ނޭޕާލުގައި ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ ބީޗް ވޮލީ ބޯޅަ މުބާރާތުގައި ޒަޔާނާއި އަޙްމަދު މުޙައްމަދުގެ ޕެއަރ ފުރަތަމަ މެޗް ކާމިޔާބުކޮށްފިއެވެ.
ޢަބްދުﷲ ޒަޔާނާއި އަޙްމަދު މުޙައްމަދުގެ ޕެއަރ މިމެޗް ކާމިޔާބުކުރީ ބަނގްލަދޭޝްގެ ޝެއިޙް މުޙައްމަދު ސަނީ އާއި ހައިދަރު މުޙައްމަދު ޢިމްރާންގެ ޕެއަރއާ ވާދަކޮށް ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށްގެނެވެ. މެޗުގެ ފުރަތަމަ ސެޓުގައި ދެ ޓީމުގެ ފާރާތުންވެސް ފެނިފައިވަނީ ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ސެޓްގެ ބޮޑުބައިގައި ރާއްޖޭން ކުޅެފައިވަނީ ލީޑްގައި އޮވެގެންނެވެ. ނަމަވެސް ބަނގަލަދެޝްގެ ޓީމުންވެސް ވަނީ ކުޅުން ރަގަނޅުކޮށް ދިވެހި ޓީމާ އަރާ ހަމަކޮށްފައެވެ. މެޗްގެ ފުރަތަމަ ސެޓް ދިވެހި ޓީމުން ގެންދިޔައީ 21-18އިންނެވެ. މެޗުގެ ދެވަނަ ސެޓް ރާއްޖޭން ފެށީ ވަރަށް ރަނގަޅުކޮށެވެ. ނަމަވެސް އަމިއްލަ ބައެއް މިސްޓޭކްތަކުން ޕޮއިންޓްތަކެއް ގެއްލިގެންވެސް ދިޔައެވެ.
ދިވެހި ދެ ކުޅުންތެރިން ކުޅުން ރަނގަޅުކޮށް ލީޑު ފުޅާކޮށް ދެވަނަ ސެޓްވެސް ކާމިޔާބުކުރިއެވެ. ދެވަނަ ސެޓް ދިވެހި ޓީމުން ހޯދީ 21-18އިންނެވެ. ބީޗު ވޮލީގެ ފުރަތަމަ މެޗް ކާމިޔާބުކުރުމަށްފަހު ވާހަކަދައްކަމުން ދިވެހި ދެ ކުޅުންތެރިން ބުނީ ފުރަތަމަ މެޗް ކާމިޔާބުކުރެވުމުން ވަރަށް ހިތްހަމަޖެހޭކަމަށާއި މުބާރާތުގައި ކުރިއަށް ދިއުމަށް މިއީ ލިބުނު ހިތްވަރެއް ކަމަށެވެ. ނަމަވެސް ނޭޕާލްގެ ފިނީގައި ހެދުނު މެޗް ކުޅެން ޖެހުމުން ގިނަ އުދަގޫތަކާއި ކުރިމަތިލާން ޖެހުމުކަމަށްވެސް އަޙްމަދު މުޙައްމަދު ބުންޏެވެ.
"އަސްލު ރާއްޖޭގައި ވަރަށް ހޫނު، ނޭޕާލް ވަރަށް ފިނި. ނޭޕާލްގެ ފިނީގައި ކުޅެން އަސްލުގައި ވަރަށް އުދަގޫ. ނޭޕާލްގައި މިހިރީ 10 ޑިގްރީގައި، އަދި އެންމެ ހެނދުނާ ކުޅެން ޖެހުމުން އުދަގޫތަކެއް ހުރި. މެޗަށް އައިއިރު ވަރަށް ހީކަރުވާފަހުރީ، ނަމަވެސް 1 ގަޑިއިރުގެ ވަރމްއަޕްއަށްފަހު މެޗަށް ތައްޔާރުވެވުނީ. މެޗު ކާމިޔާބުކުރެވުނީ ރަގަނޅު ވަރމްއަޕްއެއް ހެދުމުންކަމަށް ބޮޑަށް ބެލެވެނީ." ޢަބްދުﷲ ޒަޔާން ބުންޏެވެ.
ޒަޔާން ބުނީ ދެވަނަ ސެޓުގައި ގިނަ ޕޮއިންޓްތަކެއް ގެއްލުނީ އަމިއްލަ މިސްޓޭކްތަކުންކަމަށެވެ. އަދި ރާއްޖޭގެ ހޫނުގައި ކުޅެފައި ތަފާތު ވެއްޓެއްގައި ކުޅެެން ޖެހުމުންވެސް ގިނަ އުދަގޫތަކާއި ކުރިމަތިވިކަމަށް ޢަބްދުﷲ ޒަޔާން ބުންޏެވެ.