ޚަބަރު

ވާނުވާގައި ތިބޭ މީހުންގެ މައްސަލަތައް މުރާޖަޢާކޮށް، ދޫކޮށްލުމުގެ މަސައްކަތް ފަށައިފި


ޝަރީޢަތް ނިމެންދެން މުއްދަތެއްނެތި ބަންދުގައި ތިބި މީހުންގެ މައްސަލަތައް މުރާޖަޢާކުރުމަށް ނިންމާ، އޭގެތެރެއިން ބޮޑެތި ކުށްތަކަށް އަރައިގެންފައިނުވާ މީހުން ޝަރުތުތަކަކާއެކު ދޫކޮށްލުމުގެ މަސައްކަތް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ފަށައިފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޕްރޮސެކިއުޓަރ ޖެނަރަލް ޙުސައިން ޝަމީމް ވިދާޅުވީ، ޝަރީޢަތް ނިމެންދެން ބަންދުގައި ބައިތިއްބާފައިވާ 256 މީހެއްގެ މައްސަލަ ފާހަގަކުރެވިފައިވާކަމަށާއި، އެފަދަ މައްސަލަތައް މުރާޢަޖާކުރަން އެއޮފީހުން ފަށާފައިވާކަމަށެވެ.

ޝަމީމް ވިދާޅުވީ މި އުސޫލުގެ ދަށުން މީހުން މެރުމާއި، ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމުގެ މައްސަލަތަކާއި، މަސްތުވާތަކެތި އެތެރެކޮށް ވިއްކާ މީހުންނާއި ތޫނުހަތިޔާރު ބޭނުންކޮށްގެން މީހުންނަށް ހަމަލާދޭ މީހުން ދޫކޮށްނުލާނެކަމަށެވެ.

ޝަމީމް ވިދާޅުވީ ޝަރީޢަތް ނިމެންދެން މުއްދަތެއްނެތި ބަންދުގައި ތިބި މީހުންގެ ތެރޭގައި އެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލާގައި ޙުކުމެއް ކުރިނަމަ އެ ޙުކުމް ތަންފީޒުކޮށް ނިމޭހާ ދުވަސް ބަންދުގައި ވޭތުކޮށްފައި ތިބި މީހުން އެބަތިބިކަމަށެވެ. އަދި މިފަދަ މައްސަލަތައް ކުރިއަށް އޮތް ތިންމަހެއްހާ ދުވަހުގެ ތެރޭގައި ހައްލުކުރެވޭނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

"އަޅުގަނޑު މި ނިންމީ ވާނުވާގައި ތިބި 256 މީހުންގެ މައްސަލައިގެ ތެރެއިން މިއަދުވެސް 10 ވަރަކަށް މައްސަލަ މުރާޖާކޮށްފިން. ކޮށްފައި އޭގެތެރެއިން ބައެއް މީހުން ޝަރުތުތަކާއެކު ދޫކޮށްލަންވެސް އަޅުގަނޑުމެން ނިންމައިފިން" ޙުސައިން ޝަމީމް ވިދާޅުވިއެވެ.

މިފަދަ މައްސަލަތަކުގެ ތެރޭގައި 5 އަހަރާއި 3 އަހަރު ވަންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތައް އެބަހުރިކަމަށާއި، ކުށެއް ކުރިނަމަވެސް އެހާ ދިގުމުއްދަތެއްގައި ޝަރީޢަތް ނުނިމި ބަންދުގައި ތިބެންޖެހޭކަމަށް ޤަބޫލުނުކުރައްވާކަމަށް ޝަމީމް ވިދާޅުވިއެވެ. މީގެ އިތުރުން އެމީހެއްގެ ކުށަކާނުލައި ޝާަރީޢަތް ނުހިނގާ ލަސްވެފައިހުރި މައްސަލަތައްވެސް ރިވިއުކުރުމަށްފަހު ގޮތެއް ނިންމުމަށް ޕީޖީން ވަނީ ނިންމަވާފައެވެ. މިގޮތަށް ދިމާވެފައިވާ ފަރާތްތަކުން އެމައްސަލަތައް ޕީޖީ އަށް ހުށައެޅުމުން މުރާޢަޖާ ކުރެވޭނެކަމަށާއި، ގިނަ ދުވަސްވެފައިވާކަމަށް ފެންނަ މައްސަލަތައް ސީދާ ޕީޖީ އޮފީހުންވެސް ބައްލަވައި، ގޮތްތަކެއް ކަނޑައަޅުއްވާނެކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވިއެވެ.

"މިހަކަށް ގެއްލުމެއް ލިބިފައިނެތް، އޭނަގެ ކުށަކާނުލައި ޝަރީޢަތް ނުހިނގާހުރި މައްސަލަތައްވެސް އަޅުގަނޑުމެން ރިވިއުކޮށްފައި އެމައްސަލަތައް ފައިލްކުރަން، ކުރިއަށް ނުގެންދަންޏާ ކުރިއަށް ނުގެންދަން ނިންމަން. އެއީ މީހުންގެ ހަޔާތް މައްސަލައެއް ބޯމަތިކޮށްގެން 8 އަހަރު 9 އަހަރު ނުވަތަ ހަމަ ކޮންމެ އިރަކުވެސް ޖަލަށްދާން ޖެހިފައިއޮތުން އެއީ މިހާރުގެ ޖިނާޢީޢިޖުރާއަތުގެ ޤާާނޫނު ތަސައްވުރުކޮށްފައި އޮތްގޮތެއްނުން" ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މައްސަލަތައް ހިނގާނެ ގޮތުގެ ތާވަލް ޝަރީޢަތުން ކުރިން ލިބެމުން ނުދާކަމަށާއި، ތާވަލް ލިބޭނަމަ ވާނުވާގައި ތިބޭ މީހުންގެ މައްސަލަ ޙައްލުކުރުމަށް ފަސޭހަވެގެންދާނެކަމަށެވެ. އަދި މިފަދަ މީހުންގެ މައްސަލަތައް ނުނިމި ލަސްވަމުން ދިއުމުގެ ސަބަބުން ކަރެކްޝަނަލް ސަރވިސްއަށްވެސް ދަތިތައް ކުރިމަތިވާކަމަށާއި އެހެންކަމުން ތާވަލު ހޯދުމުގެ މަސައްކަތް ކޯޓުތަކާއި ގުޅިގެން މިހާރު ކުރަމުންދާކަމަށް ޝަމީމް ވިދާޅުވިއެވެ.