ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ކައިޓް ސަރފިންގ ފެސްޓިވަލް ހުޅުމާލޭގައި ބާއްވަން ތައްޔާރުވެއްޖެއެވެ.
ކައިޓް ސަރފްކުރަން ބޭނުންވާ ޒުވާނުންނަށް އެފުރުސަތު ހުޅުވާލަދީ، މިދާއިރާގައި ޒުވާން ކައިޓް ސަރފަރުންނަށް ކުރިއަށްދިއުމަށް ފުރުސަތު ތަނަވަސްކޮށްދިނުމުގެ މަގްސަދުގައި ހުޅުމާލެ ވޯޓާސްޕޯޓްސް ކުލަބުން އިސްނަގައިގެން ކުރިއަށްގެންދާ މި ފެސްޓިވަލް ކުރިއަށްދާނީ މިމަހުގެ ހަތަކުން ނުވަޔަކަށް ހުޅުމާލެ ބީޗުގައެވެ.
ކައިޓް ސަރފިންއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތެރޭގައުވެސް މިހާރު ބޮޑު މަގްބޫލްކަމެއް ހޯދަމުން އަންނަ މޫދުކުޅިވަރެއް ކަމަށާއި، މި ފެސްޓިވަލްގެ ސަބަބުން މިދާއިރާއަށް ޝައުގުވެރިކަން ހުންނަ ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ތަނަވަސްވެގެންދާނެ ކަމަށް ފެސްޓިވަލް އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތުދެއެވެ. އަދި މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ފެސްޓިވަލް ސްކޫލްބަންދާއި ދިމާކޮށް ބާއްވަނީވެސް ކައިޓް ސަރފްކުރަން ޝައިގުވެރިކަން ހުންނަ ވީހާވެސް ގިނަ ޒުވާން ކުދިންނަށް ފުރުސަތު ތަނަވަސް ކޮށްދިނުމުގެގޮތުން ކަމަށްވެސް ހުޅުމާލެ ވޯޓާ ސްޕޯޓްސް ކުލަބުން މައުލޫމާތުދެއެވެ.
ތިންދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ފެސްޓިވަލްގައި ކައިޓްސަރފިން ޝޯގެ އިތުރުން ކައިޓްސަރފިން ދަސްކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތުވެސް ލިބިގެންދާނެއެވެ. އަދި ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމާއި ގުޅޭ އެވެއާނެސް ޕްރޮގުރާމްތަށް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.