ކުޅިވަރު

ސައުތު އޭޝިއަން ގޭމްސް: އާދަމް އާއި މުޙައްމަދުގެ ޕެއަރ ކުއާޓަރ ފައިނަލަށް ދިއުމުގެ އުންމީދު އާކޮށްފި


މިހާރު ނޭޕާލުގައި ކުރިއަށްދާ ސައުތް އޭޝިއަން ގޭމްސްގެ ބީޗް ވޮލީ ބޯޅަ މުބާރާތުގައި އާދަމް ނަސީމް އާއި މުޙައްމަދު ޢަލީގެ ޕެއަރ ކުއަޓަ ފައިނަލަށް ދިއުމުގެ އުއްމީދު އާކޮށްފިއެވެ.

ދެވަނަ މެޗް މިޕެއަރ ކާމިޔާބުކޮށްފައިވަނީ ޕާކިސްތާނުގެ ރަޒާގު މުޙައްމަދު އާއި ވަސީމް މުޙައްމަދުގެ ޕެއަރ އާއި ވާދަކޮށް ސީދާ 2 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. ނަމަވެސް ރާއްޖެއިން ސެޓް ފެށިގެން ކުޅެފައިވަނީ ލީޑްގައި އޮވެގެންނެވެ. ފުރަތަމަ ސެޓްގެ 10 ޕޮއިންޓާއި ހަމައަށް ދިޔައިރު، ރާއްޖެއިން ލީޑް ކުރަމުންދިޔައެވެ.

މިސެޓްގައި ޕާކިސްތާނުގެ ރަޒާގު މުޙައްމަދު އާއި ވަސީމް މުޙައްމަދުގެ ޕެއަރއިންވަނީ ގިނަ ބޯޅަތަކެއް ބޭކާރުކޮށްލާފައެވެ. ފުރަތަމަ ސެޓުގައި ކޯޓު ބަދަލުވިއިރު، ކުރީގައި އޮތީ ރާއްޖޭގެ ޕެއަރއެވެ. އެއީ 12 ޕޮއިންޓް 07 ޕޮއިންޓުންނެވެ.

ފުރަތަމަ ސެޓުގައި ރާއްޖޭގެ ޓީމްގެ ފަރާތުން ވަރަށް ރަގަނޅު ކުޅުމެއް ފެނިގެންދިޔައިރު، އާދަމް ނަސީމް އާއި މުޙައްމަދު ޢަލީގެ ކޮމްބިނޭޝަން ވަރަށް ބޮޑަށް ފެނިގެންދިޔައެވެ. ވާދަވެރިކުޅުމެއް ފެނިގެންދިޔަ މިސެޓުގައި ދެވަނަ ކޯޓަށް ބަދަލުވިއިރުވެސް ރާއްޖޭގެ ޕެއަރ ލީޑް ކުރަމުންދިޔައީ 18 ޕޮއިންޓް 17 ޕޮއިންޓުންނެވެ.

އެއްވެސް ޕޮއިންޓްއެއް ގެއްލުވާނުލާ ރާއްޖޭގެ އާދަމް އާއި ވަސީމް ފުރަތަމަ ސެޓް ކާމިޔާބުކޮށްފައިވަނީ 21 ޕޮއިންޓް 19 ޕޮއިންޓުންނެވެ. މެޗުގެ ދެވަނަ ސެޓުވެސް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. ނަމަވެސް މެޗުގެ ދެވަނަ ސެޓުގައި ފެށިގެން ލީޑް ކުރަމުންދިޔައީ ޕާކިސްތާނުގެ ޓީމުންނެވެ.

މެޗް ފެށިގެން ރާއްޖޭގެ ޓީމަށް މާބޮޑު އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު، ފުރަތަމަ ކޯޓް ބަދަލުވިއިރު، ލީޑް ކުރަމުންދިޔައީ ޕާކިސްތާނުގެ ރަޒާގު މުޙައްމަދާއި ވަސީމް މުޙަމަދުގެ ޕެއަރއެވެ. އެއީ 5 ޕޮއިންޓް 2 ޕޮއިންޓުންނެވެ. ނަމަވެސް ރާއްޖޭގެ ޕެއަރއިންވަނީ ހިތްވަރާއެކު ކުޅެމުންގޮސް ޕާކިސްތާންގެ ކުޅުންތެރިންނާއި އަރާ ހަމަކޮށްފައެވެ. އެއީ 9 ޕޮއިންޓް 9 ޕޮއިންޓުންނެވެ. 

މިސެޓުގައި ރާއްޖޭގެ ޓީމުންވަނީ ފަހަތުންއަރާ އެއްވަރު ކުރުމަށްފަހު ލީޑް ކުރަމުން ގޮސްފައެވެ. ރާއްޖޭގެ ޕެއަރއިން ލީޑް ހޯދުމާއިއެކު ޕާކިސްތާންގެ ޕެއަރގެ ފަރާތުން ވަރަށް ގިނަ މިސްތަތެއް ފެނިގެންދިޔައެވެ. ނަމަވެސް އަމިއްލަ މިސްޓޭކުތައް މަދުކުރަމުން ގޮސް ރާއްޖޭގެ އާދަމް ނަސީމް އާއި މުޙައްމަދު ޢަލީގެ ޕެއަރ އިންވަނީ ދެވަނަ ސެޓްވެސް ކާމިޔާބުކޮށްފައެވެ.

މިސެޓް ރާއްޖޭގެ ޕެއަރ ކާމިޔާބުކޮށްފައިވަނީ 21 ޕޮއިންޓް 17 ޕޮއިންޓުންނެވެ. މެޗަށްފަހު ވާހަކަދަކަމުން އާދަމް ނަސީމް އާއި މުޙައްމަދު ޢަލީގެ ޕެއަރބުނީ މިއަދުގެ މެޗް ކާމިޔާބުކުރެވުނީ ވަރަށް ވިސްނައިގެން ކުޅުމުންކަމަށާއި އިއްޔެގެ މެޗުން ބަލިވުމުން މިއަދުގެ މެޗަށް ނިކުތީ އިތުރު ހިތްވަރަކާއެކު މެޗުން މޮޅުވާންކަމަށެވެ. އަދި މިއަދުގެ މެޗުން މޮޅުވެވުނީ އަމިއްލަ މިސްޓޭކުތައް މަދުކޮށްގެންކަމަށްވެސް ރާއްޖޭގެ ޕެއައިން ބުންނެވެ.

"އިއްޔެގެ މެޗަކީ އަސްލުގައި ލިބިފަ އިން މެޗްއެއް. އަމިއްލައަށް ހެދުނު މިސްޓޭކްތަކަކުން އެމެޗް ގެއްލުނީ. މިއަދު މެޗަށް ނުކުތީ ވަރަށް ބޮޑަށް އެކަމަށް ވިސްނައިގެން އަމިއްލަ މިސްޓޭކަތައް ރަގަނޅުކޮށްގެން. ދެވަނަ ސެޓްގައި ލީޑް ގެއްލުނީވެސް ބައެއް ކަހަލަ އަމިއްލަ މިސްޓޭކްތައް ހެދިގެން. ނަމަވެސް ދެ މީހުން ވާހަކަދައްކައިގެން މިސްޓޭކްތައް ރަގަނޅުކޮށް އިދިކޮޅުން ކުޅޭ ޓީމަށް ނުލަބާ، ސެޓް ކާމިޔާބުކުރުމަށް ވިސްނީ. ދެވަނަ ސެޓުގައި ލީޑް ލިބުމާއިއެކު ވަރަށް ހިތްވަރު ލިބުނު. އެހިސާބުން ސެޓް ކާމިޔާބުކުރުމަށްވެސް ހިތްވަރު ލިބުނު. ދެން މިއަދުގެ މެޗްގައި ކުޅެވުންގޮތްވެއް ރަގަނޅުވީ" ރާއްޖޭގެ ޕެއަރއިން ބުންޏެވެ. 

އިއްޔެ ކުޅުނު މެޗުން ރާއްޖޭގެ އާދަމް އާއި މުޙައްމަދު ޢަލީގެ ޕެއަރ ބަލިވެފައިވަނީ ބަގްލަދޭޝްގެ ޙުސައިން މުޙައްމަދު މުނީރު އާއި ޢަލީ މުޙައްމަދު ޝާހްޖަހަންގެ ޕެއަރ އާއި ވާދަކޮށް ދެ ސެޓް އެއް ސެޓުންނެވެ.