ޚަބަރު

އެސްއޭޖީ ގޭމްސްގައި ބީޗް ވޮލީ ހިމެނުމުން ރާއްޖެއަށް ފައިދާ ކުރާނެ - ހުސެއިން


ސައުތް އޭޝިއަން ގޭމްސްގައި ބީޗް ވޮލީ ހިމެނުމަކީ ދިވެހިރާއްޖެއަށް ލިބުނު ބޮޑު ފުރުސަތެއްކަމަށް ބީޗް ވޮލީ ރެފްރީ ހުސެއިން މުޙައްމަދު ބުނެފިއެވެ.

ނޭޕާލްގައި ނިމިގެންދިޔަ ސައުތް އޭޝިއަން ގޭމްސްގައި ފުރަތަމަ ފަހަރަށްވަނީ ބީޗް ވޮލީ އިވެންޓް ހިމަނާފައެވެ. ގޭމްސްގެ ބީޗްވޮލީ އިންވެންޓް ކުރިއަށް ގެންދިއުމާއި އިވެންޓްގެ ހުރިހާ ޒިންމާއެއް ހަވާލްކޮށްފައިވަނީ ރާއްޖޭގެ ބީޗް ވޮލީ ރެފްރީ ހުސެއިން މުޙައްމަދުއާއެވެ. ބީޗްވޮލީ އިވެންޓްގެ އެންމެ އިސް ފަރާތެއްގެ ގޮތުން މަސައްކަތް ކުރުމަށްފަހު ވާހަކަދައްކަމުން ހުސެއިން މުހައްމަދު ބުނީ ސައުތް އޭޝިއަން ގޭމްސްގައި ބީޗްވޮލީ ހިމެނުމަކީ މިސަރަހައްދުގެ ބީޗްވޮލީއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ. އަދި މިއީ ރާއްޖޭގެ ބީޗް ވޮލީ ކުޅުންތެރިންނަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ފުރުސަތެއްކަމަށް ހުސެއިން ފާހަގަކުރިއެވެ.

މިފަހަރު އަލަށް ނޭޕާލްގައި ބީޗް ވޮލީ އިވެންޓް ކުރިއަށްދިޔައިރު މާބޮޑު މައްސަލަތަކެއްވެސް ދިމާނުވާކަމަށާއި ހަމައެކަނި ޓީމްތަކުން މައްސަލަ ޖައްސާފައިވަނީ ބީޗް ވޮލީ ކޯޓްގެ ފަސްގަނޑު ހަރުކަމުގެ ވާހަކަކަމަށް ހުސެއިން މުހައްމަދު ބުންޏެވެ. އަލަށް މިފަހަރުގެ ސައުތް އޭޝިއަން ގޭމްސްގައި ބީޗް ވޮލީ ހިމެނުމާއެކު، ގިނަ ގައުމުތަކުން މިކަމަށް މަރުޚަބާ ކިޔާފައިވާކަމަށްވެސް އޭނާ ބުންޏެވެ.

ބީޗް ވޮލީއަކީ ހަމައެކަނި ބީޗްގައި ކުޅޭ ކުޅިވަރެއް ނޫންކަމަަށާއި ގިނަ ގައުމްތަކުގައި މިހާރު ބީޗްވޮލީ ކުޅެނީ އާޓިފިޝަލް ބީޗެއްގައިއެވެ. އަދި އޮލިމްޕިކްސް އަދި ވޯލްޑްކަޕްފަދަ މުބާރާތްތަށްވެސް މިހާރު ކުޅެވެމުންދަނީ އެކަމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކޯޓްތަކުގައިއެވެ.

ހުސެއިން ބުނީ ހަމައެކަނި ދިމާވި މައްސަލައަކީ ނޭޕާލްގައި ބީޗްވޮލީ ރެފްރީކަން ކުރާ މީހުންގެ މަދުކަމާއި އަދި ލައިން ޖަޖްކުރާ މީހުންގެ މަދުކަން ފާހަގަކުރެވުނުކަމަށެވެ. އަދި ބައެއް ލައިން ޖަޖްކުރި ފަރާތްތަކުގެ ފެންވަރުދަށްކަން ވަރަށް ބޮޑަށް ފާހަގަކުރެވުނުކަމަށްވެސް ހުސެއިން މުހައްމަދު ބުންޏެވެ.

"މިއީ ހުރިހާ ގައުމްތަކެއްގައިވެސް ކަންތަށްތަށް ކުރާގޮތްމިއީ. އާންމުކޮށް އިންޑޯ ލައިން ޖަޖުން އަބަދުވެސް މުބާރާތްތަކުގައި ބީޗްގައިވެސް ލައިން ޖަޖްކަން ކުރާނީ. މީގެ މައްސަލައަކީ އެއްވެސް ގައުމްއެއްގައި އެހާ ގިނައެއް ނުވާނެ ބޮޑު މުބާރާތެއްގައި ލައިން ޖަޖްކަން ކުރާ ފަރާތްތަށް. ނަމަވެސް ބީޗްގައި ރެފްރީކަން ކުރާނީ ހަމަ ބީޗް ރެފްރީން. ނޭޕާލްގައި ދިމާވި މައްސަލައަކީ އިންޑޯ ރެފްރީން ބީޗް މުބާރާތްތަށް ކޮށްފައި ނެތުން. ސައުތް އޭޝިއަން ގޭމްސްގައިވެސް ފުރަތަމަ ފަހަރަށް ބީޗް މުބާރާތެއް ބޭއްވުމުން، ނޭޕާލްއަށްވެސް މިމައްސަލަ ދިމާވީ. ނޭޕާލްގައިވެސް ނެތް އެހާ ގިނަ ބީޗް މުބާރާތްތަކެއް. އެހެންވީމަ ބީޗް ލައިންޖަޖްއިން ނެތީ. " ހުސެއިން ބުންޏެވެ.

ހުސެއިން ބުނީ ރާއްޖޭގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023ވަނަ އަހަރު އޮންނައިރު މިއަށް ވުރެއް ފެންވަރު ރަގަނޅު މުބާރާތެއް ރާއްޖޭގައި ބޭއްވޭނެކަމަށެވެ. އަދި ރާއްޖޭގައި މިހާރުވެސް ބައިނަލަގްވާމީ މުބާރާތަށް ބައްވާފައިވާކަމަށެވެ. ސައުތް އޭޝިއަން ގޭމްސްފަދަ މުބާރާތެއް ބޭއްވުމަށް ބީޗްވޮލީއަށް ގާބިލް މީހުންވެސް ރާއްޖޭގައި ތިބޭނެކަމަށާއި ރާއްޖޭގައި ބީޗް ވޮލީ މުބާރާތަށް ބައްވާވަރުވެސް އެެހެންގައުމްތަކާއި އަޅާބަލާއިރު މަދުނޫންކަމަށްވެސް މިވަގުތު ރާއްޖޭގައި ހުރިހަމައެކަނި އެކްޓިން އިންޓަރނޭޝަނަލް ބީޗް ރެފްރީ ހުސެއިން މުހައްމަދު ބުންޏެވެ.

މިފަހަރުގެ ސައުތް އޭޝިއަން ގޭމްސްގައި ރާއްޖެއިން ފިރިހެން އަދި އަންހެން ދެ ޕެއަރ ވާދަކޮށްފައިވެއެވެ. އަންހެން 2 ޕެއަރވެސް މުބާރާތުގެ ފުރަތަމަ ބުރުން ކަޓާފައިވާއިރު، ފިރިހެން 2 ޕެއަރވެސްވަނީ ކުއަޓަރ ފައިނަލާއި ހިސާބަށް ދަތުރުކޮށްފައެވެ.