ޚަބަރު

އެއް މަސް ދުވަހުގެ ތެރޭގައި 101 މެޖިސްޓްރޭޓް ކޯޓެއްގައި އޯޑިއޯއާއި ވީޑިއޯ ސިސްޓަމް ހަރުކޮށް ނިންމަނީ


101 މެޖިސްޓްރޭޓް ކޯޓެއްގައި އޯޑިއޯއާއި ވީޑިއޯ ސިސްޓަމްތައް ހަރުކުރުމުގެ މަސައްކަތް އެއް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އަމިއްލަ ފަރާތަކާ ޙަވާލުކޮށްފިއެވެ.

އައިލެންޑްމާކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑާއެކު ޑީޖޭއޭ އިން ސޮއިކުރި މިއެއްބަސްވުމުގެ ދަށުން ހަރުކުރާ ސިސްޓަމްތައް ޤާއިމްކުރެވޭ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ހިންގުމުގެ އިންތިޒާމް ހަމަޖެހިގެން ދާނެކަމަށް ޑީޖޭއޭއިން މައުލޫމާތުދެއްވިއެވެ.

އަދި މި އިންތިޒާމް ހަމަޖެހިގެން ދިއުމުން، މައްސަލަތައް ހިންގުމަށް ކޯޓަށް ޙާޟިރުކުރަންޖެހޭ ފަރާތްތައް ކޯޓަށް ޙާޟިރުކުރުމުގެ ބަދަލުގައި އެޚަޞްމަކު ހުރިތަނަކީ މިވިއުގައިގެ ތެރެއިން ގުޅައިލެވިފައިވާ ތަނެއްކަމުގައިވާނަމަ އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ޝަރީޢަތް ކުރިއަށް ގެންދިއުމުގެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.

މިއީ ޝަރުޢީ ދާއިރާއަކީ ޒަމާނީ ވަޞީލަތްތައް ފަހިވެފައިވާ ދާއިރާއެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ
ތެރެއިން، ޝަރުޢީ ދާއިރާގެ މުވާޞަލާތީ ވިއުގަ އިތުރަށް ތަރައްޤީކޮށް، ޑީޖެއޭ އާއި ކޯޓުތައް، އިންޓަގްރޭޓެޑް ކޮމިއުނިކޭޝަން ނެޓްވަރކަކުން ގުޅައިލައި، ކޯޓުތަކުގައި ޔުނިފައިޑް ކޮމިއުނިކޭޝަން އެންހޭންސްމަންޓް ސޮލިއުޝަނެއް ޤާއިމުކުރުމަށް ޓަކައި ކުރިއްގެންދާ މަޝްރޫޢެކެވެ.

2016 ވަނަ އަހަރުގެތެރޭގައި ދިރާގާއެކު ސޮއިކުރި އެއްބަސްވުމުގެ ފުރަތަމަފިޔަވަހީގެ ދަށުން ގުޅައިލެވުނު 101 މެޖިސްޓްރޭޓު ކޯޓުގައި އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ޝަރީޢަތްތައް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ދަނީ ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރަމުންނެވެ.