ޚަބަރު

މަޝްރޫޢުތައް އަވަސްކުރުމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު އިންޑިއާގެ ފޮރިން ސެކްރަޓަރީ އާއެކު މަޝްވަރާކުރައްވައިފި


އިންޑިއާ އާއި ރާއްޖެ ގުޅިގެން ކުރިއަށްގެންދާ ޕްރޮޖެކްޓްތައް އަވަސްކުރުމާއި ގުޅޭ ގޮތުން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި އިންޑިއާގެ ފޮރިން ސެކްރަޓަރީ މަޝްވަރާކުރައްވައިފިއެވެ.

މިމަޝްވަރާތައް ކުރިއަށްދިޔައީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިޖޭ ގޮކާލް އަރިހަށް މިއަދު ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، އިންޑިއާގެ ފޮރިން ސެކްރެޓަރީ ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ޝާހިދަށް މަރުޙަބާ ވިދާޅުވެ، ކުރިއަށް އޮތް ޖޮއިންޓް ކޮމިޝަން މީޓިންއާއި ބެހޭ މައުލޫމާތު މިނިސްޓަރާއި ހިއްސާ ކުރެއްވިއެވެ. މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން އިންޑިއާއިން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

އަދި ދެ ޤައުމު ގުޅިގެން ކުރިއަށް ގެންދާ އެކިއެކި ޕްރޮޖެކްޓްތަކާއި ބެހޭ ގޮތުން މަޝްވަރާކުރައްވައި، ޕްރޮޖެކްޓްތައް އަވަސްކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިންޑިއާއަށް ވަޑައިގެންފައި މި ވަނީ ޑިސެމްބަރު 13 ވަނަ ދުވަހު ބާއްވާ މޯލްޑިވްސް އިންޑިއާ ޖޮއިންޓް ކޮމިޝަން މީޓިންގައި ބައިވެރިވެވަޑައިގަތުމަށެވެ.

ފޮރިން މިނިސްޓަރ ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް އެފެއާޒް މިނިސްޓަރ ޑރ. ސުބްރަމޭނިއަމް ޖައިޝަންކަރް މި ޖޮއިންޓް ކޮމިޝަން މީޓިންގ ބާއްވަވާއިރު، ދެޤައުމުގެ ދެމެދުގައި ޖޮއިންޓް ކޮމިޝަން މީޓިން މި ބާއްވަނީ ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހުގައެވެ.