ޚަބަރު

ހަރުކަށި ފިކުރާ ދެކޮޅަށް ކުރަނީ އިސްލާމްދީނުގެ ދިފާއުގައި މަސައްކަތްކުރާ ފަރާތްތަކާއި ދެކޮޅަށް ކުރާ މަސައްކަތެއްނޫން - އިމްރާން


ހަރުކަށި ފިކުރާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތަކީ އިސްލާމް ދީނުގެ ދިފާއުގައި މަސައްކަތްކުރާ ފަރާތްތަކާއި ދެކޮޅަށް ކުރާ މަސައްކަތެއް ނޫންކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ހުރިހާ ކައުންސިލުތަކުގެ ކައުންސިލަރުންނާއެކު ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާ ބެހޭގޮތުން، ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަންގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ ވިދާޅުވީ ރާއްޖޭގެ ރަށްރަށަށް ކުރިއެރުމާއި ފާގަތިކަން ލިބިގެން ދާނީ ރައްޔިތުންގެ ހަމަޖެހުމާއި މަސްލަޙަތު ޤާއިމްކުރެވިގެން ކަމަށެވެ.

އަދި ހަރުކަށި ފިކުރުގެ ސަބަބުން ދިމާވާ މައްސަލަތަކަކީ ވަކި ޤައުމަކަށް އޮތް ނުރައްކަލެއްނޫންކަމަށާއި، ރާއްޖެ އާއި އަވައްޓެރި ޤައުމުތަކަށްވެސް ދިވެހިންގެ ތެރޭގައި އުފެދިފައޮތް ނުރައްކާތެރި ފިކުރުތަކުން ލިބިދާނެ ގެއްލުން ބޮޑުކަމަށް މިނިސްޓަރ އިމްރާނު ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ބޮޑެތި މައްސަލަތަކުގެ ވާހަކަ ސިއްރުކުރުމަކީ ދިވެހިންނަށްވެސް އަދި ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް އޮތް ނުރައްކަލެއް ކަމަށާއި، މިއީ އިސްލާމް ދީނާ ދެކޮޅަށް ދައްކާ ވާހަކަތަކެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއަދު މިދައްކާ ވާހަކައަކީ އިސްލާމް ދީނާ ދެކޮޅަށް ދައްކާ ވާހަކައެއް ނޫން. ނުވަތަ އިސްލާމް ދީނުގެ ދިފާއުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ދައްކާ ވާހަކައެއްވެސް ނޫން. އަޅުގަނޑުމެން މިދައްކާ ވާހަކައަކީ ޙައްގަކާނުލައި މީހުން މަރާލުމުގެ މަސައްކަތް ނުވަތަ މީހުން މަރާލާފަދަ ކަންކަން ކުރާ މީހުންނާ ދެކޮޅަށް ދައްކާ ވާހަކަ" މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މި ޑިސްކަޝަންގެ ރިޔާސަތު ބަލަހައްޓަވަމުން، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ، ހަރުކަށި ފިކުރާއި ހައްދުފަހަނައަޅައިދިޔުމަކީ، ޒަމާނުއްސުރެ ދިވެހިންގެ ކިބައިގައި އަށަގެންފައިވާ މެދުމިން އިޚްތިޔާރުކުރުމާއި، ޞުލްޙަޔާއި އަމާންކަމަށް ލޯބިކުރާ، އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި ބީރައްޓެހި ފިކުރެއްކަމަށެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާޙާއި އެކު ކައުންސިލްތަކަށް ލިބިގެންދިޔަ ބާރާއި ބަޖެޓުގެ ބޭނުންކޮށްގެން، ރަށްރަށުގައި ވަޒީފާއެއް ނެތި އުޅޭ މީހުން ބާކީނުކޮށް، ރަނގަޅު ފުރުޞަތުތައް ފަހިކޮށްދިނުމާއެކު ހަރުކަށި ފިކުރާ ދިމާއަށް އެމީހުން ދިޔަ ނުދިނުމަށް ކައުންސިލްތަކުން މަސައްކަތް ކުރެއްވުން މުހިއްމުކަމަށެވެ.

"އަޅުގަނޑުމެން ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާޙްތަކާއެކު ރަަށްރަށަށް ތަރައްޤީއައިސް ރަށުގެތެރޭގައި އިޤްތިސާދީ ކަންކަން ފުޅާވެގެންދާއިރު މި ބާކީވެގެން އުޅޭ ޅަ ޖީލުއުޅޭ އުޅުން ހުއްޓުވައި އެކުދިންވެސް ކުރާނެކަމެއް ދިނީމަ އަޅުގަނޑުމެން ދެކެނީ އެކުދިން ހަރުކަށި ފިކުރާ ދުރަށްދާނެކަމަށް" މާރިޔާ ވިދާޅުވިއެވެ.

ހަރުކަށި ފިކުރުގެ ސަބަބުން ދިމާވާ މައްސަލަތަކާއި ގުޅޭގޮތުން ބަންޑާރަ ނާއިބު އިބްރާހިމް ރިފްޢަތު ވިދާޅުވީ އިހުގައި ރާއްޖެ ސިފަކުރެވުނު ގޮތާއި އާދަކާދަތަކާއި މިހާރާއި ތަފާތުތަކެއް އައިސްފައިވާކަމަށާއި، ހަރުކަށި ފިކުރަށް ދީލާލައިގެންދާތަން މިހާރު ފެންނަމުންދާކަމަށެވެ. ރާއްޖޭގައި ހެދިފައި ހުރި ޤާނޫނުތަކަކީ ސަރަހައްދަށް ބަލާއިރުވެސް އެންމެ ފުޅާމިނުގައި ހައްޤުތަކާއި މިނިވަންކަން ތަފްސީލުކޮށްހުރި ޤާނޫނުތަކެއްކަން އޭޖީ ފާހަގަކުރެއްވިއެވެ.

"މިއަދު އަޅުގަނޑުމެންނަކަށް ނެތް މިއީ އަޅުގަނޑުމެންގެ ތެރޭގައި ނެތް މައްސަލައެއްކަމަށް ހެދޭކަށް. އަދި ކޮންމެ އާއިލާއެއްގައި މިފަދަ ފިކުރުގެ މީހަކުނެތޭ ދެންނެވޭކަށްނެތް. ވަގުތުކުޑަވެއްޖެ މިއަދުވެސް އެބަޖެހޭ މިކަމާމެދު ފިޔަވަޅުތަކެއް އެޅެން" ބާންޑާރަ ނާއިބު ވިދާޅުވިއެވެ.

"ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާ ބެހޭގޮތުން، ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަންގައި ކައުންސިލަރުންވަނީ ހަރުކަށި ފިކުރާދެކޮޅަށް މަސައްކަތްކުރާ ފަދައިން މިނިވަން ފިކުރާ ދެކޮޅަށްވެސް މަސައްކަތްކުރުމަށާއި ދީނަށް ފުރައްސާރަ ކުރާމީހުންނާއި މެދުވެސް ފިޔަވަޅުއެޅުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.