ޚަބަރު

މަސްވެރިން ބާނާ މަސް ރަނގަޅު އަގުގައި ވިއްކޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސާނެ - ރައީސް


މަސްވެރިން ބާނާ ހުރިހާ މަހެއް، ރަނގަޅު އަގުގައި ވިއްކޭނެ ގޮތެއް ސަރުކާރުން ހޯދައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

39 ވަނަ މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަން ފެށުނު އިރު، ރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތު އޮތީ މާ ރަނގަޅު ޙާލަތެއްގައެއް ނޫންކަމަށެވެ. އެގޮތުން އުތުރުގެ އަތޮޅުތަކުގައި، ދޮށީގެ މަސްވެރިކަން ދިޔައީ ވަޅުޖެހެމުންކަމަށާއި، މަސްވެރިކަން ތިޔާގި މޫސުމުގައި، މަސް ގަތުމުގެ ޤާބިލްކަން، މަސް ކުންފުނިތަކުގައި ނެތްއިރު، ފެނާއި ތެލާއި އައިސް ލިބޭނެ ފަސޭހަ އިންތިޒާމުތަކެއް ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އަތުނަނުގައި ކުރާ ބޮޑު ކަންނެލީގެ މަސްވެރިކަން ކުރިއަރައިގެން އައިއިރު، އެމަސްވެރިކަމަށްވެސް އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދެވިފައި ނުވާކަމަށާއި، ބޮޑު ކަންނެލި ގަންނާނެ ކުންފުނިތަކެއްވެސް، އެކަށީގެންވާ ޢަދަދަކަށް ނެތްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މަސްވެރިންގެ ޝަކުވާތަކާއި ކަނބޮޑުވުންތައް އަޑުއަހައި އެކަންކަން ހައްލުކުރުމަށް ސަރުކާރަށް މިވީ މުއްދަތުގެ ތެރޭގައި ކޮށްފައިވާ އަދި މިހާރު ފައްޓައިގެން ހިންގާ މަޝްރޫޢޫތަކާއި މަސައްކަތްތަކުގެ ތަފްސީލް ޚިއްސާކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ރިޔާސީ ވަޢުދުތަކުގައިވާ ކަންކަމާއެކު، މަހަށް ރަނގަޅު އަގު ހޯއްދަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"މަސްވެރިން ބާނާ ހުރިހާ މަހެއް، ރަނގަޅު އަގުގައި ވިއްކޭނެ ގޮތް އަޅުގަނޑުމެން ހޯދައިދޭނަން. މަސް ގަންނަން ބޭނުންވާ ފަރާތްތަކަށް، އަޅުގަނޑުމެން އެ ފުރުޞަތު މި ހުޅުވާލަނީ ވަރަށް މަތިވެރި މަޤްޞަދެއްގައި. މަސްވެރިކަމުގެ ޞިނާޢަތުގައި އިންވެސްޓްކުރުމަށް ސަރުކާރުން މަގުފަހިކޮށްދޭނަން. މި ބަދަލުތަކާއެކު، މަސްވެރިކަމަށް އިންވެސްޓްކުރާނެ ފަރާތްތައް އިތުރުވެގެންދާނެ" ރައީސް ވިދާޅުވިއެވެ.

މަސްދޯނިފަހަރު ހަމައިސްކޮޅަށް ދެމިލައި، ދުވެލިވެސް އެތައް ގިޔަރެއް މައްޗަށް ޖެހުނު ނަމަވެސް އެ ދޯނިތަކަށް ޚިދުމަތް ދޭ ކުންފުނިތަކާއި ބަނދަރުތައް ހުރީ، މީގެ ތިރީހަކަށް އަހަރު ކުރީގެ ފިޔަވަޅުމަތީކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެފަދަ ޤާބިލުކަން އިތުރުކޮށް ވަސީލަތްތައް ތަރައްޤީއެއް ކުރުމަށް މިހާރު މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ.

ދޯނިފަހަރުގެ ވަތުގައި ފެން ފިނިކުރާ ނިޒާމު ޤާއިމުކުރުމަށް، އެއްވެސް ރަހުނަކާ ނުލައި، ލޯނު ދޫކުރަން މިހާރު ފަށާފައިވާކަމަށާއި، އެފަދަ ނިޒާމުތައް ޤާއިމުކުރުމަށް، ލޯނަށް އެދުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"އައިސް އުފައްދާ ނިސްބަތް، 5 އަހަރު ދުވަހުގެ ތެރޭގައި، މަހެއްގެ މައްޗަށް 12000 ޓަނަށް އިތުރުކޮށްދިނުމަކީ ވެސް އަޅުގަނޑުމެންގެ ވަޢުދެއް. ވޭތުވެދިޔަ 12 މަސް ދުވަހުގެ ތެރޭގައި، މިވަޢުދުގެ 50 އިންސައްތަ ޙާޞިލުކުރެވިއްޖެ. މިއަހަރުގެ ތެރޭގައި ސަރުކާރުގެ އިންވެސްޓްމަންޓްތަކާއި، ޕްރައިވެޓް ސެކްޓަރއިން ޤާއިމުކުރި އައިސް ޕްލާންޓްތަކުގެ ސަބަބުން، މަހެއްގެ މައްޗަށް އިތުރު 6000 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން ލިބިއްޖެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މަސްދޯނިފަހަރު ބަނުމަށް އެތެރެކުރާ ފައިބަރާއި، މަސްދޯނިފަހަރުގައި އަޅާ އިންޖީނާއި އޭގެ ސްޕެއާޕާޓްގެ އިތުރުން، މަސްވެރިކަމުގެ ބައެއް އާލާތްތަކުން ނަގަމުން އަންނަ އިމްޕޯޓް ޑިއުޓީ، 2020 ވަނަ އަހަރުން ފެށިގެން ކަނޑާލެވޭނެކަމަށްވެސް ވިދާޅުވިއެވެ. މިގޮތުން މަޢާފްކުރެވޭ ޑިއުޓީގެ ސަބަބުން، މަސްވެރިންނާއި އޮޑިވެރިންގެ އަތުން 85 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްވާނެކަމަށް ރައީސް ޞާލިޙް އަންދާޒާކުރެއްވިއެވެ.

އައްޑޫ ސިޓީގެ ހުޅުމީދޫ ފަޅު ފުންކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އައްޑޫގައި ހުންނަ މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސް ބޭނުންކުރެވޭނެ ގޮތް ވަރަށް އަވަހަށް ހަމަޖެހިގެންދާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ފީނުމުގެ ތެރޭގައި ދިމާވާ މައްސަލަތަކަށް ފަރުވާ ކުރުމަށް، އައްޑޫގައި ހަދާ ޗެމްބަރުގެ ޚިދުމަތް އަންނަ އަހަރު ކުރީކޮޅު ލިބެން ފަށާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެހެންމެ ކަނޑުއޮތްގިރި އަދި ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖް އަދި ޕްރޮސެސިން ކެޕޭސިޓީ އިތުރުކުރުމަށް، އަންނަ އަހަރުގެ ބަޖެޓްގައިވާނީ ހިމަނާފައިވާކަން ފާހަގަކުރައްވައި، މަސްވެރި ރަށްރަށުގައި މަސް ގުދަންކުރެވޭނެ ކޯލްޑް ސްޓޯރޭޖްތައް ހެދުމުގެ މަސައްކަތް 2020 އަހަރު ފެށިގެންދާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.