ޚަބަރު

ނިއު އިޔަރ އޮޕަރޭޝަންގައި ހައްޔަރުކުރީ 65 މީހުން، ބަންދުގައި މިހާރުތިބީ 19 މީހުން - ޕޮލިސް


އާ އަހަރު ފެށުމާއި ދިމާކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެދަށަށް ގެނައި 65 މީހުންގެ ތެރެއިން މިހާރު ބަންދުގައި ތިބީ 19 މީހުންކަން ފުލުހުންގެ އިދާރާއިން ހާމަކޮށްފިއެވެ.

އައު އަހަރާއި ދިމާކޮށް މާލެއާ ރާއްޖޭގެ އެކި ރަށްރަށުގައި ޤަވާޢިދާ ޚިލާފަށް އެއްވެސް ކަމެއް ކުރޭތޯ ބެލުމަށް ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި މާލެއިން 19 މީހަކާއި، ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީ އަދި ގދ އަތޮޅު ހިމެނޭހެން 23 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އަދި ށ. އަތޮޅުން 6 މީހަކާއި، ރ. އަތޮޅުން އެކަކު ވަނީ މިއޮޕަރޭޝަންގެ ތެރެއިން ހައްޔަރުކޮށްފައެވެ.

ފުލުހުންގެ މި އޮޕަރޭޝަންތަކުގައި ބަނގުރާ ކައްކަން އުޅުނު ބަޔަކާއި، މަސްތުވާތަކެތީގެ އެކި ބާވަތްތައް އަތުލައިގަތުމުގެ އިތުރުން ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކެއްވެސް ވަނީ އަތުލައިގެންފައެވެ.

ފުލުހުންގެ ތަރުޖަމާން އިޒްމިއާ ޒާހިރު ވިދާޅުވީ އައު އަހަރާދިމާކޮށް ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރެއިން މިހާރު ބަންދުގައި ތިބީ އައްޑޫ ސީޓީއާއި، ފުވައްމުލަކު ސިޓީ އަދި ތިނަދޫން ހައްޔަރުކުރި މީހުންގެ ތެރެއިން 8 މީހުންކަމަށެވެ.

އަދި މާލެ ސިޓީން ހައްޔަރުކުރި 7 މީހަކާއި، ށ. އަތޮޅުން ހައްޔަރުކުރި 4 މީހުންވެސް މިހާރު ބަންދުގައި އެބަތިބި ކަމަށެވެ.