ކުޅިވަރު

3ވަނަ މެޗުންވެސް ފިރިހެނުންގެ ޤައުމީ ބާސްކެޓު ބޯޅަ ޓީމު ބަލިވެއްޖެ


ޗައިނާގައި ކުޅުނު ތިންވަނަ މެޗުންވެސް ރާއްޖޭގެ ފިރިހެނުންގެ ޤައުމީ ބާސްކެޓު ޓީމު ބަލިވެއްޖެއެވެ.

ޗައިނާގެ ކުންމިންގެ ސަންޝައިން ގުރޫޕް އޮފް ޔުނާން ޔުނިވަރސިޓީ އޮފް ފައިނޭސް އެންޑް އިކޮނޮމިކްސް ޓީމު އަތުން ދިވެހި ޓީމު ބަލިވީ 65 ޕޮއިންޓް 58 ޕޮއިންޓުންނެވެ. ވާދަވެރި ކުޅުމެއް ފެނުނު މިމެޗްގައި 4 ކުއާޓަރގައި ވެސް ލީޑްގައި އޮވެގެން ކުޅުނީ ޔުނާން ޔުނިވަރސިޓީގެ ޓީމުންނެވެ. މެޗްގެ ފުރަތަމަ ކުއާޓަރ އިން 1 ޕޮއިންޓްގެ ތަފާތުން ދިވެހި ޓީމު ބަލިވީ 16 ޕޮއިންޓް 15 ޕޮއިންޓުންނެވެ.

މެޗްގެ 2ވަނަ ކުއާޓަރގައި ޔުނާން ޔުނިވަރސިޓީގެ ޓީމުންވަނީ 6 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. 2 ވަނަ ކުއާޓަރ ނިމުނީ 33 ޕޮއިންޓް 27 ޕޮއިންޓުންނެވެ. ޗައިނާގައި ފަރިތަކުރަމުންދަނިކޮށް ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެވަނަ މެޗުގައި ނުކުޅެހުރި ކެޕްޓަން މުޙައްމަދު ޒިލާލްގެ ފަރާތުން އެންމެ ރަގަނޅު ކުޅުމެއް މިމެޗުގައި ފެނިގެން ނުދެއެވެ.

މި މެޗުގައި ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ވެސް ކޯޗް ކޯރޭ ބެލްސާވަނީ ފުރުސަތު ދީފައެވެ. މެޗުގެ 3ވަނަ ކުއާޓަރގައި ވެސް ކުރީގައި އޮތީ ޔުނާން ޔުނިވަރސިޓީގެ ޓީމެވެ. އެއީ 59 ޕޮއިންޓް 42 ޕޮއިންޓުންނެވެ. ފިިޒިކަލްކޮށް ކުޅެމުންދިޔަ މި މެޗުގައި ދިވެހި ޓީމުން ވަރަށް ރަނގަޅަށް ޑިފެންސް، ކުރިކަން ފާހަގަކޮށްލެވުނެވެ. ޔުނާން ޔުނިވަރސިޓީގެ ގިނަ ކުޅުންތެެރިން ޕޮއިންޓް ހޯދާފައިވަނީ ބޭރުން 3 ޕޮއިންޓް އަޅައިގެންނެވެ. މެޗްގެ 4ވަނަ ކުއާޓަރ ދިވެހި ޓީމަށް ގެއްލުނީ 65 ޕޮއިންޓް 58 ޕޮއިންޓުންނެވެ. ޗައިނާ ކޭމްޕުގައި ފިރިހެނުންގެ ޤައުމީ ބާސްކެޓު ޓީމު ކުޅުނު 3 މެޗުންވެސް އެ ޓީމުވަނީ ބަލިވެފައެވެ.