ޚަބަރު

ލޯކަލް ކައުންސިލް އިންތިޚާބަށް ލަފާދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި


އަންނަ ލޯކަލް ކައުންސިލް އިންތިޚާބަށް ލަފާދޭ ކޮމިޓީ އެކުލަވާލައި އެކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބު 2020 ގެ ޤައުމީ ލަފާދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވާފައިވަނީ އިންތިޚާބަށް ތައްޔާރުވުމުގެ މަރުހަލާ ކުރިއަށްދާއިރު، ލަފާދޭ ކޮމިޓީ ބައިވެރިކޮށްގެން ކަންކަން ނިންމުމަށް މަޝްވަރާކުރުމަށްކަމަށެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ނިންމާފައިވާއިރު، ޤައުމީ ލަފާދޭ ކޮމިޓީ އެކުލަވާލާފައިވަނީ ސިޔާސީ ޕާޓީތަކާ، ޖަމިއްޔާ ޖަމާޢަތްތަކުގެ އިތުރުން އިންތިޚާބާއި ގުޅޭކަންކަމުގައި ބައިވެރިވާ ދައުލަތުގެ އިދާރާތައް ހިމެނޭގޮތަށެވެ.

ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުންތައް ކޮންމެ ދެހަފްތާއަކުން އެއްހަފްތާގައި ބާއްވާނެކަމަށާއި، އިންތިޚާބު ގާތްވުމުން ހަފްތާއަކު އެއްބައްދަލުވުން ބާއްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.

ލަފާދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބޭއްވިނަމަވެސް ދެން އޮންނަ ބައްދަލުވުމުގައި އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތްތައް ފަށާނެކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއްވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާ ތާރީޚު އިއުލާންކޮށްފައިވާއިރު، ކައުންސިލްތަކުގެ އުމުރު 3 އަހަރުން 5 އަހަރަށް އިތުރުކުރުމަށް ޤާނޫނު އަސާސީއަށްވަނީ އިސްލާހުގެނެސްފައެވެ. އަދި ޤާނޫނު އަސާސީގެ ލާމަރުކަޒީ ބާބަށް ގެނައި އިޞްލާޙުގައި ސިޓީ ކައުންސިލްގެ މޭޔަރުންނާއި، އަތޮޅު ކައުންސިލްގެ ރައީސްއާއި، ރަށު ކައުންސިލްގެ ރައީސުން ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން އިންތިޚާބުކުރުމަށެވެ.