ޚަބަރު

އެމްއާރްއެމްގެ އިންތިޤާލީ ރައީސް، ރައީސް މައުމޫނުގެ މަޝްވަރާ ކޮމިޓީ އެކުލަވާލައިފި


މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރްއެމްގެ އިންތިޤާލީ ރައީސް، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ގެ މަޝްވަރާ ކޮމިޓީ އެކުލަވާލައިފިއެވެ.

ރައީސް މައުމޫނު އިސްކޮށް ހުންނަވައި އުފެއްދެވި އެމް.އާރް.އެމް ކުރިއަރުވައި ތަރައްޤީކުރުމުގައި، ޕާޓީގެ ރައީސަށް ލަފާދެއްވާ މަޝްވަރާ އަރުވާ މިކޮމިޓީގައި 12 ބޭފުޅަކު ހިމެނިވަޑައިގަންވައެވެ. އޭގެ ތެރޭގައި ރައީސް މައުމޫނުގެ ވެރިކަމުގައި ވަޒީރުކަން ކުރެއްވި ނިޝާން ޢިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރާއި، ނިޝާން ޢިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހީމް ހިމެނިވަޑައިގަންނަވައެވެ.

މިކޮމިޓީގައި ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްއާއި ދައުލަތުގެ އެކި މަޤާމްތައް ފުރުއްވާފައިވާ ބޭފުޅުންނާއި، ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ދާއިރާގައި ފުންނާބުއުސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ އިންތިގާލީ ރައީސްކަމުގެ މަޤާމަށް، ކުރީގެ ރައީސް މައުމޫން ޢަބްދުލްގައްޔޫމް އައްޔަންކޮށްފައިވަނީ، އެޕާޓީ އުފެއްދުމަށް މިދިޔަ ނޮވެންބަރު މަހުގެ 8 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ. އެމްއާރުއެމްގެ އިންތިގާލީ ނައިބު ރައީސުންނަށް ހަމަޖައްސާފައިވަނީ ރައީސް މައުމޫނުގެ ދަރިކަނބަލުން އަދި މިހާރުގެ މިނިސްޓަރ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫން އާއި އާމިނަތު ނާދިރާއެވެ.

ރައީސް މައުމޫން އިސްކޮށް ހުނަވައިގެން އެމްއާރުއެމް އުފައްދާފައިވާއިރު، މީގެ ކުރިންވެސް އެމަނިކުފާނު އިސްކޮށް ހުންނަވައިގެން ދެ ޕާޓީއެއްވަނީ އުފެއްދެވިއެވެ. އެގޮތުން ޕީޕީއެމް އާއި ޑީއާރުޕީންވެސް އެމަނިކުފާނު ދުރުވީ އޭރު އެދެޕާޓީގައި އިސްކޮށްތިއްބެވި ފަރާތްތަކާއި ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކެއްގެ ތެރެއިންނެވެ.