ކުޅިވަރު

ސައުތު އޭޝިއަން ގޭމްސް: ދެވަނަ މެޗުން ޒަޔާނާއި އަޙްމަދު މުޙައްމަދުގެ ޕެއަރ ޕާކިސްތާން އަތުން ބަލިވެއްޖެ


މިހާރު ނޭޕާލުގައި ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ ބީޗް ވޮލީ ބޯޅަ މުބާރާތުގައި ޢަބްދުﷲ ޒަޔާނާއި އަޙްމަދު މުޙައްމަދުގެ ޕެއަރ ޕާކިސްތާން އަތުން ބަލިވެއްޖެއެވެ. މިޕެއަރގެ ފުރަތަމަ މެޗުގައި އިއްޔެވަނީ ބަނގްލަދޭޝްގެ މައްޗަށް ކުރި ހޯދާފައެވެ.

މިއަދު ޒަޔާނާއި އަަޙްމަދުގެ ޕެއަރ ބަލިވީ ޕާކިސްތާނުގެ ޚާން ޒަރުބާރާއި ޚާން އަފާގްގެ ޕެއަރއާ ވާދަކޮށް ސީދާ ދެ ސެޓުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ރާއްޖޭގެ ޕެއަރގެ ފަރާތުން ގިނަ މިސްޓޭކްތަކެއް ފެނިގެންދިޔައެވެ. ހާއްސަކޮށް ސަރވިސްތަކާއި ޝޮޓްތަށް ބޭރަށް ޖެހުން ހިމެނެއެވެ. ޕާކިސްތާނުގެ ޕެއަރއިން މެޗް ކާމިޔާބުކުރީ 21-18 އަދި 21-13އިންނެވެ. މެޗުގެ ފުރަތަމަ ސެޓުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ދެވަނަ ސެޓުގައި ރާއްޖޭގެ ޓީމަށް 11 ވަނަ ޕޮއިންޓުން ފެށިގެން ވާދަވެރިކަމެއް ނުދެއްކުނެވެ.

މެޗަށްފަހު ވާހަކަދައްކަމުން ދިވެހި ދެ ކުޅުންތެރިން ބުނީ ފުރަތަމަ ސެޓުގައި ރަގަނޅު ވާދައެއް ކުރި ނަމަވެސް ދެވަނަ ސެޓުގައި އަމިއްލަ މިސްޓޭކްތަކުގެ ސަބަބުން ޕޮއިންޓް ގެއްލުނީކަމަށެވެ. އަދި ޕާކިސްތާނު ޓީމުން ބޮޑު ލީޑެއް ނެގުމުން ފަހަތުންއަރާ އެއްވަރުކުރަން އުނދަގޫވީކަމަށް ދިވެހި ދެކުޅުންތެރިން ބުންޏެވެ. 

"ފުރަތަމަ ސެޓް ގެއްލުނީ ސެޓްގެ ފަހުކޮޅުގައި ހެދުނު މިސްޓޭކަކުން، ނަމަވެސް އެސެޓްގައި ވާދަކޮށްލެވުނު. ފުރަތަމަ ސެޓުގައި ކުޅެވުނު ގޮތާއި މެދުވެސް ވަަރަށް ހިތްހަމަޖެހޭ. ދެވަނަ ސެޓްގެ ފެށުން އަސްލު ވަރަށް ގޯސްކޮށް ދިޔައީ. ދެވަނަ ސެޓުގައި ފެށުން ގޯސްވުމުން އެސެޓް ގެއްލުނީ. ސެޓުގެ ފުރަތަމަ ކޮޅުގައި ވާދަކުރިން، ނަމަވެސް ބައެއްކަހަލަ އަމިއްލަ މިސްޓޭކާ ހުރެ، ޕޮއިންޓްތަށް ގެއްލުނީ. އެހިސާބުން މެޗް އަތުން ގެއްލިގެން ދިޔައީ." ޒަޔާނާއި އަޙްމަދު ބުންޏެވެ.

އިއްޔެ ޢަބްދުﷲ ޒަޔާން އާއި އަހުމަދު މުހައްމަދުގެ ޕެއަރއިން ކުޅުނު މެޗް ކާމިޔާބުކުރީ ބަނގްލަދޭޝްގެ ޝެއިޙް މުޙައްމަދު ސަނީ އާއި ހައިދަރު މުޙައްމަދު ޢިމްރާންގެ ޕެއަރއާ ވާދަކޮށް ސީދާ ދެ ސެޓުންނެވެ.