ޚަބަރު

ހަރުކަށި ފިކުރުތަކާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ރ.މަޑުއްވަރީގައި ޚާއްޞަ އޮޕަރޭޝަނެއް


ހަރުކަށި ފިކުރު ފަތުރައި ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާޢަތް ހަދައިގެން އުޅޭ މީހުން ހޯދައި ދެނެގަތުމަށް ފުލުހުންނާއި ސިފައިން ގުޅިގެން ރ. މަޑުއްވަރީގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، ރ.މަޑުއްވަރީގައި ސަލާމަތީ ބާރުތަކާއި ދައުލަތުގެ ކަމާ ބެހޭ އެހެން އިދާރާތަކުގެ ބައިވެރިވުމާއެކު ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވަނީ ރާއްޖޭގެ ބައެއްފަރާތްތަކުން ރާއްޖޭގައި ހެދިފައިވާ ޤާނޫނާއި ޤަވާޢިދުތަކާއި ޚިލާފަށް، ހަރުކަށި ފިކުރުތަކާއި އެއްގޮތަށް ތަބާވެ ޖަމާއަތުން ވަކިވެ ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްޤުތަކާއި ރައްކާތެރިކަމުން މަޙްރޫމްކުރަމުންދާތީ އެކަމާ ދެކޮޅަށްކަމަށެވެ. އަދި ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ ޢަމަލުތަކަށް މީހުން އަހުލުވެރިކޮށް، ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓްކުރުމަށް ހިންގާ މަސައްކަތްތައް ހުއްޓުވުމަކީވެސް މި އޮޕަރޭޝަންގެ މަޤްްޞަދެއްކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ރ. މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރައި ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކުއުޅޭކަމަށާ، އެމީހުން އަންހެނުންނާއި ކުޑަކުދިންނަށް ލިބިދީފައިވާ ހައްޤުތަކުން މަޙްރޫމްކޮށް އެ ފަރާތްތަކުގެ ނާޖާއިޒް ފައިދާ ނަގަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ މިފަދަ ޢަމަލުތައް ހިންގާ ބައެއް މީހުން އަންހެނުންނާއި ކުޑަކުދިން މުޖުތަމަޢާ ވަކިކޮށް ކުޑަކުދިންނަށް ސިއްޙީގޮތުން ދިނުމަށް ލާޒިމްކުރާ ވެކްސިން ނުދީ ތަޢުލީމް ޙާސިލްކުރުމުގެ ހައްޤުން މަހްރޫމްކޮށް ކުޑަކުދިން މީހުންނާއި ކައިވެނިކޮށްގެންކަމަށް ބުނެ، މިކަންކަން ހިންގާ ގެތަކުގައި ބަންދުކޮށްގެން ގެންގުޅޭކަމަށެވެ.

ފުލުހުން ވިދާޅުވީ، މި އޮޕަރޭޝަނުގައި ދަރިމައިވުމާއި އުފަންވަނިވި ސިއްޙަތާއި ގުޅުންހުރި ސިއްޙީ އިންތިޒާމްތަކާއި ހައްޤުތަކުން އަންހެނުން މަޙްރޫމްކޮށް އެފަދަ އަންހެނުންގެ ފުރާނަޔާއި ސިއްޙަތަށް ނުރައްކާތެރި ޙާލަތްތަކަށް ހުށަހަޅާފައިވާކަމަށް ލިބެމުންދާ މަޢުލޫމާތާއި ގުޅިގެން އެކަންކަން ހިންގަމުންދާކަމަށް ފާހަގަކުރެވޭ ގެތައް ބަލައިފާސްކުރުމަށްވެސް ހަމަޖެހިފައިވާކަމަށެވެ، އަދި އެކަންކަން ކުރުމުގައި އިސްކޮށް ހަރަކާތްތަތެރިވާ ފަރާތްތައް ހޯދާ ދެނެގަނެ އެތަންތަނުގައި ތިބި އަންހެނުންނާއި ކުޑަކުދިންގެ ޙާލަތު ބަލައި އެފަރާތްތަކުގެ ހައްޤުތައް ރައްކާތެރިކޮށްދޭނެކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ރ.މަޑުއްވަރީގައި ހަރުކަށި ފިކުރުތަކަށް ތާއީދުކޮށް އެފަދަ ޢަމަލުތައް ފަތުރަން މަސައްކަތްކުރާ ބައެއް މީހުން އެމީހުން ޤަބޫލުކުރާ ކުރުމެއްގެ މައްޗަށް ބިނާކޮށް ހައްޤަކާއި ނުލައި މީހުންގެ މުދަލާއި ތަކެއްޗަށް އަރައިގަނެ ތަފާތު ޖިނާޢީ ކުށްތައް ހިންގަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އެހެންކަމުން ޓެރަރިޒަމާއި ހައްދުފަހަނައަޅާފައިވާ ޢަމަލުތައް ހިންގާ ޖަމާއަތްތަކަށް ތާއީދުކޮށް އެކަންކަން ދިފާޢުކޮށް ފަތުރަން ކުރާ މަސައްކަތްތަކާއި ދެކޮޅަށް ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުންނާއި ސިފައިން ގުޅިގެން މި އޮޕަރޭޝަންގެ ތެރެއިން އަޅަމުންދާނެކަމަށްވެސް ފުލުހުން ނެރުނުބަޔާނެއްގައި ވަނީ ހާމަކުރައްވާފައެވެ.

ރ. މަޑުއްވަރީގައި މިފަދަ އޮޕަރޭޝަނެއް ސަލާމަތީ ބާރުތަކުން ފަށާފައިމިވަނީ އެރަށުގެ އާއިލާއެއްގެ ކުޑަކުއްޖަކު، ކައިވެނީގެ ނަމުގައި ފިރިހެނަކާއި ހަވާލުކޮށް އަދި އުމުރުން 13 އަހަރުގައި އެކުއްޖާ ބަލިވެ އިނދެ ވިހޭ މައްސަލައިގައި، އެކުއްޖާގެ މައިންބަފައިން ހައްޔަރުކޮށް އެއާއިލާގެ ކުދިންވެސް ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ދަނޑިވަޅެއްގައެވެ.

ޓެރަރިޒަމްގެ ހަރަކާތްތައް ރާއްޖެއިން ނައްތާލައި ކުރިމަތިވެފައިވާ ނުރައްކަލުން ރާއްޖެ ސަލާމަތް ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ. ސަރުކާރުން ވަނީ ރާއްޖޭގައި ހަރުކަށި ދީނީ ފިކުރު ފެތުރުން ހުއްޓުވައި ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް ޚާއްޞަ މަސައްކަތްތަކެއް ފަށާފައެވެ.