ދައުލަތުގެ އިދާރާތަކުން މަތީ ތައުލީމާއި ތަމްރީނު ދިނުމާގުޅޭ އައު އުސޫލެއް ހަދައި ރަޖިސްޓްރީވާން ހުޅުވާލައިފިއެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ޢާއްމުކުރި އުސޫލުގައިވާގޮތުން ސަރުކާރުގެ އިދާރާތަކަށް ހިންގޭނީ އެ މުއައްސަސާތަކަށް ހާއްސަ ދާއިރާއިން އެތަނެއްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމްތަކެވެ.
ދައުލަތުގެ އިދާރާތަކުން މަތީތަޢުލީމާއި ތަމްރީނު ދިނުމާގުޅޭ އުސޫލެއް ކަނޑައަޅާފައިވާއިރު މިއުޞޫލުގެ ދަށުން މުވައްޒަފުންގެ އިތުރުން ޢާއްމުންނަށް ކޯސް ހިންގޭނީ މިނިސްޓްރީގެ ހުއްދަ ލިބިގެންނެވެ.
އަދި އެގޮތަށް ވެސް ހިންގޭނީ އެ މުއައްސަސާއަށް ޚާއްސަ ދާއިރާގެ ކޯސްތަކެވެ. މޮބައިލްކޮށް ތަޢުލީމާއި ތަމްރީނުދޭ ތަންތަނުން އެއްފަހަރާ އެއްތަނެއްގައި ފަސް ދަރިވަރުންނަށްވުރެ ގިނައިން ބައިވެރިކޮށްގެން ކުރިއަށް ގެންދާނަމަ ޕްރޮގްރާމް ހިންގަން ބޭނުންވާ ތަނުގެ މަޢުލޫމާތު މިނިސްޓްރީއަށް ހުށައަޅަންވެސް ޖެހެއެވެ.
މަރުކަޒު ރަޖިސްޓްރީކުރުމަށް ފަހު ކޮންމެ ތިން އަހަރަކުން، އެމަރުކަޒެއްގެ ފެންވަރު ހިފެހެއްޓިފައިވޭތޯ މިނިސްޓްރީން އޮޑިޓްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޮޑިޓްކުރުމުގެ ތެރޭގައި މިންގަނޑުތަކާ ޚިލާފުވެއްޖެނަމަ ރަޖިސްޓްރީ ބާޠިލްކުރުމުގެ އިޚްތިޔާރު ލިބިގެންވާކަމަށް އުޞޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި އެއްވެސް ކޯހެއް ނުހިންގާތާ އެއް އަހަރު ވެއްޖެނަމަވެސް ރަޖިސްޓްރީ ބާތިލްކުރާގޮތަށް ވަނީ ނިންމާފައެވެ.
މި އުސޫލް ބުނާ ގޮތުން އެފަދަ އިންސްޓިޓިއުޓުތަކުގައި ކިޔަވައިދޭ ލެކްޗަރާއިންގެ %10 މީހުންނަކީ ފުލްޓައިމް ލެކްޗަރާއިންނަށް ވާންޖެހެއެވެ. އަދި އެފަދަ މަރުކަޒެއް ރަޖިސްޓްރީކޮށްދޭނީ ހުށަހަޅާ ޕްރޮޕޯޒަލް ދިރާސާކޮށް ވަސީލަތްތަކާއި އިމާރާތުގެ ފެންވަރު ބެލުމަށްފަހުގައިކަމަށެވެސް އެއުޞޫލްގައިވެއެވެ. މި އުޞޫލްގެ ދަށުން މަރުކަޒު ރަޖިސްޓަރ ކުރުމަށް ފީގެ ގޮތުގައި 5000 ރުފިޔާ ދައްކަންޖެހެއެވެ.
އުސޫލުގައިވާގޮތުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ހިމެނޭ ކޯސްތައް ހިންގުމުގެ ހުއްދަ ދޭނީ އެމުއައްސަސާގެ މެންޑޭޓުގައި، ސަރުކާރުގެ ނުވަތަ އަމިއްލަ މަރުކަޒުތަކުން ހިންގަން ދަތިވާ ފަދަ ވަކި ރޮނގުތަކަށް ތަމްރީނު ބޭނުންވާ އިދާރާތަކަށް އެކަންޏެވެ. އަދި އެކޯސްތައް ހިންގޭނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް މުޤައްރަރު ހުށަހަޅައި އެފާސްވެގެންނެވެ.
މިފަދަ އުޞޫލެއް ހަޔަރ އެޑިއުކޭޝަނުން އެކުލަވާލާފައިވަނީ އެއް މިންގަނޑެއްގެދަށުން ހަމަހަމަކަމާއެކު މުއައްސަސާތަކަށް ތަމްރީނު ހިންގޭނެ މަގުފަހިކޮށްދިނުމާއި ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގެ ފެންވަރު ކަށަވަރުކުރުމުގެ އިތުރުން ދައުލަތުން ތަމްރީނަށް ކުރާ ހޭދަ ކުޑަކުރުމަށެވެ.