ޚަބަރު

"ދަތުރުފުޅުތަކަށް 2.8މިލިޔަން ހޭދަކުރައްވައިގެން 3.21 ބިލިއަން ދައުލަތަށް ހޯއްދެވި"


ޚާރިޖީ ވަޒީރުކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ އަހަރުގެ ތެރޭގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅުތަކަށް 2.8 މިލިއަން ރުފިޔާ ޚަރަދުވިއިރު، އެދަތުރުފުޅުތަކުގެ ނަތީޖާއެއްގެ ގޮތުން ހިލޭއެހީގެ ގޮތުގައި 3.21 ބިލިއަން ރުފިޔާ ރާއްޖެއަށް ލިބިފައިވާކަން ފޮރިން މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަޒީރުކަމާ ޙަވާލުވެޑައިގެންނެވި ހިސާބުންފެށިގެން ދުނިޔޭގެ އެކި ޤައުމުތަކަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުތަކުގައި މަހެއްގެ މައްޗަށް މިލިޔަނުން ލާރި ޚަރަދުވާކަމުގެ އަޑުތަކެއް ފެތުރިފައިވެއެވެ. އެމަނިކުފާނު ކުރެއްވި ރަސްމީ ދަތުރުފުޅުތަކާއި، ދަތުރުފުޅުތަކުގެ ޚަރަދުގެ ތަފްސީލް ހޯދުމަށް އަމިއްލަ މީހަކު މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްޤުގެ ދަށުން ހުށަހެޅުއްވުމާގުޅިގެން، އެމައުލޫމާތު ފޮރިން މިނިސްޓްރީންވަނީ ހާމަކުރައްވައި އެމީހާއަށް ދެއްވާފައެވެ.

އެގޮތުން 17 ނޮވެންބަރު 2018އިން 2019 ނޮވެމްބަރު 17އަށް މިނިސްޓަރ ޝާހިދު ކުރައްވާފައިވާފައިވަނީ ޖުމްލަ 20 ދަތުރުފުޅުކަމަށާއި، އެދަތުރުތަކަށް 2،840،879.54 (ދެމިލިޔަން އަށްސަތޭކަސާޅީސްހާސް އަށްސަތޭކަ ހަތްދިހަ ނުވަރުފިޔާ ފަންސާސް ހަތަރު ލާރި) ޚަރަދުވިކަމަށް ފޮރިން މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.

މިނިސްޓަރ ޝާހިދުގެ މިދަތުރުފުޅުތަކަކީ އެކިއެކި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރެއްވުމަށް އެޤައުމުތަކަށް ކުރެއްވި ބައިލޭޓްރަލް ދަތުރުފުޅުތަކެއްގެ އިތުރުން ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ އެކި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މަތީ ފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުތަކާއި، ރައީސުލްޖުމްހޫރިއްޔާ ބައެއް ޤައުމުތަކަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުތަކެއްކަމަށް ފޮރިން މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ މިނިސްޓަރ ޢަބްދުﷲ ޝާހިދު ކުރެއްވި ދަތުރުފުޅުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ މުޖްތަމައާއި ދިވެހިރާއްޖެއާއި އޮންނަ ގުޅުން ބަދަހިވެ، ދޭދޭ ގުޅުންތައް ވަރުގަދަވެފައިވާކަމަށާ، އޭގެ ސަބަބުން ބައިނަލްއަޤްވާމީ މަސްރަހުގައި ދިވެހިރާއްޖޭގެ ހައްޤު މަޤާމް ދިވެހިރައްޖެއިން މިއަދު ހޯދާފައިވާކަން އެމިނިސްޓްރީން ފާހަގަކުރައްވައެވެ.

މިގޮތަށް ޤާއިމްކުރެވުނު ގުޅުންތަކާއިއެކު، ދިވެހިރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި އެއް އަހަރުގެ ތެރޭގައި ހެޔޮއެދޭ ބައެއް ޤައުމުތަކުން، ހިލޭ އެހީގެ ގޮތުގައި 3.21 ބިލިއަން ރުފިޔާ ދީފައިވާކަން ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.

މީގެ އިތުރުން އަބޫދާބީން 2019 ވަނަ އަހަރު ދިވެހިރާއްޖެއަށް ދިނުމަށް ނިންމާފައި އޮތް 25 މިލިއަން ޑޮލަރު، 50 މިލިއަން ޑޮލަރަށް ހިލޭ އެހީގެ ގޮތުގައި ބަދަލުކޮށްދެއްވިކަން ފޮރިން މިނިސްޓަރ ޝާހިދާއި ހަވާލާދެއްވައި ރައީސް ޞާލިޙްވަނީ ވިދާޅުވެފައެވެ. އަދިއެ އެހީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުޙަލާގެ ކަންކަން ފިނޭންސް މިނިސްޓްރީން މިހާރު ކުރަމުންދާކަން ފޮރިން މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.