ތިމާވެށީގެ ކަންކަން ހަރުދަނާކުރުމުގެ މަޤުސަދުގައި ފަތުރުވެރިންގެ އަތުން ނަގާ ގްރީން ޓެކްސްގެ ގޮތުގައި މިދިޔަ ނޮވެމްބަރު މަހު ހަތްދިހަ ތިން މިލިއަން ރުފިޔާ ދަޢުލަތަށް ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މުޅި އަހަރަށް ބަލާނަމަ ގްރީން ޓެކްސް ފަންޑަށް އަށް ސަތޭކަ އެއްތިރީސް މިލިއަން ރުފިޔާ މިހާތަނަށްވަނީ ލިބިފައެވެ.
ގްރީން ޓެކްސް ފަންޑަކީ ތިމާވެއްޓާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކްސްއެކެވެ. މި ޓެކްސް ރިސޯޓްތަކާއި، ގެސްޓްހައުސް، ސިޓީ ހޮޓާއިތަކާއި، ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަންޖެހެއެވެ.
މިއަހަރުގެ ނޮވެމްބަރު މަހު ގްރީން ޓެކްސްގެ ގޮތުގައި 73.2 މިލިއަން ރުފިޔާ ދަޢުލަތަށް ލިބިފައިވެއެވެ. އެއީ ރިސޯޓްތަކުން ލިބުނު 67.6 މިލިއަނާއި، ގެސްޓްހައުސްތަކާއި ހޮޓާ އަދި ލިވަރބޯޑުން ލިބުނު 5 މިލިއަން ރުފިޔާއެވެ. ސަރުކާރުން މިދިޔަ މަހުވަނީ ގްރީން ޓެކްސްއިން ލިބުނު ފައިސާއިން ތިމާވެއްޓާއި ގުޅުންހުރި 21 މަޝްރޫޢުއަކަށް ޚަރަދުކޮށްފައެވެ.
މި ފައިސާއިން އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ހއ.މުރައިދޫގައި ނަރުދަމާ ނިޒާމު ޤާއިމުކުރުމަށެވެ. މިމަޝްރުޢޫއަށް ގްރީން ޓެކްސް ފަންޑުން 7.2މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ދެން އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ރ.އިނގުރައިދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢުއަށެވެ. މި މޝަރޫޢޫއަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ގްރީން ޓެކްސް ފަންޑުން ޚަރަދުކޮށްފައިވެއެވެ. މީގެއިތުރުން 11 ރަށެއްގެ ނަރުދަމާއާއި، 12 ރަށުގެ ފެނުގެ ނިޒާމާއި، ބައެއް ރަށްރަށުގެ ބޯފެނުގެ ނިޒާމާއި ރީޖަނަލް ވޭސްޓް މެނޭޖްމަންޓުގެ މަޝްރުޢުތަކަށްވެސް ހޭދަކޮށްފައިވެއެވެ.
ގްރީން ޓެކްސް ފަންޑުން މި މަޝްރޫޢުތަކަށް ނޮވެމްބަރުމަހުވަނީ ޖުމްލަ 29.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.
މާލެ އަތޮޅު ފިޔަވައި ނޮވެމްބަރު މަހު އެންމެ ގިނައިން ގްރީން ޓެކްސް ދައްކާފައިވަނީ އދ.އަތޮޅުންނެވެ. އދ.އަތޮޅުންވަނީ 8.6 މިލިއަން ރުފިޔާ ދައްކާފައެވެ. ދެވަނައަށް އެންމެ ގިނައިން ޓެކްސް ދެއްކީ އއ.އަތޮޅުންނެވެ. އެއަތޮޅުންވަނީ ގްރީން ޓެކްސްގެ ގޮތުގައި 6.3 މިލިއަން ރުފިޔާ ދައްކާފައެވެ.
2019ވަނަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ގްރީން ޓެކްސްގެ ގޮތުގައި ދަޢުލަތަށްވަނީ ޖުމްލަ 831 މިލިއަން ރުފިޔާ ލިބިފައެވެ.
ދިވެހިރާއްޖޭގެ ޓޫރިޒަމް ޤާނޫނުގައި ބުނާގޮތުން ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓުންނަށް ޚިދުމަތްދޭ ތަންތަނަށް އަންނަ ޓޫރިސްޓުން، އެއިން ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ނަގަން ޖެހެއެވެ. ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016ވަނަ އަހަރުގެ ތެރޭގައެވެ.