ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރަށުގެ މިހާރުގެ ހާލަތާއި، ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ. އެގޮތުން ރަށުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމާ ބެހޭގޮތުންނާއި ނަރުދަމާ ނިޒާމުގެ މަސައްކަތްކުރިޔަށްދާގޮތާ ބެހޭގޮތުން ހުރި ކަންބޮޑުވުންތައް ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން ރަށުގެ ފެނުގެ ނިޒާމުގެ ޚިދުމަތް ގޭބިސީތަކަށް ލިބޭނެގޮތްހެދުމާ ބެހޭގޮތުންނާއި ބަނދަރުބޮޑުކުރުމާއި މަރާމާތަށް ބޭނުންވާކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް ރަށުގައި އިޤްތިޞާދީ ކަންކަން އިތުރުކުރުމުގެ މުހިންމުކަމާއި ރަށުގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނުނިމި އޮތުމާއި ކުށްކުރުން އިތުރުވަމުންދާތީ އެކަމުގެ ކަންބޮޑުވުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ.
މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލަރުން ފާހަގަކުރެއްވި މަޝްރޫޢުތަކުގެ އެންމެފަހުގެ މައުލޫމާތު ޙިއްޞާކުރެއްވިއެވެ. އަދި ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލުތަކަށް ލިބިގެންދާ ބާރުތަކާ އަދި އަންނަ އަހަރު ލިބޭ ބަޖެޓާއެކު ކައުންސިލުތަކަށް މާލީގޮތުން ބާރުތަކެއް ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލަރުން އެދިވަޑައިގެންނެވި މުހިންމު ކަންކަމަށް ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.