ޚަބަރު

2019ވަނަ އަހަރަކީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމުގައި ކާމިޔާބުއަހަރެއް - ސަރުކާރު


ނިމިގެންމިދާ 2019ވަނަ އަހަރަކީ ކާމިޔާބު އަހަރެއްކަމަށާއި، ރައްޔިތުންގެ ހެވާލާބައަށް މިއަހަރު ތެރޭގައި ސަރުކާރުން ފެށި މަސައްކަތްތަކުން ރަނގަޅު ނަތީޖާއެއް ނެރެވިފައިވާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

މިކަން ހާމަކުރެއްވީ 2019ވަނަ އަހަރު ސަރުކާރަށް ކުރެއްވި ބޮޑެތި މަސައްކަތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް އިބްރާހީމް ހޫދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ސްޕޯކްސްޕަރސަންގެ ދައުރުވެސް އަދާކުރައްވާ ހޫދު ވިދާޅުވީ 2019ވަނަ އަހަރު ސަރުކާރުން މަސައްކަތްކުރެއްވީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމައްކަމަށާ، މިކަމުގައި ކާމިޔާބު ރަނގަޅު މަސައްކަތަކެއް ކުރިވެފައިވާކަމަށް ޤަބޫލުކުރައްވާކަމަށެވެ.

ތަޢުލީމީ ދާއިރާއާއި ސިއްޚީ ދާއިރާއިން ފަޚުރުވެރިވާފަދަ ކާމިޔާބީތަކެއް ހާސިލުކުރެވިފައިވާކަމަށް ހޫދު ވިދާޅުވިއެވެ. އޭގެތެރޭގައި ސަރުކާރުން އަލަށް ފެށި ހިލޭ ޑިގްރީގެ ޕްރޮގްރާމާއި ދަރިވަރުންގެ ނާސްތާ ޕްރޮގްރާމްގެ ކާމިޔާބީ އޭނާ ފާހަގަކުރެއްވިއެވެ.

"ރާއްޖޭގައި ތިބިގެން ދަރިވަރުންނަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ޕްރޮގްރާމް ފެށިގެންދިޔަ. މި ޕްރޮގްރާމްގެ ދަށުން، މިއަހަރުގެ ނިޔަލަށް 5000 އާއި ގާތްކުރާ އަދަދަކަށް ދަރިވަރުންވަނީ ފުރަތަމަ ޑިގްރީއަށް އެކި ޔުނިވަރސިޓީ ކޮލެޖްތަކުގައި އެންރޯލް ކުރެވިފައެވެ. ހަމަ އެފަދައިން ހެނދުނުގެ ނާސްތާ ޕްރޮގްރާމްވެސް ވަރަށް ކާމިޔާބު. ރާއްޖޭގެ 112 ސްކޫލެއްގައި ކޮންމެ ދުވަހަކު 55000 އަށްވުރެ ގިނަކުދިން ނާސްތާ ނަގަމުންދޭ" ހޫދު ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމް ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ފަސޭހަކަމާއެކު ސްޓޫޑަންޓް ލޯންގެ އިންތިޒާމް ލުއިގޮތަކަށް މިއަހަރު ހަމަޖެހިފައިވާއިރު، އެހެން އަހަރުތަކަވުރެ ގިނައިން މިއަހަރު ސްކޮލަޝިޕް ދޫކުރެވިފައިވާކަން ހުދު ފާހަގަކުރެއްވިއެވެ.

އަދި ދާދިފަހުން ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާޙްތަކާއެކު ސަރުކާރުގެ ވަޢުދާއެއްގޮތަށް ޖަޒީރާވަންތަ ޤައުމެއްގެ ގޮތުގައި ރާއްޖެތަރައްޤީކުރުމަށް ކައުންސިލްތަކަށް ބާރުތަކެއް ލިބިގެންގޮސްފައިވާކަމާއި، ޤާނޫނަށް އައި ބަދަލާއެކު ކުރިން ނުދެވި ހުރި ބާރުތައްވެސް އިޔާދަކުރެވޭނެގޮތް ހަމަޖެހިފައިވާކަން ހޫދު ފާހަގަކުރެއްވިއެވެ.

"ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 8 ވަނަ އިސްލާހު ތަސްދީގުކުރެވުމާއި ގުޅިގެން މިހާރު ކައުންސިލްތަކަށް ކުރިން ހިފެހެއްޓިފައިހުރި ބާރުތައްވަނީ އިޔާދަކުރެވިފައި. ޢެގެ އިތުރުން ކުރިން ނުދެވިހުރި ބާރުތައްވެސް ވަނީ އިޔާދަކުރެވިފައެވެ. އަދި ކައުންސިލްތަކުން އަތޮޅުތަކާއި ރަށްތައް ތަރައްޤީކުރުމަށް ބޮޑުތަނުން ބަޖެޓްވާނީ އިތުރުކުރެވިފައި" ހޫދު ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓަކީ ރާއްޖޭގެ ތާރީޚުގައިވެސް ސިއްޙަތާއި ތައުލީމީ ދާއިރާގެ އިތުރުން އުމްރާނީ ތަރައްޤީއަށް އެންމެ ބޮޑު ހޭދައެއް ކުރާނެ ބަޖެޓަކަށް ވެގެންދާނެކަން ހޫދު ފާހަގަކުރެއްވިއެވެ.