ފިނީގައި މެޗް ކުޅޭއިރު އަބަދުވެސް މެޗަށް އަރަން ތައްޔާރަށް ހުންނަން ރާއްޖޭގެ ކުޅުންތެރިން ދަސްކުރަންޖެހޭކަމަށް ޤައުމީ ފިރިހެން ބާސްކެޓު ބޯޅަ ޓީމުގެ ކުޅުންތެރިޔާ އިބްރާހީމް އަންފާލް ބުނެފިއެވެ.
އަންނަ އާދީއްތަ ދުވަހު ނޭޕާލުގައި ފަށާ ސައުތު އޭޝިއަން ގޭމްސަށް ތައްޔާރުވުމަށް ޤައުމީ ބާސްކެޓު ބޯޅަ ޓީމް މިހާރުދަނީ ޗައިނާގެ ކުންމިންގައި ކޭމްޕު ކުރަމުންނެވެ. މި ކޭމްޕްގައި ކުޅުނު ފުރަތަމަ މެޗުން އެއް ޕޮއިންޓުގެ ތަފާތުން ރާއްޖޭގެ ގައުމީޓީމު ވަނީ ބަލިވެފައެވެ. މި މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން އަންފާލް ބުނީ ރާއްޖޭގެ ކުޅުންތެރިން އަބަދުވެސް ފިނީގައި ކުޅެން ދަސްކުރަންޖެހޭކަމަށާއި ގިނަ މުބާރާތްތަށް އޮންނަނީ ފިނި ޤައުމު ތަކުގައިކަމަށެވެ.
ނޭޕާލަށް ދިއުމުގެ ކުރިން ޗައިނާގައި ކޭމްޕުކުރުމުން ކުޅުންތެރިން މިހާރު ފިންޏަށް ހޭނެމުން އަންނަކަމަށް އަންފާލް ބުންޏެވެ. ދިވެހި އަންހެން ޓީމާއި ފިރިހެން ޓީމް ނޭޕާލަށް ދިއުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ. އަންފާލް ބުނީ 10 ދުވަހުން ފިންޏަށް ކުޅުންތެރިން ހޭނެން އުނދަގޫވާނެ ކަމަށެވެ. ނަމަވެސް މިހާރުވެސް ވަރަށް ބޮޑަށް ކުޅުންތެރިން ހޭނެން ފަށާފައިވާކަމަށާއި ނޭޕާލަށް ދާންވާއިރަށް 2 ޓީމުވެސް ފިންޏަށް މުޅިން ހޭނޭނެކަމަށް އަންފާލް ބުންޏެވެ.
“ގޭމްސަށް ދިއުމުގެ ކުރިން ވަރަށް ބޮޑު ތަޖްރިބާއެއް މިލިބެނީ ކުޅުންތެރިންނަށް. ފިނީގައި ކުޅެފަ، އެއްކޮށް މިހާ ދާހިއްލާ ފޯވެފައި ހުއްޓާ ބެންޗަށް ބާލާ ގަނޑިއަކީ އަސްލުގައި ވަރަށް ސީރިއަސް ވަގުތުކޮޅެއް. އެއީ އެންމެ ނާޒުކު ވަގުތުކޮޅު. ދާހިއްލާފަ ހުއްޓާ ބެންޗަށް އައުމުން މީހާގެ ވަރމްއަޕް އެބަދޭ ފިނީގެ ސަބަބުން. އެހެން ވީމަ އެބަޖެހޭ ދަސްކުރަން ބެންޗްގައި އިންނަ ވަގުތު ވަރމްއަޕް ހިފަހައްޓަން. މީހާ ފިނި ނުވާނެ ގޮތެއް އެބަޖެހޭ ހަދަން. އަދި ބެންޗުގައި އިނދެފައި ކުޅެން އަރާ ގޮތަށް، ކުރިން ހުރި ޓެމްޕޯގައި ކުޅެން. މިއީ އަސްލު ވަރަށް މުހިންމުކަމެއް މި ދަސްވަނީ. ނޭޕާލަށް ދިއުމުގެ ކުރިން ހުރިހާ ކަމަކާއި ޗައިނާގައި ފޭސް ކުރަން ލިބުމަކީ ޓީމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް.” އަންފާލް ބުންޏެވެ.
ސައުތު އޭޝިއަން ގޭމްސްގައި މެޑަލެއް ހޯދުމަށް ޤައުމީ ޓީމު ފަރިތަކުރުންތައް ކުރިއަށްގެންދާތާ މިހާރު އެއް އަހަރުވަނީ ވެފައެވެ. އަންފާލް ބުނީ މިހާރު ހުރިހާ ކުޅުންތެރިންގެވެސް އަޒުމަކީ މެޑަލެއް ހޯދުންކަމަށެވެ.