މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ދަރިވަރުންނާއި އެކު ބެލެނިވެރިންވެސް ދޮޅު މަހެއްހާއި ދުވަހުގެ ޗުއްޓީއަށް އެ ދިޔައީއެވެ. މި ފަހަރު ޗުއްޓީއަށް ދިޔައިރު ބެލެނިވެރިންނަށް ޔަޤީންވި އެއްކަމެއް ގައިމުވެސް އެބައޮތެވެ. އެއީ ކޮންމެ ދިރާސީ އަހަރެއް ނިމި އަނެއް އަހަރު ފެށިގެން ދުވަސްކޮޅެއް ވަންދެން ބެލެނިވެރިންގެ ބޮލުގައި ރިހޭ ރިހުމެއް މިފަހަރު ނޯންނާނެކަމުގެ ފުރިހަމަ ޔަގީންކަމެވެ.
ކޮންމެ ދިރާސީ އަހަރެއް ނިމި ސްކޫލް ބަންދުވުމުގެ ކުރިން ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތަކާއި ސްޓޭޝަނަރީ ވައުޗަރާއި ފޮތް ލިސްޓް ހަވާލުކުރުމަށް އެއިރެއްގައި އޮންނަ ސަރުކާރަކުން ގަދަ އަޅާ މަސައްކަތްކުރަމުން އާދެއެވެ. އެހެންނަމަވެސް އެކަން މިހާތަނަށް ފެންނަމުން އައީ ދިމާ އިދިކޮޅަށެވެ. ދިރާސީ އަހަރުގެ ކިޔެވުން ނިމި އަނެއް އަހަރުގެ ކިޔެވުން ފެށޭއިރުވެސް ޓެކްސްޓް ފޮތްތައް ނުލިބޭ ދަރިވަރުންގެ ލިސްޓް ކިތަންމެހާވެސް ދިގެވެ.
ބައެއް ފަހަރު ކިޔެވުން ފެށި ތިން ހަތަރު ހަފްތާވެގެންދާއިރުވެސް ކުދިންނަށް ފޮތްތައް ނުލިބި ދަރިވަރުންގެ ކިޔެވުމަށް ހުރަސްތައް ކުރިމަތިވެ ބެލެނިވެރިން އިންތިހާއަށް ރުޅި އައިސް އެ ރުޅިގަނޑު ސަރުކާރާއި ސްކޫލްތަކަށް ބާލާލައެވެ. މީ 2007 ވަނަ އަހަރުން ފެށިގެން ސްކޫލްދަރިވަރުންނަށް ހިލޭ ފޮތްތައް ދޭން ފެށިފަހުން ކޮންމެ އަހަރަކު ފެންނަމުން އަންނަ ބަދަލުނުވާ މަންޒަރެކެވެ.
ބައެއް ފަހަރު ކިޔެވުން ފެށި ތިން ހަތަރު ހަފްތާވެގެންދާއިރުވެސް ކުދިންނަށް ފޮތްތައް ނުލިބި ދަރިވަރުންގެ ކިޔެވުމަށް ހުރަސްތައް ކުރިމަތިވެ ބެލެނިވެރިން އިންތިހާއަށް ރުޅި އައިސް އެ ރުޅިގަނޑު ސަރުކާރާއި ސްކޫލްތަކަށް ބާލާލައެވެ. މީ 2007 ވަނަ އަހަރުން ފެށިގެން ސްކޫލްދަރިވަރުންނަށް ހިލޭ ފޮތްތައް ދޭން ފެށިފަހުން ކޮންމެ އަހަރަކު ފެންނަމުން އަންނަ ބަދަލުނުވާ މަންޒަރެކެވެ.
އަހަރުތަކެއް ވަންދެން ހައްލުނުވެ މީގެ ކޮޅެއްވެސް ނުފެންނާނެކަމަށް ބެލެނިވެރިން ޤަބޫލުކުރަމުން އައި މި ސަގާފަތް މި އަހަރު އެޑިއުކޭޝަން މިނިސްޓްރީން މިވަނީ ބަދަލުކޮށްލާފައެވެ.
މިއަހަރުގެ ދިރާސީ ކިޔެވުން ނިމި ސްކޫލްތައް ބަންދުވުމުގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން މިވަނީ ބެލެނިވެރިންނާއި ދަރިވަރުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްފައެވެ. މިއަހަރުގެ ކިޔެވުން ނިމި ދަރިވަރުން ޗުއްޓީއަށް ދިޔައިރު އެޑިއުކެޝަން މިނިސްޓްރީން މިވަނީ ސަރުކާރުގެ ތަޢުލީމީ ސިޔާސަތުތަކާ އެއްގޮތަށް މި އަހަރަށް ހާސިލުކުރަން ކަނޑައެޅި ހުރިހާކަމެއް ފުރިހަމަކުރުމަށްފަހުއެވެ.
މިގޮތުން ސަރުކާރުން ހިންގާ ހުރިހާ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުން އަންނަ އަހަރަށް ބޭނުންވާ ފޮތްތަކާއި ސްޓޭޝަނަރީ ވައުޗަރުތައް ދަރިވަރުންނަށް ރިޕޯޓް ފޮތް ދިން އިރު މިވަނީ ހަވާލުކޮށް ނިންމާފައެވެ.
ދަރިވަރުންނާއި ބެލެނިވެރިންނަށް ވީހާވެސް ފަސޭހަ ނިޒާމަކުން ފޮތްތައް ހަވާލުކުރުމުގެ މަސައްކަތްތައް ކުރުމުގެ ގޮތުން ދުރާލާ ރޭވިގެން ސަރުކާރުން ހިންގާ 213 ސްކޫލަށް މިމަހުގެ 2 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރަށް ބޭނުންވާ ފޮތްތައް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފޮނުވަން ފަށާފައެވެ. އަދި ކޮންމެ ދަރިވަރެއްވެސް ޗުއްޓީއަށް ދިޔައީ އެ ކުއްޖަކަށް އަންނަ އަހަރަށް ބޭނުންވާ ފޮތް ބައި ހިފައިގެންނެވެ. މި ފޮތްތަކުގެ ތެރޭގައި ނެޝަނަލް ކަރިކިއުލަމްގެ ދަށުން އަންނަ އަހަރު ދަރިވަރުންނަށް ބޭނުންވާ ފޮތްތައްވެސް އެބަހުއްޓެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ރޭވުންތެރިކަމާއި ފަސޭހަކަމާއި އެކު ހަމަޖެއްސި އިންތިޒާމުތަކުން އެންމެ ބޮޑަށް ހިތްހަމަޖެހުނީ މި ނިމުނު ދިރާސީ އަހަރު ތައުލީމީ ހާސިލުކުރި ހަތްދިހަ ދެހާސް ނުވަސަތޭކަ ފަންސާސް ދަރިވަރުންގެ ބެލެނިވެރިންނެވެ. މިނިސްޓްރީގެ މި އިންތިޒާމުތަކަށް ބެލެނިވެރިން ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެޑިއުކޭޝަން މިނިސްޓަރަށް ޑރ އައިޝަތު އަލީއަށް ޝުކުރު އަދާކޮށް އެކަމަނާގެ ހިތްވަރަށް ސާބަސް ދެމުންނެވެ.
ބެލެނިވެރިން އެންމެ އުފާވަނީ ދަރިވަރުންނަށް ދުރާލާ ޓެކްސްޓް ފޮތްތައް ލިބުމުން ބޮޑު ޗުއްޓީ ތެރޭގައިވެސް ކޮންމެވެސް ވަރަކަށް ފޮތްތައް މުޠާލިޔާ ކުރުމުގެ ފުރުޞަތު ލިބިގެން ދިޔުމުންނެވެ. އަދި އެއް ގުރޭޑުން އަނެއް ގްރޭޑަށް ބަދަލުވާއިރު ސްކޫލަށް ދިޔުމުގެ ކުރިން ފިލާވަޅުތަކަށް ތައްޔާރުވުމަށް ފަރިތަކޮށްލެވޭނެތީއެވެ.
މިނިސްޓަރ ޑރ އައިޝަތު އަލީއަށް ޝުކުރު އަދާކޮށް ބެލެނިވެރިޔަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިނިސްޓަރ ތަފާތުކަން މިއަހަރު ދައްކައިފިކަމަށެވެ. އަހަރުތަކެއް ވަންދެން ނުވި ކަންތައް ފިސާރި ކެރިގެން ނުކުމެ މިނިސްޓަރ ކޮށްލައިފިއެވެ. މީ ބެލެނިވެރިއެއްގެ ވާހަކައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފޮތްތައް ޑިޖިޓަލައިޒްކުރުމުގެ ޕައިލެޓް ޕްރޮޖެކްޓެއް އަންނަ އަހަރު ކުރިޔަށް ގެންދިޔުމަށް ނިންމާފައެވެ. މިގޮތުން މިހާރު ބައެއް ފޮތްތައް ޑިޖިޓަލައިޒް ކޮށް ނިމިފައިވާކަމަށް އެޑިއުކެޝަން މިނިސްޓްރީން ވިދާޅުވެއެވެ. މިއާއެކު އަނެއްކާވެސް ތަޢުލީ ދާއިރާގެ ކުރިއެރުމަށް އިތުރު ބޮޅެއް އިތުރުވެގެންދާނެއެވެ.
ކޮންމެ އަކަސް އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީއަށް ރައްޔިތުން މަޖިލީހުން އޭ ސްޓަރ ދިން އިރު ބެލެނިވެރިންވެސް ދިރާސީ އަހަރު ނިންމާލީ މިނިސްޓަރަށް ހުރިހާ ކަމަކުން އޭ ސްޓާރ ދެމުންނެވެ.