ކުޅިވަރު

ސައުތް އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ކްރިކެޓް ޓީމް ނޭޕާލަށް ފުރައިފި


އަންނަ ޑިސެމްބަރ މަހުގެ އެއްވަނަ ދުވަހު ނޭޕާލްގައި ފަށާ ސައުތް އޭޝިއަން ގޭމްސްގައި ވާދަކުރުމަށް އަންހެނުންގެ ޤައުމީ ކްރިކެޓް ޓީމާއި ފިރިހެނުންގެ ޤައުމީ ކްރިކެޓް ޓީމް ނޭޕާލެށް ފުރައިފިއެވެ.

ފިރިހެނުންގެ ޤައުމީ ކްރިކެޓް ޓީމައި މުޅިން އަލަށް އެކުލަވާލި އަންހެނުންގެ ޤައުމީ ކްރިކެޓް ޓީމަށް ގްރޭޓާ މާލެ ބަސް ޓާމިނަލުން ހިތްވަރުދެއްވީ ކޮމިޝަނަރ އޮފް ސްޕޯޓްސް ހީނާ އަޙްމަދު ސަލީމާއި ކްރިކެޓް ބޯރޑް އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު އަފްލާހާއި އެއިދާރާގެ އިސްވެރިންނެވެ.

ނޭޕާލަށް ފުރުމުގެ ކުރިން ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަ ދައްކަމުން ފިރިހެނުންގެ ޤައުމީ ކްރިކެޓް ޓީމުގެ ކޯޗް ނިލަންތަ ކޫރޭ ބުނީ، ގޭމްސް ފެށުމުގެ ދުވަސްކޮޅެއް ކުރިން ނޭޕާލަށް ޓީމް ދިއުމުގެ އެންމެ ބޮޑު ބޭނުމަކީ އެގައުމުގެ މާހައުލަށް ޓީމް ހޭނުން ކަމަށެވެ. އެގޮތުން ގޭމްސްގައި ކުޅޭ ދަނޑާއި ރާއްޖޭގައި ޓީމު ފަރިތަކުރި ޕިޗް ވަރަށް ބޮޑަށް ތަފާތުވާނެ ކަމަށާ، އެހެންކަމުން ގޭމްސްގެ ކުރިން ނޭޕާލްގައި ފަރިތަކުރުންތަކެއް ކުރިއަށްގެންދިއުން ވަރަށް މުހިންމުކަމަށް އޭނާ ބުންޏެވެ.

ނިލަންތަ ކޫރޭބުނީ، މުބާރާތުގެ ކުރިން ނޭޕާލްގައި އެކުވެރިކަމުގެ ތިން މެޗް ކުޅުމުގެ ފުރުސަތު ލިބޭ ކަމަށާ، އެއީ ޓާގެޓަށް ވާސިލްވާން ލިބޭ ވަރަށްބޮޑު ފުރުސަތެއް ކަމަށެވެ. ކޯޗް ބުނީ މިފަހަރުގެ ޓާގެޓަކީ އެންމެ ފުރަތަމަ ދެވަނަ ބުރުން ޖާގަހޯދަން މަސައްކަތް ކުރުންކަމަށެވެ.

"މުބާރާތުގެ ކުރިން ނޭޕާލަށް އެބަލިބޭ ފަރިތަކޮށްލަން އަދި އެކުވެރިކަމުގެ މެޗުތަކެއް ކުޅެން، މިއީ ޓީމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެއް ގޭމްސްގެ ކުރިން، އެއީ ނޭޕާލް ކުޅެންވެސް ޖެހޭނީ ރާއްޖޭގަ މި ބޭނުންކުރާ ޕިޗާއި ތަފާތު ޕިޗެއްގަ، އެހެންވީމަ އެބަޖެހޭ އެ މާހައުލަށްވެސް ހޭނެން." ނިލަންތަ ކޫރޭ ބުންޏެވެ.

ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަ ދައްކަމުން މުޅިންއަލަށް އެކުލަވާލި ޤައުމީ އަންހެން ކްރިކެޓް ޓީމުގެ ކޯޗް ޕަދްމާ ކަރުނަރަތްނޭ ބުނީ، މުބާރާތުގައި އިދިކޮޅުން ވާދަކުރާ ޓިމުތަށް ވަރުގަދަ ކަމަށާއި، އެހެންކަމުން މުބާރާތުގެ ކުރިން ނޭޕާލްގައި ލިބޭ ފަރިތަކުރުންތަކުގެ ބޭނުން ވަރަށް ރަނގަޅަށް ހިފަންޖެހޭކަމަށެވެ. އަދި މިއީ ޓީމާއެކު ކުރިމަތިލާ މުބާރާތަކަމުން ބޭނުންވަނީ ސަރަހައްދީ ފެންވަރުގައި ޓީމު ރަނގަޅު ވާދައެއްކޮށްފައި އެނބުރި އަންނަން ކަމަށްވެސް ކޯޗް ޕަދްމާ ބުންޏެވެ. އޭނާ ބުނީ ޓިމާއެކު މާގިނަ ވަގުތު އަދި ނުލިބޭ ކަމަށާއި، އެހެންކަމުން ގޭމްސްގެކުރިން ޓީމުގެ ހާލަތުވެސް ދެނެގަންހަން ޖެހޭކަމަށެވެ.