ސައުތް އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެނުންގެ ޤައުމީ ކްރިކެޓް ޓީމް ސްރީލަންކާ އަތުން ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.
މިހާރު ނޭޕާލުގައި ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެނުންގެ ޤައުމީ ކްރިކެޓް ޓީމް ކުޅުނު ދެވަނަ މެޗުން އެޓީމް ބަލިވެފައިވަނީ ސްރީލަންކާއާއި ވާދަކޮށް 249 ލަނޑުންނެވެ. މެޗުގައި ޓޮސް ދިމާވުމުން ރާއްޖެއިން އެންމެ ފުރަތަމަ ގަސްތުކުރީ ހޮވުމަށެވެ.
ސްރީލަންކާއިން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި 2 ކުޅުންތެރިން ނުބައިވެގެން އެޓީމުންވަނީ 279 ލަނޑު ހަދާފައެވެ. ޖަވާބުގައި ދިވެހި ރާއްޖެއިން ކުޅެން އަރާ 14.5 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ދިވެހި ރާއްޖެއަށް ހެދުނީ 30 ލަނޑެވެ. މިއީ ރާއްޖޭގެ އަންހެނުންގެ ޤައުމީ ޓީމެއް ސައުތް އޭޝިއަން ގޭމްސްގައި ވާދަކުރާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އަދި ސްރީ ލަންކާއަކީ ކްރިކެޓްގައި މިސަރަހަދުގެވެސް ވަރުގަދަ ބާރެކެވެ.
ރާއްޖޭގެ އަންހެނުންގެ ޤައުމީ ކްރިކެޓް ޓީމްގެ ކޯޗް ޕަދްމާ ކަރުނަރަތުނޭ ބުނީ މިއަދުގެ މެޗުގައި އެންމެ ބޮޑު ޓާގެޓަކަށްވީ 20 އޯވަރު ހަމަވަންދެން ކުޅުންކަމަށާއި ނަމަވެެސް 20 އޯވަރު ހަމަވަންދެން ނުކުޅެވުނީ ޓީމްގައި ތިބި ބައެއް ކުޅުންތެރިން އަނިޔާގައި ތިބިމުންކަމަށެވެ. އަދި މިފެންވަރުގެ ޓީމްތަކާއެކު ކުޅުމަށް ރާއްޖޭގެ ޓީމަށް ވަގުތު ބޭނުންވާނެކަމަށާއި މިއީ އަންހެނުންގެ ކްރިކެޓްގައި ރާއްޖޭގައި ފެށުމެއްކަމަށްވެސް ޕަދްމާ ކަރުނަރަތުނޭ ބުންޏެވެ.
"ރާއްޖެއިން ބެޓް ކުރުމާއި ޑިފެންސަށް ކުޅުމުގައިވެސް ރަގަނޅު ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި. ކުޅުންތެރިންވެސް އަދި ވަރަށް އާ އެހެންވީމަވެސް މިގޮތަށް ދިމާވެދާނެ. ރާއްޖޭގެ ކުޅުންތެރިންވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފަ. ސްރީލަންކާ ކައިރިން ފަސް ވިކެޓް ނެގުމަކީވެސް ލިބުނު ކުރިއެރުމެއްކަމަށް މިބަލަނީ. 30 ލަނޑު ހެދީމަ އަހަރެން ވަރަށް އުފާވަން. ކުޅުންތެރިން ތިބީ ވަރަށް ކުޅޭހިތުން، ކުރިއަައް އޮތްތާގައި ރަގަނޅުވާނެކަމަށް މިބަލަނީ" ކޯޗް ޕަދްމާ ކަރުނަރަތުނޭ ބުންޏެވެ.
ރާއްޖޭގެ އަންހެނުންގެ ޤައުމީ ކްރިކެޓް ޓީމްގެ ކޯޗް ޕަދްމާ ކަރުނަރަތުނޭ އަކީ ލަންކާ ޤައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިޔެކެވެ. ކޯޗިން ކެރިއަރުގައި އޭނާ ވަނީ ލަންކާގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ކޮލަމްބޯ ކްރިކެޓް ކްލަބުގެ އަންހެން ޓީމަށްވެސް ކޯޗުކޮށްދީފައެވެ. އޮސްޓްރޭލިއާ އިން ލެވެލް ތިނެއްގެ ކޯޗިން ލައިސަންސް ނަގާފައިވާ ކަރުނަރަތުނޭ ރާއްޖޭގެ ޓީމާ ހަވާލުވީ ތިން މަސް ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ.