ޚަބަރު

ރާއްޖޭގެ 91 ރަށެއްގައި ތަރައްޤީގެ 118 މަޝްރޫޢެއް ސަރުކާރުން ހިންގަމުންދޭ


ރާއްޖޭގެ 91 ރަށެއްގައި ޢުމްރާނީ ތަރައްޤީގެ 118 މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިހާރު ކުރިއަށްދާކަން ސަރުކާރުން ވަނީ ހާމަކުރައްވާފައިވާފައެވެ. މަޝްރޫޢުތައް ކުރިއަށްގެންދާއިރު، އެންމެ ބޮޑަށް އިސްކަންދެނީ ފަގީރުކަން ނައްތާލުމަށް ބައިނަލްއަޤްވާމީ މިންގަޑުން ބަލާ، ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްކަމަށްވެސް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

2019 ވަނަ އަހަރު ސަރުކާރަށް ހާސިލުކުރެވުނު މުހިއްމު ކާމިޔާބީތަކުގެ މައުލޫމާތު ޙިއްސާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަން ސްޓްރެޓިޖިސްޓް އިބްރާހީމް ހޫދު ވިދާޅުވީ، ރާއްޖޭގައި އަލަށް ވެރިކަމާއި ހަވާލުވި ސަރުކާރަކަށް ފުރަތަމަ އަހަރުގެ ތެރޭގައި މަޝްރޫޢުތައް ނުފެށޭވަރަށް ރައީސް ޞާލިޙްގެ ސަރުކާރުން މަޝްރޫޢުތައް ފަށާފައިވާކަމަށެވެ.

އެގޮތުން ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ގޮތުގައި ފެނާއި ނަރުދަމާގެ މަޝްރޫޢުތަކާއި، ބަނދަރު ހެދުމާއި ތައުލީމީ ދާއިރާގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގެ މަޝްރޫޢުތައް ރެކޯޑް މިންވަރަކަށް ފަށައިގެން ކުރިއަށްގެންދަވާކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

"އަޅުގަނޑުމެން އެންމެފަހުން އަޕްޑޭޓެއް ނެގިއިރު 91 ރަށެއްގައި އުމްރާނީ ތަރައްޤީގެ 118 މަޝްރޫޢުތައް މިޙާރު އަމަލީގޮތުން ކުރިއަށް އެބަދޭ. މީހަމަ ރެކޯޓް ޢަދަދެއް" ރައީސުލްޖުމްހޫރިއްޔާގެ ސްޕޯކްސަ ޕާސަން ވިދާޅުވިއެވެ.

ގޭބިސީތަކާއި ފަރުދުންގެ ލެވެލްގައި ތައުލީމީ ދާއިރާއާއި، ދިރިއުޅުމުގެ ފެންވަރުން، ފަޤީރުކަން ރާއްޖޭގައި ހުރި މިންވަރު ދެނެގަތުމަށް ނުވަތަ މަލްޓިޑިމެންޝަނަލް ޕަވަޓީ އިންޑެކްސް އެއް ހެދުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާއިރު، ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގައި އިސްކަން ދެނީވެސް ފަގީރުކަން ނައްތާލުމަށް އިސްކަންދޭ މުހިންމު މަޝްރޫޢުތައްކަށް އިސްކަންދީގެންކަމަށް ސަރުކާރުން ހާމަކުރައްވައެވެ. ކުރިއަށް އޮތް އަހަރުވެސް ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކާއި ސަރުކާރުން ކުރިމަތިލާއިރުވެސް ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ވީއެންމެ އަވަހަށް ނިންމުމަށް ސަރުކާރުން އިސްކަންދޭނެކަމަށް ރައީސްގެ ތަރުޖަމާނުވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން ވޯލްޑް ބޭންކާއި ޔޫއެންޑީޕީއާވެސް ދެކެވުނު ވާހަކަތަކުން މިއެނގުނު އެއްކަމަކީ ޕަވަޓީ ނުވަތަ ފަގީރުކަން ކުރިއަރުވާ އެއްކަމަކީ އެޑެކްއޭޓް ފެނާއި ނަރުދަމާގެ ނިޒާމް ނެތުން އަދި އެޑްކްއޭޓް ސިއްޙީ ފަރުވާ ނުލިބުން އެނގޭތޯ. އެހެންވެ ސަރުކާރުން މިގާރުވަނީ މަލްޓިޑިމެންޝަނަލް ޕަވަޓީ އިންޑެކްސް އެއް ހެދުމުގެ މަސައްކަތް ފަށާފައި" ހޫދު ވިދާޅުވިއެވެ.

އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ. މިއާއެކު ވެރިކަމުގެ ފަސް އަހަރު ނިމުމުގެ ކުރިން އެމަޝްރޫޢުތައް ނިންމަވާނެކަން ސަރުކާރުންދަނީ މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން އަންނަ އަހަރުގެ މެދެއްހާތަނުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ފަށްޓަވާނެކަން ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.