ކުޅިވަރު

ސަރަހައްދީ ގައުމުތަކާއި ވާދަ ނުކުރެވުނީ އެކަމަށް ތައްޔާރު ނުވެވުމުން: ސްޕޯޓްސް ކޮމިޝަނަރ


ރާއްޖޭގެ ކުޅިވަރުތަކަށް ސަރަހައްދީ ގައުމުތަކާއި ވާދަ ނުކުރެވެނީ އެހެން ގައުމްތަކުގައި ކުޅިވަރު ކުރިއަރައިގެން ދިޔަ ސްޕީޑްއާއި އެއްވަރަށް މަސައްކަތް ނުކުރެވުމުގެ ސަބަބުންކަމަށް ސްޕޯޓްސް ކޮމިޝަނަރ ހީނާ އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަރަހައްދީ ގައުމްތަކުން ވާދަކުރާ އެންމެ ބޮޑު މުބާރާތްކަމަށްވާ ސައުތް އޭޝިއަން ގޭމްސްގައި ރާއްޖެއަށް ލިބުނީ އެންމެ ރަން މެޑައްޔެކެވެ. އެއީ 100 މީޓަރ ދުވުމުން ހަސަން ސާއިދުއަށް ލިބުނު ރަން މެޑައްޔެވެ. ސައުތް އޭޝިއަން ގޭމްސްގައި ބައިވެރިވި ގިނަ ކުޅިވަރުތަށް ހުސްއަތާ ނިންމާލާފައިވާއިރު، މެޑަލް ހާސިލް ކުރި ޓީމްތަކަށްވެސް ލިބިފައިވަނީ ބުރޯންޒް މެޑައްޔެވެ.

ޕީއެސްއެމް ނިއުސްގެ އެކްސްކުލޫސިވް ޕްރޮގްރާމްގައި ވާހަކަދައްކަމުން ވެލެންސިޔާއަށް ކުޅެ، ގިނަ ދުވަސްތަކެއް ވަންދެން ކުޑަކުދިންނަށް ފުޓްބޯޅަ ދަސްކޮށްދިނުމުގައި ހަރަކާތްތެރިވި، އަދި މިހާރު ސްޕޯޓްސް ކޮމިޝަނަރ ހީނާ އަހުމަދު ސަލީމް ވިދާޅުވީ 2000ގެ އަހަރުތަކަށް އެރުމާއެކު ކުޅިވަރު ކުރިއަރައިގެން އައިސްފައިވަނީ ވަރަށް ބާރު ސްޕީޑްއެއްގައިކަމަށެވެ. އަދި ކުޅިވަރުގެ ތެރެއަށް ސައިންސްއާއި ޓެކްނޮލޮޖީ ވަދެގެންގޮސް އެންމެ ފަހުގެ ވަސީލަތްތައް ކުޅިވަރުގައިވެސް ބޭނުން ކުރަންފެށިކަމަށެވެ. އަދި ކުޅުންތެރިން އަނިޔާތަކުން ސަލާމަތް ކުރުމަށް ދިރާސާތައް ހަދާ، މެޑިކަލީ ވެސް ވަރަށް ބޮޑަށް ކުރިއަރައިގެން ދިޔަކަމަށް ވިދާޅުވިއެވެ.

ސްޕޯޓްސް ކޮމިޝަނަރ ހީނާ ވިދާޅުވީ ކުޅިވަރު ކުރިއަރައިގެންދިޔައިރު ރާއްޖޭގެ ގިނަ އެސޯސިއޭޝަންތައް ތިބީ ނިދާފަކަމަށާއި މިއަދު ރާއްޖޭގެ ކުޅިވަރު މިވެއްޓިފައިވާ ވަޅުގަނޑަށް ވެއްޓުނީ އެއްކަމެއް ދެކަމެއް ދިމާވެގެން ނޫންކަމަށެވެ. އަދި މިއީ އެސޯސިއޭޝަން ހިންގަން ތިބި ވެރިންނާއި ސްޕޯޓްސް މިނިސްޓްރީ އަދި އެސޯސިއޭޝަންތަކުގެ ދަށުން ތިބި ކުލަބްތަކުންވެސް ޒިންމާ ނަގަންޖެހޭކަމެއްކަމަށް ސްޕޯޓްސް ކޮމިޝަރަ ހިނާ އަހުމަދު ސަލީމް ވިދާޅުވިއެވެ.

ޒަމާނަަށް އައި ބަދަލާއި އެއްވަރަށް ރާއްޖޭގެ އެސޯސިއޭޝަންތަކާއި ކުލަބްތަކަށްވެސް މަސައްކަތް ކުރެވިފައިނުވާކަމަށާއި ގިނަ އެސޯސިއޭޝަންތަކުން ތިބީ ކުޅިވަރުގެ ތަރައްގީއަށް ރަގަނޅަށް ތައްޔާރުނުވެކަމަށްވެސް ކޮމިޝަރ ވިދާޅުވިއެވެ.

މިއަދު ރާއްޖޭގެ ކުޅިވަރު މިހާލަތަށް ވެއްޓުނީ ކުޅިވަރުގައި ހަރަކާތްތެރިވާ ހުރިހާ އެންމެންގެވެސް އިހުމާލުންކަމަށާއި މިއަދު ރާއްޖޭގައި އެއްވެސް ކުޅިވަރެއްގައި ވާދަވެރިކަމާއެކުގިނަ ކުލަބްތަށް ވާދަކުރާގޮތަށް މުބާރާތެއް ނުބޭއްވޭކަމަށްވެސް ހިނާ ވިދާޅުވިއެވެ. މިހާރު ޓީމް ސްޕޯޓްސްއަށް ވުރެ ރާއްޖެއަށް ރީތި ނަން ހޯދައިދެނީ ވަކިވަކި ކުޅުންތެެރިންކަމަށްވެސް ސްޕޯޓްސް ކޮމިޝަނަރ ހިނާ އަހުމަދު ސަލީމް ވިދާޅުވިއެވެ.