ޚަބަރު

ބްރޯޑްކާސްޓަރުންނަށް ދިމާވެފައިވާ ދަތިތައް ދެނެގަތުމުގެ ސިލްސިލާ ބައްދަލުވުންތަކެއް ފަށައިފި


ޚިދުމަތް ދިނުމުގައި ބްރޯޑްކާސްޓަރުންނަށް ދިމާވެފައިވާ ދަތިތައް ދެނެގަތުމުގެ ސިލްސިލާ ބައްދަލުވުންތަކެއް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފަށައިފިއެވެ.

ރާއްޖޭގެ ބްރޯޑްކާސްޓްކުރާ ފަރާތްތަކާ ބައްދަލުކުރުމަށް ބްރޯޑްކޮމްއިން ފެށި ސިލްސިލާ ބައްދަލުވުންތަކުގައި ކޮމިޝަނުގެ ރައީސާއި ނާއިބު ރައީސް ހިމެނޭޙެން މެންބަރުން ފުރަތަމަ ބައްދަލުކުރައްވާފައި ވަނީ ސަންގުޓީވީގެ އިސް ފަރާތްތަކާއެވެ. އަދި ދެވަނަ ބައްދަލުކުރެއްވުން ފިޔެސް ޓީވީގެ އިސްފަރާތްތަކާވެސް ވަނީ ބައްދަލުކޮށްފައެވެ.

މި ބައްދަލުކުރުންތަކާ ގުޅޭގޮތުން ކުރި ޓުވީޓެއްގައި ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނީ މި ބައްދަލުވުމުގައި ބްރޯޑްކާސްޓިންގ ސްޓޭޝަންތައް ހިންގުމުގައި ދިމާވާ ގޮންޖެހުންތައް އަޑުއަހައި، ދާއިރާގެ ކުރިއެރުވުމާއި ގުލޭގޮތުންނާއި، ކޮމިޝަނާއި ބްރޯޑްކާސްޓަރުންނާއެކު އޮންނަ ގުޅުން ހަރުދަނާކުރުމަށް މަޝްވަރާކުރެވުނުކަމަށެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުން ލޯކަލް ބްރޯޑްކާސްޓަރުންނާއި ބައްދަލުކޮށް އެފަރާތްތަކަށް ހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަތުމުގެ މަސައްކަތް ފަށާފައިވާއިރު، އެ ކޮމިޝަން އުފެދުނީއްސުރެ މިހާތަނަށް ޖުމްލަ 48 ފަރާތަކަށް ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ވަނީ ދޫކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ 13 ރޭޑިއޯ ޗެނަލާއި 35 ޓީވީ ޗެނަލެވެ.

ބްރޯޑްކާސްޓަރުންނާއި ކޮމިޝަނާ މެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހި ކުރުމުގެ މަޤްޞަދުގައި ކޮމިޝަނުން ދާދިފަހުންވަނީ ހަވީރެއްވެސް ބާއްވާފައެވެ. މީގެ އިތުރުން ރީބްރޯޑްކާސްޓިންގެ ޚިދުމަތް ދިނުމަށް ހުރި ދަތިތަކާ ގުޅޭގޮތުންނާ އަދި އެ ޚިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ރާއްޖޭގައި ރީބްރޯޑްކާސްޓްކުރާ ފަރާތްތަކާއެކުވެސް ބްރޯޑްކޮމްއިން ވަނީ ބައްދަލުކުރައްވާފައެވެ.