ޚަބަރު

ނަފްސާނީ ދުޅަހެޔޮކަމާބެހޭ ބައިނަލްއަޤްވާމީ ބައްދަލުވުމަކަށް މިނިސްޓަރ އަމީން އޮމާނަށް


ނަފްސާނީ ދުޅަހެޔޮކަމާބެހޭ ބައިނަލްއަޤްވާމީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން އޮމާނަށް ފުރާވަޑައިގެންފިއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން އިންތިޒާމްކޮށްގެން ބާއްވާ މިބައްދަލުވުން ކުރިއަށްދާނީ އޮމާންގެ ވެރިރަށް މުސްކަޓްގައެވެ.

މިބައްދަލުވުމުގައި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވާހަކަފުޅުދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ގައިންގަޔަށް ނާރާ ބަލިތައް މަދުކުރުމުގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކަށް އަލިއަޅުއްވާލައްވާނެއެވެ.

މިބައްދަލުވުމުގެ ތެރޭގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން 2030 ވަނަ އަހަރަށް އަމާޒުހިފާފައިވާ މުހިއްމު ކަންތައްތަކާ ގުޅޭގޮތުން ތަޖުރިބާކާރު ބޭފުޅުން މަޝްވަރާކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ގައިންގަޔަށް ނާރާ ބަލިތަކާއި ނަފްސާނީ ބަލިތަކާއި ދުވަސް ނުފުރާ ވިހެއުން މަދުކުރުމަށް ކުރެވިދާނެ ކަންތައްތައް ހިމެނެއެވެ. އަދި ޤައުމީ ފެންވަރުގައި މިފަދަ ބަލިތައް މަދުކުރުމަށް އެކި ޤައުމުތަކުން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި ބައްދަލުވުމުގެ ހަވާސާގައި އދ.ގެ މެމްބަރު ޤައުމުތަކުގެ އިސް ބޭފުޅުންނާއި އެކި ޤައުމުތަކުގެ މިނިސްޓަރުންގެ ފެންވަރުގެ ބޭފުޅުންނަށް ޚާއްސަ ބައްދަލުވުމެއް ވެސް ކުރިއަށްދާނެ ކަމަށް މަޢުލޫމާތުލިބިފައިވެއެވެ.