ކުޅިވަރު

ރާއްޖޭގައި މުޅިން އަލަށް ބާއްވާ ޕަވަރބޯޓް ރޭސިން މުބާރާތް ފަށައިފި


ރާއްޖޭގައި މުޅިން އަލަށް ބާއްވާ ޕަވަރބޯޓް ރޭސިން މުބާރާތް މިއަދު ފަށައިފިއެވެ.

ޕަވަރބޯޓް އެސޯސިއެޝަން އޮފް މޯލްޑިވްސް އިން އިސްނަގައިގެން، މުޅިން އަލަށް ރާއްޖޭގައި ބާއްވާ މި މުބާރާތް މިއަދު ފެށީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އޮންނަ ކުރީގެ ފަރުކޮޅުފުށި ރިސޯޓުގެ ފަޅުތެރޭގައެވެ. ޖުމްލަ 7 ޤައުމަކުން 16 ޓީމު ވާދަކުރާ މިމުބާރާތުގައި މިއަދު ކުރިއަށްގެންދަން ހަމަޖެހިފައިވަނީ 8 ހީޓެވެ. ދެ ކެޓަގަރީއަކަށް ބަހާލައިގެން މުބާރާތް ކުރިއަށްދާއިރު، މެންދުރު ކުރީގައި މޮޑިފައިޑް ކެޓަގަރީގެ ދެ ހީޓް އަދި ޕްރޯސްޓްރޯކް ކެޓަގަރީގެ ދެހީޓް ކުރިއަށްދާނެއެވެ.

ޕީއެސްއެމް ސްޕޯޓްސް އާއި ވާހަކަ ދައްކަމުން މޯލްޑިވްސް ޕަވަރބޯޓް އެސޯސިއޭޝަންގެ ރަޢީސް އިންތިފް ރައޫފް ވިދާޅުވީ މިއީ ފޮނި އުންމީދު ތަކަކާއި އެކު ދެކެންފެށި ހުވަފެނެއް ހަގީގަތަކަށްވާ ދުވަސް ކަމަށާއި، މިއީ ދެ އަހަރުދުވަހުގެ ބުރަ މަސައްކަތުން ކާމިޔާބުކުރެވުނު ކަމެއް ކަމަށެވެ.

މިރޭސް ކުރިއަށްދާނެ ގޮތާއި ގުޅޭގޮތުން އިންތިފް ވިދާޅުވީ، ދެދުވަހަށް ބަހާލައިގެން ރޭސް ކުރިއަށްގެންދަން ރާވާފައިވާއިރު މިއަދު ކުރިއަށްދާނީ ކޮންމެ ކެޓަގަރީއަކުންވެސް ހަތަރު ހީޓު ކަމަށެވެ.

"މިއަދު މިރޭސް ފެށިގެން އަޅުގަނޑުމެން ރާވަފަ މިއޮތީ ކޮންމެ ކެޓަގަރީއަކުންވެސް ދެ ހީޓް މެންދުރު ކުރިން އަދި ދެހީޓް މެންދުރު ފަހުން ބާއްވަން. ދެން އެކަމަކު އޮފިސަރ އޮފް ދަ ޑޭ ގޮތެއް ނިންމާނީ މޫސުމާ އެހެނިހެން ކަންކަމަށް ބަލާފަ". އިންތި ވިދާޅުވިއެވެ.

މޯލްޑިވްސް ޕަވަރބޯޓު އެސޯސިއޭޝަންގެ ރައީސް އިންތި ވަނީ މިމުބާރާތް ބޭއްވުމަށްޓަކައި އެސޯސިއޭޝަންގެ ސީނިއާ ނާއިބު ރައީސް ޢަލީ ހާޝިމް ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށް ހާޝިމްއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.

މިމުބާރާތުގައި ވާދަކުރާ ޤައުމުތަކުގެ ތެރެއިން ސްވިޑެން އާއި ނޯވޭގެ އިތުރުން ރާއްޖެ ފިޔަވައި ކޮންމެ ޤައުމަކުންވެސް ދެކެޓަގަރީގައި ވާދަކުރެއެވެ. ރާއްޖޭން ވާދަކުރާނީ ޕްރޯސްޓްރޯކް ޑިވިޝަންގައެވެ.