އަންނަ ޑިސެންބަރ މަހުގެ އެއްވަނަ ދުވަހު ނޭޕާލްގައި ފަށާ ސައުތް އޭޝިއަން ގޭމްސްއަށް އެންމެ ފަހުގެ ތައްޔާރީތަށް ވުމަށް ޤައުމީ އަންހެން އަދި ފިރިހެން ހޭންޑްބޯޅަ ޓީމު ޖަޕާނުގައި ކޭމްޕްކޮށްފިއެވެ.
ގޭމްސް އަށް ހޭންޑްބޯޅަ ޓީމް އެންމެ ފަހުގެ ތައްޔާރީތަށް ވުމަށް ކޭމްޕް ކުރުމަށް ހަމަޖެހިފައިވަނީ ޖަކާޓާގައެވެ. ޓީމް ޖާޕާނަށް ފުރުމުގެ ކުރިން ގްރޭޓާ މާލެ ބަސް ޓާމިނަލްއިން ޓީމަށް ހިތްވަރުދެއްވީ ކޮމިޝަނަރ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް އާއި ސްޕޯޓްސް ކައުންސިލްގެ ރައީސް އިބްރާހިމް އިސްމާއިލް އާއި ކުޅިވަރާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އައްސަދު ޢަލީ އަދި އެއިދާރާގެ އިސްވެރިންނެވެ.
މި ޓްރެއިނިންގ ކޭމްޕާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ހޭންޑްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޓެކްނިކަލް ޑިރެކްޓަރ ޝާން ވިދާޅުވީ، މިފަހަރުގެ ގޭމްސްއަށް ޓީމް ތައްޔާރުވަމުންދަނީ މާޒީގައި ނިކުމެފައިވާ ނަތީޖާތަކުގެ ބަދަލުގައި ޤައުމަށް ރީތި ނަމެއް ހޯދައިދޭން ކަމަށާއި އެގޮތުން މިފަހަރުގެ ގޭމްސްގައި ހޭންޑްބޯޅައިގެ ފުރަތަމަ އަމާޒަކީ ސަރަހައްދީ ވަރުގަދަ ޤައުމުތަށް ބަލިކޮށް ސެމީ ފައިނަލަށް ވާސިލްވުންކަމަށެވެ. އެގޮތުން މި އަމާޒަށް ވާސިލްވާން މި ޓްރެއިނިންގ ކޭމްޕަކީ ވަރަށް މުހިންމު ކޭމްޕެއް ކަމަށާއި، މިވަގުތު ހުރިހާ ކުޅުންތެރިންވެސް ހުރިހާ ވަގުތެއް ހޭންޑްބޯޅައަށް ހުސްކުރުން ވަރަށް މުހިންމު ކަމަށްވެސް ޝާން ވިދާޅުވިއެވެ.
ޝާން ވިދާޅުވީ މި ކޭމްޕުގައި ވާދަވެރި މެޗުތަކެއް ކުޅެން މަސައްކަތް ކުރާނެ ކަމަށާއި، ނަމަވެސް މުބާރާތާއި ދެމެދު ވަގުތު ކުޑަތަންވެފައި އޮތުމުން ކުޅުންތެރިންގެ ފިޓްނެސް ހިފެއްޓުން ވަރަށް މުހިންމު ކަމަށެވެ. އެގޮތުން ގޭމްސް އޮންނަނީ ނޭޕާލްގައިކަމުން އެޤައުމުގެ މާހައުލަށް ވަރަށް ބޮޑަށް ހޭނެންޖެހޭކަމަށްވެސް ޝާން ފާހަގަކުރިއެވެ.
"ހަގީގަތުގަ މި ކޭމްޕުން ޓީމަށް ވަރަށް ފައިދާ ކުރާނެ، އެއީ މާލޭގަ ކުރާ ފަރިތަކުރުންތަކާއި ޚީލާފަށް ގޭމްސްގެ ކުރިން ހުރިހާ ވަގުތެއް ކުޅިވަރަށް ހުސްކޮށްލަން ކުޅުންތެރިންނަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް މިއީ، އަނެއްކޮޅުން ނޭޕާލްގަ ގޭމްސް މިއޮތީ، އެހެންވީމަ ޓާގެޓަށް ވާސިލްވާން އެތަނުގެ މާހައުލަށް ފިޓްވާން ވަރާށް މުހިންމު..." ޝާން ވިދާޅުވިއެވެ.
ގޭމްސްއަށް ގައުމީ ހޭންޑްބޯޅަ ޓީމުން ތައްޔާރުވަމުން އަންނަނީ ސާބިއާގެ ކޯޗެއްގެ އިރުޝާދުގެ ދަށުންނެވެ. ޓީމް ޖަޕާނުގައި ކޭމްޕް ކުރުމަށްފަހު ދެން ދާނީ ގޭމްސްގައި ވާދަކުރުމަށް ސީދާ ނޭޕާލްއަށެވެ.
މިފަހަރުގެ ސައުތް އޭޝިއަން ގޭމްސްގައި ގައުމީ ހޭންޑްބޯޅަ ފިރިހެން ޓީމް ލައްވާލާފައިވަނީ އިންޑިއާ އާއި ބަންގްލަދޭޝް އާއިއެކު ގްރޫޕް އޭގައެވެ. ގައުމީ އަންހެން ހޭންޑްބޯޅަ ޓީމް ލައްވާލާފައިވަނީ އިންޑިއާ އާއި ޕާކިސްތާނާއި އެކު އޭ ގުރޫޕުގައެވެ.