ޚަބަރު

ފުލުހުންގެ ބެލުމުގެދަށުގައި ހުރި މީހަކަށް އަނިޔާ ލިބުނު މައްސަލައެއް ބަލަނީ


ފުލުހުންގެ ހައްޔަރުގައި ހުރި މީހަކަށް އަނިޔާ ލިބުނު މައްސަލައެއް ފުލުހުން ތަހުޤީޤްކުރަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ފުލުހުންގެ ބަންދަށް މިދިޔަމަހުގެ 29 ވަނަ ދުވަހު ގެނައި އުމުރުން 25 އަހަރުގެ ފިރިހެނަކު ޑޮކްޓަރަށް ދެއްކުމަށް އިއްޔެ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމުން އެމީހާގެ ކަނާތު އިނގިލީގެ ކަށިގަނޑަށް އަނިޔާވެފައިވާކަން އެކްސްރޭތަކުން ދައްކާފައިވާކަމަށެވެ. އެހެންކަމުން އެފަދަ އަނިޔާއެއް އޭނާއަށް ލިބުނީ ކިހިނެތްތޯ ބެލުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެމީހާގެ ޢާއިލާއާވެސް އެ މަޢުލޫމާތު ހިއްސާކޮށް، އެކަން ކުރިއަށްދާނެގޮތް ކިޔައިދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ އެމީހާ މިހާރު ފުލުހުންގެ ބަންދުން ދޫކޮށްލާފައިވާކަމަށެވެ. އަދި އޭނާ ފުލުހުންގެ ބަންދަށް ގެންދިޔައީ ފުލުހަކަށް ބިރުދައްކާ އިންޒާރުދީ، އެމީހާގެ މުދަލަށް ގެއްލުންދިން މައްސަލައެއްގައިކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެެވެ.