ޚަބަރު

މެޑިސިން ކިޔަވަން ބޭނުންވާ ކުދިންނަށް އިތުރު ފުރުޞަތުތަކެއް ދޭނަން - ހަޔރ އެޑިއުކޭޝަން މިނިސްޓަރ


މެޑިސިން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ލޯނާއި ސްކޮލަޝިޕްގެ، އިތުރު ފުރުސަތުތަކެއް ދޭން ނިންމަވާފައި ވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ.އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަޞީލް ދެންނެވި ސުވާލަށް ޖަވަބު ދެއްވަމުން މިނިސްޓަރު ވަނީ މިސަރުކާރު ވެރިކަމާ ހަވާލުވެ ފުރަތަމަ ސްޓޫޑަންޓް ލޯނު ސްކީމް ހުޅުވާލިއިރު އޭގެތެރޭގައި މެޑިސިން ހިމެނިފައި ނެތްކަމަށެވެ.

މިދާއިރާއިން ރާއްޖެއިން ބޭރަށް ކިޔަވަންދާން ލޯނުގެ ފުރުސަތު ދެވިފައި ނެތީ އޭރު އަމަލުކުރަމުންދިޔަ އުސޫލުގެ ދަށުން މެޑިސިންއަކީ ރާއްޖޭގައި ކިޔަވައިދޭ ދާއިރާއަކަށް ވާތީކަމަށެވެ. އަދި ދެވަނަ ފަހަރަށް ލޯންނަށް ހުޅުވާލި ފުރުޞަތުގައި ރާއްޖެއިން ބޭރުން މެޑިސިން ކިޔަވުމުގެ ފުރުޞަތު ދޭންޖެހޭކަން ފާހަގަކުރެވިފައިވާކަމަށާ، ކުރިއަށް އޮތްތަނުގައި ސްޓޫޑަންޓް ލޯންތައް ފަދަ ސްކީމްތައް ހުޅުވާލާއިރު މެޑިސިން ފަދަ ދާއިރާތަކަށް ވަރަށް ބޮޑަށް އިސްކަންދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެހެންނަމަވެސް އެފަހަރު ބޭނުންނުކުރެވުނު އަދަދުތަކަށް ދެވަނަ ފަހަރަށް އިއުލާނުކުރި އިރުގައި އަޅުގަނޑުމެންނަށް ތިކަން ފާހަގަކުރެވިގެން ނީޑް އޮތްކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވިގެން އަޅުގަނޑުމެން މެޑިސިން އެ ދާއިރާ ހިމެނީ. އެހެންނަމަވެސް އަޅުގަނޑުމެން އޭރު އިއުލާންކުރީ ބާކީ ހުރި ސްލޮޓްތައް ކަމަށްވާތީ އަޅުގަނޑުމެންނަށް އިއުލާންކުރެވުނީ ވަރަށް މަދު އަދަދަކަށް" މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރު ހުޅުވާލި ސްޓޫޑަންޓް ލޯނު ސްކީމްގެ ދަށުން މެޑިސިންއަށް ދީފައިވަނީ ވަރަށް މަދު ފުރުޞަތުތަކެކެވެ.
ރާއްޖޭގެ މެޑިކަލް ސްކޫލްގައި މިދިޔަ އަހަރު ވަނީ ކިޔަވައިދޭން ފަށާފައެވެ. އަދި ހިލޭ ޑިގްރީއަށް ކިޔަވައިދޭން ފެށުމުން މެޑިސިންވެސް ކިޔަވައިދެނީ ހިލެއެވެ. މިއަހަރު ވަނީ ސްކޫލްގެ މެޑިސިންގެ ދެވަނަ ބެޗެއްވެސް ކިޔަވަން ފަށައިފައެވެ. މިގޮތުން މިހާރު ރާއްޖޭގައި 49 ދަރިން ދަނީ މެޑިސިން ކިޔވަމަުންނެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ލޯނު ދޫކުރާ އުޞޫލަށްވެސް ބަދަލުގެނައުމަށް ނިންމާފައެވެ. މިގޮތުން ލޯނުދޫކުރާއިރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ ދަރިވަރުންނަށް ލޯނު ލިބޭގޮތް ފަހިވާނެހެން އުސޫލު ބަދަލުކުރުމަށްވެސް ވަނީ ނިންމާފައެވެ.