ރާއްޖޭގެ ތަރައްޤީއަށްޓަކައި އެކިއެކި ފަންނުތަކުން ކުރިއަރާފައިތިބި ދިވެހިން ޤައުމަށް އައިސް ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަޞީމް ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން ގޮވާލެއްވީ އިންޑިޔާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ބެންގަލޫރުގައި ދިރިއުޅޭ ދިވެހީންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނައިބްރައީސް ވިދާޅުވީ ދިވެހި ދަރިވަރުންނަކީ ތޫނުފިލި ދަރިވަރުންތަކެއް ކަމަށާއި އެކި ދާއިރާތަކުން ރާއްޖެ ކުރިއެރުވުމުގައި ދިވެހީންގެ ހިއްސާ ބޮޑުކަމަށެވެ. މިގޮތުން ދިވެހިރާއްޖެ ތަރައްޤީގެ މަގުގައި ކުރިޔަށްދިއުމުގައި ބޭނުންވާ ޓީޗަރުންނާއި ޑޮކްޓަރުންނާއި އިންޖިނޭރުން އަދި މިނޫންވެސް އެކިއެކި ފަންނުތަކުން ކުރިއަރާފައިތިބި ފަރާތްތައް ޤައުމަށް އައިސް ޚިދުމަތަށް ނުކުތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ރާއްޖެއިން ބޭރުގައި ދިރިއުޅުނު ނަމަވެސް ދަރީން ތަރުބިއްޔަތު ކުރުމުގައި މުޖުތަމަޢަށް ފައިދާހުރި ދަރީންތަކެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށާއި އިސްލާމްދީނުގެ ރިވެތި އުޞޫލުތަކުން ދަރީންނަށް ނަމޫނާ ދެއްކެވުމަށް ފައިސަލް ނަސީމްވަނީ އިލްތިމާސްކުރައްވާފައެވެ.
ރައީސުލް ޖުމްހޫރިއްޔާގެ ނައިބް އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މަސްތުވާތަކެތީން ދުރުހެލިވުމަށް ފަރުވާދޭ ބްލޮސަމްސް ކޮންވެލެސެންޓް ސެންޓަރަށާއި އިންޑިޔާގެ ކެއަރ ހޮސްޕިޓަލްސް ގްރޫޕުގެ އިސްވެރިންނާވެސްވަނީ ބައްދަލުކުރައްވާފައެވެ. މިގޮތުން ބްލޮސަމްސް ކޮންވެލެސެންޓް ސެންޓަރަށް ކުރެއްވި ޒިޔާރަތުގައި ވަނީ ރާއްޖެއަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ފާހަގަކުރައްވާފައެވެ. މިގޮތުން، މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ރާއްޖޭގެ ޖަމިއްޔާތަކާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން އެމަނިކުފާން ފާހަގަކުރެއްވިއެވެ.
މަސްތުވާތަކެތީގެ ނުރައްކަލުން ދިވެހި މުޖްތަމަޢު ސަލާމަތްކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފަރުވާދެވޭ ފަރާތްތައް އަނބުރާ މުޖުތަމަޢުގެ ތެރެއަށް ނެރުމުގެ މަރުޙަލާތައް އަވަސްކުރުމުގެ މުހިއްމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވެއެވެ.
ބްލޮސަމްސް ކޮންވެލެސެންޓް ސެންޓަރަކީ 12 މަރުޙަލާއަކަށް ބަހާލައިގެން މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް ފުޅާދާއިރާއެއްގައި ފަރުވާދޭ މަރުކަޒެކެވެ. މި ސެންޓަރުގައި މިހާރުވެސް ގިނަ އަދަދެއްގެ ދިވެހިން މަސްތުވާތަކެއްޗަށް ފަރުވާ ހޯދަމުންދާކަން ފާހަގަކޮށްލެވެއެވެ.
ނައިބްރައީސް ފައިޞަލް ނަޞީމް އިންޑިޔާގެ ކެއަރ ހޮސްޕިޓަލްސް ގްރޫޕުގެ އިސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ޞިއްޙީ ނިޒާމު އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ޞިއްޙީ ދާއިރާ އިތުރަށް ތަރައްޤީ ކުރުމުގައި ކެއަރ ހޮސްޕިޓަލްސް ގްރޫޕުގެ ފަރާތުން ރާއްޖެއަށް އެހީތެރިވެދެވިދާނެ ދާއިރާތަކާއިމެދުގައި ވެސް މަޝްވަރާ ކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި ކެއަރ ހޮސްޕިޓަލްސް ގްރޫޕުގެ ފަރާތުން ވަނީ ދިވެހި ސަރުކާރުން ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ޤާއިމްކުރާ ޓަރޝަރީ ހޮސްޕިޓަލްތައް ތަރައްޤީ ކުރުމުގެ މަސައްކަތުގައި އެހީތެރިވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
އިންޑިޔާގެ ކެއަރ ހޮސްޕިޓަލްސް ގްރޫޕުން އޭޝިޔާއާއި އެފްރިކާ ބައްރުގައި މަލްޓިސްޕެޝަލިޓީ ޞިއްޚީ ފަރުވާދޭ 26 ހޮސްޕިޓަލާއި 18 ކްލިނިކްގެ އިތުރުން 40 ޑައިގްނޯސްޓިކް ސެންޓަރ ހިންގައެވެ.
ތިންދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރައީސުލް ޖުމްހޫރިއްޔާގެ ނައިބް އިންޑިއާއަށް ފުރައިވަޑައިގެންނެވީ މިމަހުގެ 4 ވަނަ ދުވަހުގައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ހެލްތު މިނިސްޓަރ އަބުދުﷲ އަމީން އާއި ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.