ޚަބަރު

ކެނދިކުޅުދޫ ސިއްޙީ މަރުކަޒު މިއަހަރުތެރޭގައި ހޮސްޕިޓަލް ފެންވަރަށް ތަރައްޤީކުރާނެ - ރައީސް


ނ.ކެނދިކުޅުދޫގެ ސިއްޙީ މަރުކަޒު މިއަހަރުގެ ތެރޭގައި ރަނގަނޅު ފެންވަރުގެ ޚިދުމަތްލިބޭ ހޮސްޕިޓަލަކަށް ސަރުކާރުން ބަދަލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކެނދިކުޅުދޫ މަސްޖިދުލް ރަޙްމާ ހުޅުއްވައިދެއްވުމަށްފަހު އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ކެނދިކުޅުދޫއަށް ބޭނުންވާ ތަރައްޤީގެ މުހިންމު ކަންތައްތަކެއް ކުރަން ސަރުކާރުން މިއަހަރުގެ ބަޖެޓްގައި ހިމަނުއްވާފައިވާކަމަށެވެ. އެގޮތުން ރަށުގެ ސިއްޙީ ދާއިރާ ހަރުދަނާ ކުރުމަށް މިހާރުހުރި ސިއްޙީ މަރުކަޒު ހޮސްޕިޓަލް ފެންވަރަށް ތަރައްޤީ ކުރައްވާނެކަމަށް ވިދާޅުވިއެވެ.

"މި ރަށުގެ ސިއްޙީ ޚިދުމަތައްވަނީ ބޮޑު ބަދަލުތަކެއް ގެންނަން ޖެހިފައި. ހިނގާ ވިހިވިހީގެ ބަޖެޓުގައި މިރަށުގެ ސިއްޙީ ޚިދުމަތް ތަރައްޤީކުރުން ހިމެނިފައިވާނެ. އެގޮތުން އިރާދަކުރެއްވިއްޔާ މިރަށުގެ ސިއްޙީމަރުކަޒު އިރާދަކުރެއްވިޔާ މިއަހަރުތެރޭގައި ރަނގަޅުފެންވަރުގެ ފަރުވާދެވޭ ހޮސްޕިޓަލެއްގެ ގޮތުގައި ބަދަލުކުރެވޭނެ" ރައިސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

މީގެއިތުރުން ރައީސްވަނީ ކެނދިކުޅުދޫގެ ބޮޑުމަގުކަމުގައިވާ އަޙްމަދީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށާ، ނަމަވެސް މަގު ހެދުމުގެ ކުރިން ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރަން ޖެހޭއިރު، އެމަސައްކަތް ބައެއް ދަތިތަކާއެކު ލަސްވެފައިވާކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފެނާއި ނަރުދަމާގެ މަސައްކަތްވެސް މިހާރު އަވަސްވެ ހަލުވި ސްޕީޑެއްގައި ކުރިއަށްދާކަމަށާ، އެމަސައްކަތް ނިމުމާއެކު ބޮޑުމަގު ރަނގަޅު ފެނަވަރަށް ތަރައްޤީކުރުމުގެ މަސައްކކަތް ފެށިގެންދާނެކަމަށެވެ.

"އަޅުގަނޑު ތިބޭފުޅުންނަށް މިއަދު ޔަޤީންކޮށް އަރުވަން ބޭނުންވަނީ އިރާދަކުރެއްވިއްޔާ މިރަށުގައި ފެނާއި، ނަރުދަމާގެ ނިޒާމް ނިމުމާއެކު ތިބޭފުޅުން ތިބޭނުންވާ މަގު ރަނގަޅު ފެންވަރަކަށް ތަރައްޤީކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ފެށިގެންދާނެކަން" ރައީސް ޞާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން ރައިސް ޞާލީހްވަނީ، ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ސްލިޕްވޭއާއި ޖޫނިއަރ ކޮލެޖް ޤާއިމްކޮށް ތަރައްޤީކުރުމުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ކެނދިކުޅުދޫގައި ފެށާނެކަމުގެ ޚަބަރު، އެރަށު ރައްޔިތުންނަށް ދެއްވާފައެވެ. ކެނދިކުޅުދޫގައި ސްލިޕްވޭއާއި ޖޫނިއަރ ކޮލެޖް ތަރައްޤީކުރުމަށް މިއަހަރުގެ ބަޖެޓުގައިވެސް ވަނީ ހިމަނާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނ.ކެނދިކުޅުދޫ މަސްޖިދުއް ރަޙްމާ ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ. މިއަދު އަސުރު ނަމާދަށް ހުޅުވި މިމިސްކިތަކީ ރައީސް ޞާލިޙްގެ ސަރުކާރުގައި ފުރަތަމަ ބިންގާއެޅި މިސްކިތެވެ.