ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ފާއިޒް އައްޔަންކުރަން ޖޭއެސްސީގެ ލަފަޔަކަށް އެދިިއްޖެ


ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން އައްޔަންކުރުމަށް ޖުޑީޝަލް ސަރވިސްކޮމިޝަނުން ލަފަޔަކަށް ރައީސުލްޖުމްހޫރިއްޔާ ހުށައަޅުއްވައިފިއެވެ.

މިކަން ހާމަކުރައްވައި ކުރެއްވި ޓުވީޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤާނޫނު އަސާސީގެ ދަށުން ސުޕްރީމް ކޯޓުގެ ފަޑިޔާރުކަމަށް، ހދ. ވައިކަރަދޫ ވައިޖެހޭގެ، އަލްއުސްތާޛް އަޙްމަދު ފާއިޒް ހުސެއިން ޢައްޔަންކުރުމާއި ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަޝްވަރާ ހޯއްދެވުމަށް މިއަދު ފޮނުއްވާފައި ވާކަމަށެވެ.

އަޙްމަދު ފާއިޒް ޙުސައިނަކީ އިންތިގާލީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމާއި، ދާއިމީ ސުޕްރީމް ކޯޓު އެކުލަވާލިއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަންވެސް ކުރެއްވި ފުރަތަމަ އުއްތަމަ ފަނޑިޔާރެވެ. އުއްތަމަ ފަނޑިޔާރުކަމަށް ފާއިޒް އައްޔަނުކުރެއްވީ 10 އޮގަސްޓް 2010 ގައެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ހަތަކުން ފަހަކަށް މަދުކުރުމުގެ ގޮތުން، ކޯޓުތަކުގެ ގާނޫނަށް 2014 ވަނަ އަހަރު ގެނައި އިސްލާހާއެެކު އުއްތަމަ ފަނޑިޔާރުކަމުގައި ހުންނެވި ފާއިޒް އާއި އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަދި މިހާރުގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢްތަޞިމް ޢަދުނާން ވަނީ މަގާމުން ވަކިކުރައްވާފައެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު އިތުރުކޮށް އެކޯޓަށް ވަނީ އަންހެން ދެ ފަނޑިޔާރުން އައްޔަނުކުރައްވާފައެވެ.

މިވަގުތު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވީ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢްތަޞިމް ޢަދުނާނާއި، ފަނޑިޔާރު ޙުސްނުއްސޫއޫދާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން، ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.