އަނިޔާވެރިކަމާއި ނާއިންސާފުން ކަންކަން ވެދާނެތީ މިއަދު ރައްޔިތުން ބިރުގަންނަން ނުޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ތިލަ އުތުރު އުއްތަމަ އަރުތަވެރިންނަށް އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ނާއިބު ރައީސް ވިދާޅުވީ ނާ އިންސާފާއި އަނިޔާވެރިކަން މި ސަރުކާރާއި އެކު ނިމުމަކަށް ގެނެވިއްޖެކަމަށެވެ. އަދި މިއަދު ރާއްޖެއަކީ އަމާންތަނެއްކަމަށާއި ޤައުމަށް ހަމަ ނޭވާލުމަށް ފުރުސަތު ދޭންޖެހޭކަމަށެވެ.
ނާއިބު ރައީސް ވިދާޅުވީ މި ސަރުކާރަކީ ދިވެހި ހުރިހާ ރައްޔިތުންގެ ސަރުކާރެއްކަމަށާއި މި ސަރުކާރާއު ދެކޮޅަށް ވޯޓް ދިން މީހުންނަށްވެސް އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުއްވާނެކަމަށެވެ. އަދި ތަރައްޤީއާއި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެއްވެސް ރަށެއް ތަފާތު ނުކުރައްވާނެކަމަށްވެސް ނާއިބު ރައީސް ވިދާޅުވިއެވެ.
މީގެކުރިން ދިވެހިން ކަންބޮޑުވުން އޮތީ ދުނިޔޭގެ ނޫސްތަކުގައި ރާއްޖެއަކީ ހަމަޖެހުމެއްނެތް ތަނެއްކަން ފާހަގަކޮށް ފަތުރުވެރިން ރާއްޖެއަށް ނައުމަށް ގޮވާލަމުން ގެންދާތީކަމަށެވެ. އެހެންނަމަވެސް މިއަދު ރާއްޖެއަކީ އަމާންތަނެއްކަން މުޅި ދުނިޔެއަށް އެނގޭކަމަށާއި ރާއްޖޭގައި މި އޮތް ހަމަޖެހުން ނަގާލުމަށް މަސައްކަތް ނުކުރުމަށް ގޮވާލައްވާފައެވެ. އެގޮތުން ސަރުކާރު ރާވާ މަޝްރޫއުތައް ހިންގިޔަ ނުދިނުމަށް އެކި ބަހާނަތައް ދައްކާ ވަގުތުތައް ނަގާލަމުންދާކަމަށްވެސް ނާއިބު ރައީސް ވިދާޅުވިއެވެ.
" މިއަދުގެ ސަރުކާރު ނރައްޔިތުން ގެނެސްފައިވަނީ ހަމަހަމަކަން ޤާއިމުކުރުމަށާއި ތަފާތުކުރުންތައް ނައްތާލުމަށް. އެންމެން ގުޅިގެން ކުރާ މަސައްކަތުން ރާއްޖޭގައި ހަމަޖެހުން ޤާއިމުވާތަން އެބަފެނޭ. ޤައުމެއްގައި ހަމަޖެހުމެއް ނެތިއްޔާ އިޤްތިޞާދު ކުރިއަރައިގެން ނުދާނެ" ނާއިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވިއެވެ.
ސަރުކާރުން އެންމެ އިސްކަމެއް ދެނީ ރާއްޖޭގައި ހުނަރުވެރި ޤާބިލު މަސައްކަތްތެރި ޖީލެއް އުފެއްދުމަށްކަމަށާއި މިކަން ހާސިލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތައް ކުރައްވަމުން އަންނަކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.
އެގޮތުން ތަޢުލީމީ ދާއިރާއަށް އެއްވެސް ސަރުކާރަކުން މިހާތަނަށް ނުކުރާ ހޭދަތަކެއްކޮށް އެކި ދާއިރާތަކުން ޒުވާނުން ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވާކަން ނާއިބު ރައީސް ފާހަގަކުރެއްވިއެވެ.
" ރާއްޖެއަށް އެކި ދާއިރާތަކުން ޚިދުމަތް ކުރާ ފަރާތްތަކުގެ އަގުވަޒަން ކުރަންޖެހޭ. މީގެ ސަބަބުން ރާއްޖޭގެ ޒުވާނުން އެކި ދާއިރާތަކަށް ނެރުމަށްޓަކައި ފައިދާތަކެއް ކުރާނެ. ޤައުމެއް ކުރިއަރާ ދަނީ އުފެއްދުންތެރި ހުނަރުވެރި ވަރުގަދަ ޖީލެއް އުފެދިގެން . މިފަދަ ދަރިންތަކެއް ނުއުފިދެއްޖެނަމަ ޤައުމު ކުރިއަރައިގެނެއް ނުދާނެ." ނާއިބު ރައީސް ވިދާޅުވިއެވެ.
ތިލަ އުތުރު އުއްތަމަ އަރުތަވެރިންނަށް އެވޯޑް ދިނުމުގެ ޖަލްސާގައި ވަނީ ގައުމީ ފެންވަރެއްގައި ކާމިޔާބުތައް ހޯދި ހއ. އަތޮޅުގެ ރައްޔިތުންގެ އަގުވަޒަންކޮށް އިނާމު ދީފައެވެ. އަތޮޅުން އެންމެ ހިންގުންތެރި ކައުންސިލްގެ އެވޯޑް ހާސިލުކުރީ މާރަންދޫ ކައުންސިލްއެވެ.
ހިންގުންތެރި ކައުންސިލްގެ ގޮތުގައި މާރަންދޫ ހޮވައި ވަނީ އެވޯޑް ހަވާލުކޮށްފަ އެވެ.މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރާއި ބައެއް މަޖިލިސް މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ނާއިބު ރައީސް އުތުރުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގައި ހއ.މޮޅަދޫ ވަޑައިގެން އެރަށުގެ ބަނދަރުގެ ޢަމަލީ މަސައްކަތް ވަނީ ފައްޓަވާދެއްވާފައެވެ.