ޚަބަރު

ލިބޭ ބަޖެޓު ކުޑަވުމުން މުހިންމު މަސައްކަތްތައް ކުރުމަށް ހުރަސްތައް ކުރިމަތިވޭ: އޭސީސީ


އޭސީސީން ތައްޔާރުކުރާ ބަޖެޓަށްވުރެ ލިބޭ ބަޖެޓް މަދުވުމުގެ ސަބަބުން ޤާނޫނުން ލާޒިމްކުރާ މުހިއްމުކަންތައްތައް ކުރުމަށް ބޮޑެތި ދަތިތަކާކުރިމަތިވަމުންދާކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އޭސީސީގެ އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރ އާދަމް ޝާމިލް ވިދާޅުވީ އެކޮމިޝަނުގެ މަސައްކަތްތަކުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުންމަކީ ބަޖެޓުގެ ދަތިކަމާއި އިންސާނީ ވަސީލަތް ނުވަތަ މުވައްޒަފުންގެ ދަތިކަންކަމަށެވެ.

ޝާމިލް ވިދާޅުވީ މާލީ ދަތިތަކުގެ ސަބަބުން ކޮމިޝަނުން ކުރަންޖެހޭ ބޮޑެތިކަންކަން ކުރުމަށް ދަތިތަކާއި ކުރިމަތިވަމުންދާކަމަށެވެ.

"ބަޖެޓަށް އެދުނީމަ އެލިބެންޖެހޭ މިންވަރަށް ނުލިބުނީމަ ދެން އަޅުގަނޑުމެން އެބަޖެހޭ އެމަސައްކަތްތައް މެދުކަނޑާލަން. އޭގެބަދަލުގައި އަޅުގަޑުމެންނަށް އެފުރިހަމަ ބަޖެޓް ލިބޭކަމަށްވާނަމަ ރޭވިފައި ހުންނަ ހަރަކާތްތައް އަޅުގަނޑުމެންނަށް ކުރިއަށްގެންދާނެ" އާދަމް ޝާމިލް ވިދާޅުވިއެވެ.

ޝާމިލް ވިދާޅުވީ، ކޮމިޝަނަށް ދިމާވާ ފައިސާއާ ގުޅުންހުރި އަނެއް ދައްޗަކީ، އިންސާނީ ވަސީލަތްތަކުގެ ދަތިކަންކަމަށެވެ. އެގޮތުން މާލީ އަދި އިޤްތިޞާދީ އަދި އިޖްތިމާޢީ ދިރާސާތައްކުރާކަމަށާއި އެއިން ކޮންމެ ދާއިރާއަކަށް އެދާއިރާއެއްގެ ފަންނީ މީހުން ބޭނުންވި ނަމަވެސް އެކަށީގެންވާ މުސާރައެއް ނުލިބޭތީ ކޮމިޝަނުގައި ރަނގަޅު މުވައްޒަފުން ހަރުލެއްވުމަށް ދަތިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

"ކްރިމިނޮލޮޖީގެދާއިރާގައި މަސައްކަތްކުރަން އެބަޖެހޭ ކުށް ހުއްޓުވުމަށް މަސައްކަތްކުރާ އިދާރާއެއްގެ ހައިސިއްޔަތުން، އެކަހަލަ ގިނަ ފަންނުތަކުގެ ބޭފުޅުން އެކަށީގެންވާ މުސާރާއާއެކު ބަައިތިއްބުމައްޓަކައި އެކަށީގެންވާ ރަނގަޅު، އިންސާނުން މަސައްކަތްކުރުމަށް އަންނަހިތްވާކަހަލަ މުސާރަދެވޭކަހަލަ މުއައްސަސާއަކަށް އަޅުގަނޑުމެންވާންޖެހޭ. އެކަމަކު މިއަދުގެ މާހައުލުގައި އަޅުގަނޑުމެންނާ ވާދަކުރާ މުއައްސަސާތަކާއި އަޅާބަލާއިރު އަޅުގަނޑުމެންގެ މުސާރައިގެ ޕެކޭޖްއެހާ އެޓްރެކްޓިވްއެއް ނޫން" ޝާމިމް ވިދާޅުވިއެވެ.

މިކަންކަމުގެ އިތުރުންވެސް އޭސީސީގެ އޮފީސް ހިންގާ އިމާރާތުގެ ދަތިކަންފަދަ ކަންކަން ހައްލުކުރުމަށް ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އޭސީސީން ވަނީ ވިދާޅުވެފައެވެ.