ޚަބަރު

ކީތިރި ޤުރުޢާނާއި ބެހޭ ޤައުމީ މަރުކަޒުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


ކީތިރި ޤުރުޢާނާއި ބެހޭ ޤައުމީ މަރުކަޒުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 19ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވަކަމަށް ޤުރުޢާނާބެހޭ މަރުކަޒުން ވިދާޅުވެއްޖެއެވެ.

ކޯސްތަކުގެ މަޢުލޫމާތު ދިނުމާއި، ފޯމް ހުށައެޅޭނެ އިންތިޒާމާއިއެކު މިއަދު ގެންދަނީ އޯޕެން ޑޭ އެއްވެސް ކުރިއަށްގެންދަމުންނެވެ. މި އޯޕަންޑޭ ކުރިއަށްދާނީ މިރޭ 10 ޖެހުމާއި ހަމައަށް ޤުރުއާނާއި ބެހޭ މަރުކަޒުގައެވެ.

ކިރިތި ޤުރުޢާނާއި ބެހޭ މަރުކަޒުގެ އޯޕެންޑޭ ފައްޓަވައިދެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދުﷲ ޖަމީލް. އަންނަ އަހަރު ޤުރުޢާނާއި ބެހޭ މަރުކަޒުން ލެވެލް 1އިން ފެށިގެން ލެވެލް 7އާއި ހަމައަށް ކޯސްތައް ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައި. އަންނަ އަހަރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ޤިރާއަތު ސެޓްފިކެޓް 1،2،3، ޤާރީކަމުގެ އެޑްވާންސް ސެޓްފިކެޓް، އަރަބިބަހުގެ ޑިޕްލޮމާ އަދި ޤުރުޢާން މުދައްރިސްކަމުގެ ޑިޕްލޮމާ ކޯސް ހިމެނެއެވެ. މީގެއިތުރުން އިމާމުން ތަމްރީންކުރުމުގެ ޕްރޮގްރާމާއި، ޖަނާޒާ ޕްރޮގްރާމްވެސް ހިމެނެއެވެ.
ކޯސްތަކާއި ގުޅޭ މަޢުލޫމާތުދެއްވަމުން ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ އެގްޒެކެޓިވް ޑިރެކްޓަރ ޢަލީ ޤާސިމް ވިދާޅުވީ މި ކޯސްތަކަކީ ޤުރުޢާނާއި އަރަބި އަދި ދީނީ އެކިއެކި ކޯސްތައް ހެދުމަށްވެސް ލިބޭ ރަނގަޅު ފުރުޞަތެއްކަމަށެވެ.

"ދަރިވަރުންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކަށްވާނީ ކޮލިފައިޑް ޓީޗަރުންގެ ފަރާތުން ތަމްރީނުލިބުން. އަދި މި ކޯސްތަކަކީ މުޅިން ހިލޭ ކުރިއަށްގެންދާ ކޯސްތަކެއް. ވީހާވެސް ގިނަ ދަރިވަރުންނަށް ޖާގަދިނުން ބޭނުމަކީ." އަލީ ޤާސިމް ވިދާޅުވިއެވެ.

ޤުރުއާނާ ބެހޭ މަރުކަޒުގެ އަތޮޅުތަކުގެ ކެމްޕަސްތަކުގެ ކޯސްތަކަށްވެސް މިހާރު ކުރިމަތި ލެވޭނެކަމަށް އެ މަރުކަޒުން ބުނެއެވެ. ޤުރުޢާނާ ބެހޭ މަރުކަޒުގެ 42 ގޮފި އަތޮޅުތަކުގައި ހިންގައެވެ. މީގެ ގިނަ ގޮފިތަކުގައި ކިޔަވައިދެނީ ލެވެލް 1އިން 4ގެ ކޯސްތަކެވެ. ގޮފިތަކުގެ ކޯސްތަކަށް އެ ރަށެއްގެ ގޮފިން ފޯމް ބަލައިގަންނާނެއެވެ. ޤުރުޢާނާބެހޭ މަރުކަޒުގެ ކޯސްތަކަކީ އެމް.ކިއު.އޭ އެޕްރޫވްޑް ކޯސްތަކެކެވެ. ކޯސްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 19ވަނަ ދުވަހެވެ.