ޚަބަރު

ޤާސިމް ހަސަން މަރާލި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި


ތޫނު އެއްޗަކުން ހަމަލާދީ ޓެކްސީ ޑްރައިވަރު، ޤާސިމް ހަސަން މަރާލި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މިކަން ހާމަކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޤާސިމްގެ މަރުގެ މައްސަލައިގަ ހިމެނޭ ފިރިހެނަކު މިހާރު ހައްޔަރުކޮށްފައިވާކަމަށެވެ.

ހުޅުމާލޭގައި ޤާސިމް ހަސަން މަރާލި މައްސަލައިގަ ހިމެނޭ މީހަކު ހައްޔަރުކޮށްފައިވާއިރު، ކޮމިޝަނަރ އޮފް ޕޮލިސް ވަނީ މިމައްސަލަ ތަޙްޤީގު ޓީމުން ކޮށްފައިވާ މަސައްކަތްތަކަށް ފަޚުރުވެރިވާކަން ހާމަކުރައްވާފައެވެ.

ސީޕީ ވިދާޅުވީ މިމައްސަލައާއި ގުޅޭ އިތުރުން ތަފްސީލު މާދަމާ ފުލުހުން ހާމަކުރާނެކަމަށެވެ.

މިމަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ރަހުމްކުޑަކޮށް މަރާލި ޓެކްސީ ޑްރައިވަރ ޤާސިމް ހަސަންއަށް ހަމަލާދިން މީހުންގެ ފިންގަރ ޕްރިންޓާއި ޑީއެންއޭ ހިމެނޭގޮތަށް ފޮރިންސިކް ހެކިތައް ފުލުހުން ހޯދާފައިވާކަން މިމަހުގެ 12 ވަނަ ދުވަހު ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ހާމަކުރައްވާފައެވެ.

ފުލުހުން ކުރި މަސައްކަތުން ޤާސިމަށް ހަމަލާދިން ހަތިޔާރާއި ފޮރިންސިކް ހެކި ހޯދިފައިވާކަމަށާއި، ހެކިތައް ހޯދާފައިވަނީ ޤާސިމްގެ ހަށިގަނޑު ފެނުނު ސަރަހައްދުގެ 300 މީޓަރު ދުރުގައި ހުރި ގަސްތަކެއްގެ ތެރެއިންކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން، އދ.މާމިގިލީ ކަނީރުމާގޭ ޤާސިމް ހަސަން މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ. އޭނާއަށް ޙަމަލާދީފައިވަނީ ހުޅުމާލޭގައި މީހުން އާބާދުވެފައިނުވާ، އަދި މިހާރު އިމާރާތްކުރުމުގެ މަސައްކަތްތައް ހިނގަމުންދާ ސަރަހައްދެއްކަމަށްވާ ރީތި ގަސް މަގާއި ގުޅިފައިވާ ގޯޅިއެއްގެ ތެރޭގައެވެ.

ޤާސިމް ހަސަނަކީ ހުޅުމާލޭގެ ތާރީޚުގައި އެރަށުގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި 2 ވަނަ މީހާއެވެ. ހުޅުމާލޭގައި އެންމެ ފުރަތަމަ ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލާފައި ވަނީ 2017 ވަނަ އަހަރު، ގާސިމްއަށް ޙަމަލާދިން ސަރަޙައްދުންނެވެ.