ޚަބަރު

އަންނަ އަހަރުގެ ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު 6 ދުވަހެއް


2020 ވަނަ އަހަރުގެ ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު 6 ދުވަސް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކަނޑައަޅުއްވައިފިއެވެ.

އަންނަ 2020 ވަނަ އަހަރު ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާނީ މީލާދީ އައުހަރާއި ގުޅުވައިގެން ޖަނަވަރީ މަހުގެ ދޭއްވާ ބުރާސްފަތި ދުވަހާއި، ފިތުރު ޢީދާއި ގުޅިގެން އީދު ބަންދުގެ ދުވަސްތަކުގެ ތެރޭގައި މޭމަހުގެ 27 ވާ ބުދަ ދުވަހާއި، 28 ވާ ބުރާސްފަތި ދުވަހުއެވެ.

މީގެ އިތުރުން އަންނަ އަހަރުގެ މިނިވަންދުވަހާއި ގުޅިގެން ޖުލައި 28 އަދި 29 މި ދެދުވަސްވެސް ރަސްމީ ބަންދު ދުވަސްތަކުގެ ގޮތޮގައިވަނީ ކަނޑައަޅުއްވާފައެވެ. އަދި ޖުމްހޫރީ ދުވަހާއި ވިދިގެން އަންނަ ނޮވެންބަރު 12ވާ ބްރާސަފަތި ދުވަހަކީވެސް ރަސްމީ ބަންދުދުވަހެއްކަމަށް ރައީސް ނިންމަވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތުދެއްވިއެވެ.

ސަރުކާރުން ފާހަގަކުރާ ރަސްމީ ދުވަސްތަކާއި ގުޅިގެން މީގެ ކުރިންވެސް މިފަދަ ދުވަސްތައް ބަންދުކުރަމުންދެއެވެ. އެގޮތަށް ރައީސުލްޖުމްހޫރިއްޔާ ދުވަސްތައް ބަންދުކުރަނީ މުވައްޒަފުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުންނެވެ.