ޚަބަރު

ލައިސަން ދޫކުރުމުގެ ކުރިން ޚާއްސަ ތަމްރީނެއް ހަަދަންޖެހޭގޮތަށް ހަދަނީ


އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އަލަށް ދޫކުރާއިރު މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ކަމާގުޅޭ އިދާރާއަކުން ޚާއްސަ ތަމްރީނެއް ފުރިހަމަކުރުން ލާޒިމްކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިއަހަރަށް ރާވާފައިވާ ކަންމާއި ގުޅޭގޮތުން މީޑިއާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވީ، މަގުމަތީގެ އެކްސިޑެންޓްތައް ގިނަވެ އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބެމުންދާ ގެއްކުންތައް ކުޑަކުރުމަށް މި އަހަރުވެސް މުހިއްމު މަސައްކަތްތަކެއް އެމިނިސްޓްރީން ރާއްވަވާފައިވާކަމަށެވެ.

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޤަވާއިދުގައި މިހާރު އޮންނަގޮތުން ލައިސަން ދޫކުރަނީ، ޤާނޫނާއި ޤާވާޢިދު އެނގޭތޯ ބެލުމަށް ހަދާ ތިއަރީ އިމްތިހާނަކާއި، މަގުމަތީގެ އަދަބުތައް އެނގޭތޯ ބެލުމަށް ބާއްވާ ޕްރެކްޓިކަލް އިމްތިހާނަކުން ފާސްވުމުންކަމަށްވާއިރު، ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވީ ކުރިއަށްއޮތްތަނުގައި ލައިސަންސް ދޫކުރާނީ އެމިނިސްޓްރީން ކަނަޑައަޅާ އިދާރާއަކުން ނުވަތަ ފުލުހުންދޭ ޚާއްސަ ތަމްރީނެއް ފުރިހަމަކުރުމުންކަމަށެވެ.

މިފަދަ ތަމްރީނެއް ދިނުމުގެ މައިގަނޑު މަޤްސަދަކީ އުޅަނދުފަހަރު ދުއްވާ މީހުން ސަލާމަތާއި ރައްކާތެރިކަމަށް ވިސްނުމަށް މަޖުބޯރުކޮށް އެކަމަށް ހޭލުންތެރިކަން އިތުރުކުރުންކަމަށާއި، މީގެ ސަބަބުން މަގުމަތީގައި ހިންގާ އެކްސިޑެންޓްތައް މަދުކުރުމާއެކު ޤަވާޢިދުތަކަށް މީހުން އަހުލުވެރިކުރެވޭނެކަމަށް ޤަބޫލުކުރައްވާކަމުގައި ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން މިފެށުނު 2020ވަނަ އަހަރުގެތެރޭގައި މަގުމަތީގެ ދުއްވުމުގެ އަދަބުތަކަށް މީހުން ހޭލުންތެރިކަން އިތުރުކުރުމަށް ހައިވޭތަކާއި ލިންކް ރޯޑްތަކުގައި ސައިން ބޯޑުތައް ހަރުމުރެވިގެންދާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީންވަނީ ހާމަކުރައްވާފައެވެ.

މަގުމަތީގެ ރައްކާތެރިކަމައްޓަކައި ޓްރާންސްޕޯތް މިނިސްޓްރީން ޚާއްސަ މަސައްކަތްތަކެއް ފަށާފައިވަނީ، ފަހަކަށް އައިސް މަގުމަތީގެ އެކްސިޑެންޓްތައް އިތުރުވެ، ލައިސަންސް އޮންނަ މީހުންގެ އިހުމާލުންވެސް އެކްސިޑެންތައް އިތުރުވެފައިވާކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ހާމަވެފައިވަނިކޮށެވެ.