ޚަބަރު

ތަޢުލީމީ ދާއިރާއާއި މަތީ ތަޢުލީމުގެ ދާއިރާގެ މަސައްކަތްތައް ހިންގުމަށް ޕްލޭނެއް އެކުލަވާލައިފި


މޯލްޑިވްސް އެޑިޔުކޭޝަން ސެކްޓަރ އެނަލިސިސް 2019 އަދި މޯލްޑިވްސް އެޑިޔުކޭޝަން ސެކްޓަރ ޕްލޭން 2019 – 2023 އިފްތިތާޙް ކޮށްފިއެވެ.

މި ދެ ފޮތް އިފްތިތާޙް ކޮށްފައިވަނީ މިއަދު މިކަމަށް ޚާއްސަކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީ އާއި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާޙިމް ހަސަންއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ 2019 އިން ފެށިގެން 2023 އާއި ހަމަޔަށް ރާއްޖޭގެ ތަޢުލީމީ ދާއިރާއާއި މަތީ ތަޢުލީމުގެ ދާއިރާގެ މަސައްކަތްތައް ހިނގަމުން ދާނީ މި ޕްލޭންގެ ދަށުން ރޭވިގެން ކުރިއަށްގެންދާ އެޑިޔުކޭޝަން ސެކްޓަރ އިމްޕްލިމެންޓޭޝަން ޕްރޮގްރާމްގެ ތެރެއިންނާއި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުންކަމަށެވެ.

މި ފޮތްތަކަކީ ގްލޯބަލް ޕާޓްނަރޝިޕް ފޯރ އެޑިއުކޭޝަން ޖީ.ޕީ.އީ ގެ ހިލޭ އެހީގެ ދަށުން ތައްޔާރުކޮށްފައިވާ ފޮތްތަކެކެވެ. އެ މިނިސްޓްރީން ވިދާޅުވީ އީ.އެސް.ޕީ އެކުލަވާލުމާއެކު ޖީ.ޕީ.އިން ކުރިއަރަމުންދާ ޤައުމުތަކުގެ ލިސްޓަށް އިތުރުކުރެވޭ 68 ވަނަ ޤައުމުގެ ގޮތުގައި ރާއްޖެ ކަނޑައަޅާފައިވާކަމަށެވެ.

އީ.އެސް.އޭ އަދި އީ.އެސް.ޕީ ގެ ކޯޑިނޭޓންގ އޭޖެންސީ އަދި ގްރާންޓިންގ އެޖެންސީގެ ރޯލު އަދާކޮށްފައިވަނީ ޔުނިސެފްގެ ފަރާތުންނެވެ.