ޚަބަރު

ޤާސިމްއަށް ހަމާލާދިން ހަތިޔާރާއި ޙަމަލާދިން މީހުންގެ ފިންގަރ ޕްރިންޓް ފެނިއްޖެ


މިދިޔަ ހަފްތާގައި ހުޅުމާލޭގައި ރަހުމްކުޑަކޮށް މަރާލި ޓެކްސީ ޑްރައިވަރ ޤާސިމް ހަސަންއަށް ހަމަލާދިން މީހުންގެ ފިންގަރ ޕްރިންޓާއި ޑީއެންއޭ ހިމެނޭގޮތަށް ފޮރިންސިކް ހެކިތައް ފުލުހުން ހޯދައިފިއެވެ.

ޤާސިމް ހަސަންގެ މަރުގެ ތަޙްޤީގުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފުލުހުން ކުރި މަސައްކަތުން ޤާސިމްއަށް ހަމަލާދިން ހަތިޔާރާއި ފޮރިންސިކް ހެއްކި ހޯދިފައިވާކަމަށެވެ. އަދި ހެކިތައް ހޯދާފައިވަނީ ޤާސިމްގެ ހަށިގަނޑު ފެނުނު ސަރަހައްދުގެ 300 މީޓަރު ދުރުގައި ހުރި ގަސްތަކެއްގެ ތެރެއިންކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މިހަމަލާއާއި ގުޅިގެން ޤާސިމް ދުއްވި ޓެކްސީ ދުއްވާފައިވާ ސަރަހައްދުތަކުގެ ސީސީޓީވީ ފުޓޭޖްތައް ހޯދައި، މިކަމުގައި ޝާމިލުވާ ފަރާތްތައް ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

މިމަހުގެ 4 ވަނަދުވަހުގެ ރޭ ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އދ.މާމިގިލީ ކަނީރުމާގޭ ޤާސިމް ހަސަން މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ. އޭނާއަށް ޙަމަލާދީފައިވަނީ ހުޅުމާލޭގައި މީހުން އާބާދުވެފައިނުވާ، އަދި މިހާރު އިމާރަތްކުރުމުގެ މަސައްކަތްތައް ހިނގަމުންދާ ސަރަހައްދެއްކަމުގައި ރީތި ގަސް މަގާއި ގުޅިފައިވާ ގޯޅިއެއްގެ ތެރޭގައެވެ.

ޤާސިމް ހަސަނަކީ ހުޅުމާލޭގެ ތާރީޚުގައި އެރަށުގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި 2 ވަނަ މީހާއެވެ. ހުޅުމާލޭގައި އެންމެ ފުރަތަމަ ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލާފައި ވަނީ 2017 ވަނަ އަހަރު، ގާސިމްއަށް ޙަމަލާދިން ސަރަޙައްދުންނެވެ.