ޚަބަރު

އިސްލާމިކް މިނިސްޓަރ ސަޢޫދީ ވަފުދާ ބައްދަލުރައްވައިފި


ރާއްޖޭގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ، ސަޢޫދީ ޢަރަބިއްޔާގެ އިސްލާމިކް ރިސަރޗް އެންޑް ޓްރެއިނިންގ އިންސްޓިޓިއުގެ "އިރްތީ"ގެ ވަފްދުގެ ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ޒަކާތް ބެހުމާއި ބަލައިގަތުމާއި އަދި އިސްލާމިކް ފައިނޭންސްގެ ކަންކަމާ ގުޅޭގޮތުންނެވެ. އިރްތީއިން ވަނީ މިނިސްޓްރީއާއި ގުޅިގެން 2014ވަނަ އަހަރު ދިވެހިރާއްޖޭގެ ޒަކާތާބެހޭ ޤާނޫނު އެކުލަވާލާފައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިރްތީ ވަފްދުގެ ބޭފުޅުން ރާއްޖޭގެ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއާ ގުޅިގެން އިސްލާމިކް ފައިނޭންސްގެ، ކުރު ޓްރެއިނިން ކޯހެއް ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ޒަކާތު ޕޯޓަލްއެއް ހެދުމަށް ތައްޔާރުވަމުން އަންނަ ވާހަކަ މިވަފްދުގެ ބޭފުޅުންނާ މިނިސްޓަރ ހިއްސާކުރެއްވިއެވެ. ވަފުދުގެ ފަރާތުން މި ޕޯޓަލް ހެދުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި، މާލީ އެހީތެރިކަން ހޯދައިދިނުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ވަޤްފް ޤާނޫނެއް އެކުލަވާލަން މަސައްކަތްކުރައްވަމުން ގެންދަވާވާހަކަ ވަފުދުގެ މެމްބަރުންނާ ހިއްސާކުރެއްވުމުން އެބޭފުޅުންގެ ފަރާތުން މިޤާނޫނު ޑްރާފްޓުކުރުމަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ. އަދި ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއެރުވުމުގެ މުހިއްމުކަމާއި ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.

އިސްލާމިކް ޓުއަރިޒަމާއި މިނޫނަސް އިސްލާމިކް ފައިނޭންޝަލް ޕްރޮޑަކްޓްސް ކުރިއެރުވުމަށް ޕްރައިވެޓް ސެކްޓަރއަށް އިންވެސްޓް ކުރުމަށް ފުރުސަތު ހުޅުވާލުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް ވަފްދުގެ ބޭފުޅުން ފާހަގަކުރެއްވިއެވެ.