ޚަބަރު

ދިފާޢީ ބާރުން އެލާޓް ސްޓޭޓަސް މަތިކުރީ ފަތުރުވެރިންގެ ސަލާމަތައްޓަކައި - ސަރުކާރު


ޤަޢުމީ ދިފާޢީ ބާރުގެ އެލާޓް ސްޓޭޓަސް މައްޗަށް ޖެއްސީ ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ ސަލާމަތާއި ރާއްކާތެރިކަން ކަށަވަރުކުރުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް އިބްރާހީމް ހޫދު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް މި އަހަރު ހާސިލުކުރެވުނު ކާމިޔާބީތާކައި ގޫޅޭ މައުލޫމާތު ޙިއްސާކުރެއްވައި ވާހަކަފުޅުދައްކަވަމުން ހޫދު ވިދާޅުވީ މިއަހަރަށް ޓާގެޓްކުރި އަދަދަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު، މިދުވަސްވަރަކީ ރާއްޖެއަންނަ ފަތުރުވެރިން ގިނަ ދުވަސްވަރަކަށްވުމުން އެފަރާތްތަކުގެ ރައްކަލަކައްޓަކައި ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށެވެ.

ހޫދު ވިދާޅުވީ އާންމު ރައްޔިތުންނާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ސަލާމަތީ ބާރުތަކުން ޚާއްސަ ތަމްރީނުތައް ކުރިއަށްގެންދިއުމަކީ އޭގެ ސަބަބުން ނުރައްކަލެއް އޮތް ކަން ހާމަވާކަމެއް ނޫންކަމަށެވެ.

"އަސްލު މއީ ހޮލިޑޭ ސީޒަންވީމަ ޓޫރިސްޓުން ރެކޯޑްއަދަކަސް އައިސްފައިވޭ. އެހާ ޓޫރިސްޓުން ގިނަ ވަގުތެއްގައި ސެކިއުރިޓީކަންކަން އިތުރުކޮށްލަންވެގެން އެބޭފުޅުން ޔެލޯއެލާޓް ނެރުއްވީ" ހޫދު ވިދާޅުވިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ދިވެހިރާއްޖޭގެ ޤަޢުމީ ދިފާޢީ ބާރުގެ އެލާޓް ސްޓޭޓަސް މައްޗަށް ޖައްސައި ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ސިފައިން ހަތިޔާރާއިއެކު ހަރަކާތްތެރިވާނެކަން ރޭ އިއުލާން ކުރުން ވެގެންދިޔައީ ގިނަބަޔަކަށް ނުތަނަވަސްކަން ވެރިވިކަމަކަށެވެ.

ރާއްޖޭގައި ހަރުކަށިފިކުރާދެކޮޅަށް ސަލާމަތީ ބާރުތަކުން އޮޕަރޭޝަނެއް ފަށާފައިވަނީކޮށް އެލާޓް ސްޓޭޓަސް އިތުރުކުރުމުން ރިސޯޓްތަކުންވެސް ކަނބޮޑުވުން ފާޅުކުރަމުންދިޔައެވެ. މިއާއެކު އެމްއެންޑީއެފުން އެލާޓް ލެވެވަލް މަތިކުރެވުނީ އާދައިގެ ލެވަލްއަށްވުރެ "އެއްލެވަލް" އަށްކަން ފާހަގަކުރައްވައި އެއީ ކަނޑަ އެޅިގެން ވަކި ނުރައްކަލެއް ނުވަތަ ތްރޭޓެއް އޮވެގެން އެޅިފިޔަވަޅެއްނޫންކަން ހާމަކުރައްވާފައެވެ.