވެ. ރާއްޖޭގެ ކުޅުންތެރިންގެ ސައިޒާއި ބެހޭގޮތުން ވާހަކަދައްކަމުން ދުނިޔޭގެ ޗެންޕިއަން ދުސަން ބުނީ ބޭނުންވަނީ މީހާގެ ސައިޒް ނޫންކަމަށާއި މުހިއްމީ ކުޅިވަރަށް އޮތް ލޯތްބާއި އެކަމަށް ދޭ ވަގުތުކަމަށެވެ.

“ މިއަދު ރާއްޖޭގެ ކުޅުންތެެރިންނާއެކު މެޗް ކުޅުނުއިރު، އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ ކުޅުންތެރިން ބާސްކެޓްއެއް އޮތް ލޯބި. ކުޅުންތެެރިންގެ ކިބާގައި ހުނަރު އެބަހުރި. މިއީ މިއަދު އަޅުގަނޑަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަހުރެއް. މިއީ ރާއްޖޭގެ ކުޅުންތެެރިންނާއެކު ކުޅުނު ފުރަތަމަ ފަހަރު، ނަމަވެސް އެކުޅުންތެެރިންގެ ހުނަރު ވަރަށް ބޮޑަށް ފެނިގެންދިޔަ. މިއަދު މިފެނިގެންދިޔައީ ކުޅުންތެރިންގެ އަދި ވަރަށް ކުޑަ މިންވަރެއް. އެހެންވީމަ ކުޅުންތެރިންގެ މާބޮޑަކަށް ދަހެއް ނުވޭ. އަދި ކުޅުންތެރިންގެ ކުޅުންވެސް މާބޮޑަކަށް ފެނިގެން ނުދޭ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ގެންދާ ކޭމްޕުގައި ރާއްޖޭގެ ކުޅުންތެރިންގެ ހުނަރު ފެނިގެންދާނެ.” ދުޝަން ބުންޏެވެ.

ދުޝަން ކުޅުދުށްފުޓަށް ކުރަމުންދާ ދަތުރުގެ ތެރެއިން އެނާ ވަނީ ދިވެހި ބައެއް ކުޅުންތެރިންނާއި އެކު ތްރީ އޮން ތްރީގެ މެޗެއް ކުޅެފައެވެ. ދައްކާލުމުގެ މެޗެއްގެ ގޮތުގައި ކުޅުނުނމި މެޗްގައި މިވަގުތު ރާއްޖޭގައި ތިބި ތްރީ އޮން ތްރީ ބާސްކެޓްގެ އެންމެ ކުރީ ސަފުގައި ގުނެލެވޭ މޮޅުތި ކުޅުންތެރިންވަނީ ދުސަންއެާއި ދެކޮޅަށް ކުޅެފައެވެ. 

ދުނިޔޭގެ ތްރީ އޮން ތްރީގެ ޗެމްޕިއަންގެ ގޮތުގައި މިވަގުތު ހުރި ދުސަން ވަނީ އެއްއައިވީބީއިން ހޮވާ ތްރީ އޮން ތްރީ ބާސްކެޓްބޯޅައިގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 4 ފަހަރު ހޯދާފައެވެ. އަދި 4 ފަހަރު ވޯލްޑް ޓުއަރގެ ޗެންޕިއަންކަން ހޯދުމުގެ އިތުރުން ދުސަންވަނީ 2 ފަހަރު ޔޫރަޕިއަން ކަޕް ޗެންޕިއަންކަންވެސް ހޯދާފައެވެ.