ޚަބަރު

ހިއުމަންރައިޓްސް ކޮމިޝަނަށް އެކަށީގެންވާ ބަޖެޓެއް ބޭނުންވޭ - ކޮމިޝަންގެ ރައީސް


އިންސާނީ ހައްޤުތައް ކަށަވަރުކުރުމަށްޓައި މަސައްކަތް ކުރާ ކަމާ ގުޅޭ އިދާރާތަކަށް އެކަށީގެންވާ ބަޖެޓެއް ބޭނުންވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް އައިމިނަތު އީނާޒް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އީނާޒް ވިދާޅުވީ ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އީނާޒް ވިދާޅުވީ އިންސާނީ ހައްޤުތައް ކަށަވަރުކުރުމަށްޓައި މަސައްކަތް ކުރާ ކަމާ ގުޅޭ އިދާރަތަކަށް އެކަށީގެންވާ ބަޖެޓެއް ލިބިއްޖެނަމަ އިންސާނީ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާމަސައްކަތްތަކަށް ހެޔޮ ބަދަލެއް އަންނާނެކަމަށެވެ.

މިހާރުވެސް ދިވެހި މުޖުތަމަޢުގައި އިންސާނީ ހައްޤުތަކުން މަހުރޫމްވެފަތި ތިބި ބަޔަކު ތިބިކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ މިފދަ މައްސަލަތައް ހުއްޓުވުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް. އީނާޒް ވިދާޅުވީ އިންސާނީ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ޤާނޫނާއި ޤަވާއިދުތައް ހެދިފައި ހުރިނަމަވެސް މިފަދަ މަސައްކަތަކަށް އެދެވޭ ހައްލެއް ލިބިގެންނުދާކަމަށެވެ. އަދި އިންސާފު ލިބެންޖެހޭ ފަރާތްތަކަށް އިންސާފު ނުލިބި ގިނަދުވަސްވާކަން އޭނާ ފާހަގަކުރެއްވިއެވެ.