ޚަބަރު

ޕާކިސްތާން ސަރުކާރުން ދިވެހިރާއްޖެއަށް 69 ލެޕްޓޮޕް ހަދިޔާކޮށްފި


ޕާކިސްތާން ސަރުކާރުން ދިވެހިރާއްޖެއަށް 69 ލެޕްޓޮޕް ހަދިޔާކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ލެޕްޓޮޕްތަކާއި ހަވާލުވެ ވަޑައިގެންނެވީ އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ. މިލެޕްޓޮޕްތައް ހަވާލުކޮށްދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް ރިޓަޔަރޑް ވަސީމް އަކްރަމެވެ.

މިލެޕްޓޮޕްތައް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މަތީ ވަނަތައް ހާސިލްކުރާ ދަރިވަރުންނަށް އެވޯޑް ކުރުމަށްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ. މިއީ ޕާކިސްތާން ސަރުކާރުން ދިވެހިރާއްޖެއަށް ލެޕްޓޮޕް ހަދިޔާކުރި 3 ވަނަ އަހަރުކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. ޢާއިޝަތު އަލީ ވަނީ ކުރިއަށް އޮތްތަނުގައި މިފަދަ އިތުރު އެހީތައް ރާއްޖެއަށް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ ޞިއްޙީ ގޮތުން ރަނގަޅު ދުޅަހެޔޮ ހަށިހެޔޮ ދަރިވަރުންތަކެއް ބިނާކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރައްވާ މަސައްކަތުގެ ދަށުން ދަރިވަރުން ކުޅިވަރުކުޅޭނެ ސާމާނުވެސް ޕާކިސްތާން ސަރުކާރުން ހަދިޔާ ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މިގޮތުން އަންނަ އަހަރުގެ ކިޔެވުން ފެށޭއިރު މިތަކެތި ލިބޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ލެޕްޓޮޕް ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްބެސެޑަރ ވަސީމް އަކްރަމް ވިދާޅުވީ ޕާކިސްތާނުން އަބަދުވެސް ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުވައިދިނުމުގައި ދެމި އޮންނާނެކަމަށެވެ. މިގޮތުން ތަޢުލީމީ ދާއިރާއަށް ބޭނުންވާ އެހީތެރިކަމުގެ އިތުރުން ކުޅިވަރުގެ ދާއިރާއަށް އެހީތެރިކަން ފޯރުވައިދެއްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ލެޕްޓޮޕްތަކަކީ ޕާކިސްތާންގެ ފުރަތަމަ ގަވަރނަރ ޖެނެރަލް މުޙައްމަދު ޢަލީ ޖިނާޙްގެ ނަމުން ނަންދެވިފައިވާ "ޖިނާޙް ލެޕްޓޮޕް ސްކީމް" ގެ ދަށުން ހަދިޔާ ކުރި ލެޕްޓޮޕްތަކެކެވެ. " ޖިނާޙް ލެޕްޓޮޕް" ސްކީމްގެ ދަށުން އެންމެ ފުރަތަމަ ލެޕްޓޮޕް ހަދިޔާކޮށްފައިވަނީ 2017 ވަނަ އަހަރެވެ. އެއަހަރު ހަދިޔާކޮށްފައިވަނީ ފަނަރަ ލެޕްޓޮޕެވެ. އަދި 2018 ވަނަ އަހަރު 30 ލެޕްޓޮޕް ވަނީ ހަދިޔާކޮށްފައެވެ.