ރާއްޖޭގެ ފުޓްބޯޅައަކީ މާލޭގައި އޮތް ހަތަރު ޓީމާއި ދެޓާފް ދަނޑު އެކަނި ނޫންކަމަށް ފ.ނިލަންދޫ ޓީމުގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ.
ދިވެހިރާއްޖޭގެ އަޑުގެ ސްޕޯޓްސް ބަޒް ޕްރޮގްރާމްގައި ވާހަކަދައްކަމުން ނިލަންދޫ ޓީމުގެ ކޯޗު އަހުމަދު މުޖުތުބާ (ފެސްކޯ) ބުނީ ރަށްރަށުގެ ފުޓްބޯޅަ ދޭންޖެހޭ އަޅާލުން ކުޑަވެއްޖެކަމަށް ވާނަމަ ފުރަތަމަ ޑިވިޝަންގެ ކުލަބަތަކަށް ކުޅުންތެރިން ހޯދަން އުނދަގޫވާނެކަމަށެވެ. މީގެ ކުރިން ފުޓްބޯލް އެސޯސިއޭޝަންގެ އަތޮޅު ފުޓްބޯޅައިގެ އެންމެ އިސްފަރާތެއްގެ ގޮތުގައި މަސައްކަތް ކުރި ފެސްކޯ ބުނީ އޭނާ އެމަގާމާ ހަވާލުވެ އޭރު ވަޅުޖެހިފަ އޮތް އަތޮޅު ފުޓްބޯޅަ ނަގާކޮޅަށް ޖެހުމަށް ވަރަށް މުހިންމު މަސައްކަތްތަކެއް ކުރިކަމަށެވެ. އޭނާ ބުނީ މަސައްކަތް ފެށިގެންދިޔައީ ހަތަރު އަހަރުވަންދެން އަތޮޅު ފުޓްބޯޅައި އަޅާނުލެވި އޮތްދަނޑިވަޅެއްގަކަމަށެވެ.
ފެސްކޯ ބުނީ އޭރު އޭނާގެ ޓީމުގެ މަސައްކަތާއެކު ދެއަހަރުތެރޭގައި ފުރަތަމަ ޑިވިޝަނަށް ރަނގަޅު ކުޅުންތެރިންތަކެއް ނެރުވުނުކަމަށެވެ. އެހެންނަމަވެސް މުބާރާތް ހުއްޓުނު ހިސާބުން ފުރަތަމަ ޑިވިޝަންނަށް ރަނގަޅު ކުޅުންތެރިން ހޯދަން އުނދަގޫވުމާއި އަދި އަލަށް އަންނަ ކުޅުންތެރިންގެ އަދަދު މަދުކަން ފާހަގަވިކަމަށް ފެސްކޯ ބުންޏެވެ. ފުރަތަމަ ޑިވިޝަންގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ފެސްކޯބުނީ އަތޮޅު ފުޓްބޯޅައަށް އަޅާނުލެވި މާލޭގެ އޮތް ހަތަރު ކުލަބާ ދެޓާފް ދަނޑާކީ މުޅިރާއްޖޭގެ ފުޓްބޯޅައިގަ ކުރިމަގުކަމަށް ދެކިގެންނުވާނެކަމަށެވެ.
މިހާރު އަތޮޅު ތެރޭގެ ޓީމެއްގެ ކޯޗެއް ގޮތުގައި މަސައްކަތް ކުރާ ފެސްކޯ ބުނީ ފުޓްބޯޅަގެ މަންފާއާއި ނަފާ މުޅި ރާއްޖޭގައި ބޯޅައިގަ ހަރަކާތްތެރިވާ ހުރިހާ ޓީމަކަށް ކޮށްގެން ނޫނީ ހަގީގީ ކުރިއެރުމެއް ލިބެން ނެތްކަމަށެވެ. އޭނާ ބުނީ މިހާރު ފުޓްބޯޅައަށް ދިމާވެފަވާ ހާލަތު ރަނގަޅުކުރުމަށް ވަގުތީ ހައްލަކަށް ވުރެ ބޮޑަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރަން ޖެހިފަވާކަމަށެވެ.
ފެސްކޯ ބުނީ އަތޮޅުތެރޭގައި ފުޓްބޯޅައިގަ ފޯރި އެބޮތްކަމަށާއި އެފޯރި ގެނެއުމަށް މިކަންކަންމާއި ހަވާލުވާނެ ތިބި އިހްލާސްތެރި ބަޔަކު ބޭނުންވާކަމަށެވެ. އޭނާގެ ފުޓްބޯޅައިގަ ހަޔާތުގައި މިކަހަލަ ކިތަންމެ ކަމަކާ ގުޅޭގޮތުން ވާހަކަދައްކާކަމަށާއީ އެކަމަކު އެކަން ކަން ހައްލުވާތަނެއް ފެނިފަނުވާކަމަށް ފެސްކޯ ބުންޏެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗުކަމަށާއި، މިހާރު ދިވެހި ފުޓްބޯޅައި ފެނިގެން ދަނީ ފޫނެތް ފަޔަކަށް ފެންފުރާ މަންޒަރު ކަމަށެވެ.